ޝީޝާނުގެ ހަނގުރާމަވެރިންގެ އިންޒާރު!

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ
އޭޕްރިލް 1, 2026

އެމެރިކާއިން އީރާނަށް ބިމުން ޙަމަލާ ދިނުމުގެ ބިރު ބޮޑުވެފައިވާ އިރު، އީރާން ދިފާޢު ކުރުމަށްޓަކާ ’ޝީޝާން‘ ނުވަތަ ޗެޗްނިޔާގެ ހަނގުރާމަވެރިން އީރާނަށް އެތެރެވާނެ ކަމުގެ އިންޒާރު، ޝީޝާންގެ ހަނގުރާމަވެރި ޖަމާޢަތްތަކުން ދީފިއެވެ. އެކުވެރިންނޭވެ! މަދު ދުވަސްކޮޅެއްގެ ތެރޭގައި ގަދަބަދަވިކަމުން ހަނގުރާމަ ކާމިޔާބު ކުރާނޭކަމުގެ އުއްމީދުގައި، ބޮޑާކަމާއެކު ހަނގުރާމަ ފެށި ސާމުރާޖީ ބާރުތަކުގެ ކަރުގައި ޖެހިފައިވާ ކައްޓަކަށް، މި ހަނގުރާމަ މިވަނީ ވެފައެވެ. އަދި އެ ޖައްބާރު، އަނިޔާވެރި، ބާރުތަކުގެ ސަބަބުން، މުޅި ދުނިޔެ މިވަނީ ތިންވަނަ ބޮޑު ހަނގުރާމައާ ދިމާއަށް މިސްރާބު ޖަހާފައެވެ.

ހަފުތާތަކެއް ވަންދެން އީރާނަށް ދިން ބިރުވެރި، ނަމަވެސް ނާކާމިޔާބު ވައިގެ ޙަމަލާތަކަށް ފަހު، އީރާނަށް ’ބިމުން ޙަމަލާ‘ ދޭން ތައްޔާރުވުމަށް އެމެރިކާ ސިފައިންނަށް ޓުރަމްޕް އަމުރު ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެކަމަކު، އެ ޚަބަރު އާންމުވީތާ މާކަ ގިނައިރެއް ނުވެ، ޝީޝާންގެ ހަނގުރާމަވެރިން ދިން އިންޒާރެއްގެ ސަބަބުން ޕެންޓަގަންއަށް ވަނީ ސިހުން ލިބިފައެވެ. އެމެރިކާއިން ބިމުގެ ހަނގުރާމައެއް ފަށައިފިނަމަ، އީރާނާ އެކު ހަނގުރާމަ ކުރުމަށް މެދުއިރުމައްޗަށް އަންނާނެ ކަމަށް، ރަޝިޔާގެ ޝީޝާން ޖުމްހޫރިއްޔާގެ އަސްކަރިއްޔާއިން ވަނީ އިޢުލާންކޮށްފައެވެ!

މި ބިރުވެރި ޢާލަމީ ޖަމާޢަތާއި، ޔޫކުރޭންގެ ނިފާޤުކަމާއި، މަޒުލޫމުންގެ، މި އައު ޢާލަމީ ޖަމާޢަތާ މެދު ފުންކޮށް ބަލައި، ތަޙުޤީޤުކުރަމާ ހިނގާށެވެ. ޕްރެސް ޓީވީގެ ރިޕޯޓެއްގައިވާ ގޮތުން، ރަޝިޔާގެ ޝީޝާން ޖުމްހޫރިއްޔާގެ ވެރިޔާ ރަމަޟާން ޤަދީރޯވްއަށް ވަފާތެރި އަސްކަރީ ބާރުތަކުން، އީރާން ދިފާޢު ކުރުމަށް ތައްޔާރަށް ތިބިކަން ވަނީ ރަސްމީކޮށް އިޢުލާންކޮށްފައެވެ. އެމީހުންގެ ރިވާޔަތު އިންތިހާއަށް ހަރުކަށިވެފައި އަދި ސާފެވެ. އެމީހުން ބުނާގޮތުން، އެމެރިކާއާއި އިޒުރޭލުގެ މި އަނިޔާވެރި ހަނގުރާމައަކީ ”ދީނީ ހަނގުރާމައެކެވެ.“ މިއީ ޙައްޤާއި، ބާޠިލުގެ ހަނގުރާމައެކެވެ. އެމީހުން ދެކޭ ގޮތުގައި އީރާން ދިފާޢު ކުރުމަށް ސީދާ ހަނގުރާމައިގެ މައިދާނަށް ނުކުތުމަކީ ’ޖިހާދު‘ ކުރުމެވެ. އެމީހުންގެ މަޠުލަބު ވަރަށް ސާފެވެ. އެމެރިކާގެ ހަނގުރާމަވެރިން އީރާނުގެ ބިމުގައި ފައިތިލަ ޖައްސައިފިނަމަ، އެމީހުންނަށް ކުރިމަތިލާން ޖެހޭނީ ހަމައެކަނި އީރާނުގެ އިންޤިލާބީ ގާޑުންނަކާ އެކަންޏެއް ނޫނެވެ. އަދި ކިއެއްތަ، ހަނގުރާމައިގެ ހުނަރާއި، އުކުޅުތަކަށް މޮޅު، އަދި މަޝްހޫރު ޝީޝާންގެ ހަނގުރާމަވެރިންނާ ވެސް އެމެރިކާއަށް ކުރިމަތިލާން ޖެހޭނެއެވެ!

މިއީ ޔޫކުރޭންގެ ނިފާޤުކަމާއި ’ބަދަލު ހަނގުރާމަ‘ އަށް ހުޅުވިފައިވާ މައިދާނެކެވެ. މި ހަނގުރާމައިގެ އެންމެ ނިފާޤުކަންބޮޑު އަދި ހައިރާންކުރުވަނިވި އެއް ކަމަކީ ޔޫކްރޭނުން މި ހަނގުރާމައިގެ ތެރެއަށް ވަނުމެވެ. އެއްކޮޅުން ޔޫކްރޭނުން މުޅި ދުނިޔޭގެ ކުރިމަތީގައި ކަރުނައަޅަމުން ދަނީ ރަޝިޔާއިން، ޔޫކުރޭނުގެ މިނިވަންކަމާއި، އިސްތިޤުލާލަށް އަރައިގެންފި ކަމަށް ބުނެއެވެ. އެކަމަކު، އަނެއްކޮޅުން ހަމަ ޔޫކްރޭނުން ވަނީ އެމެރިކާއާއި، އިޒުރޭލަށް އެހީތެރިވުމަށް މެދުއިރުމައްޗަށް ސިފައިން ފޮނުވާފައެވެ! އެކަމާއި ގުޅިގެން، އެކުވެރި ދައުލަތްތަކުގެ މުނައްޒަމާގައި ހުންނަވާ އީރާނުގެ ސަފީރު އަމީރު ސަޢީދު އުރުވާނީ، ސަލާމަތީ މަޖިލީހަށް ފޮނުއްވި ސިޓީފުޅެއްގައި ޔޫކްރޭނުގެ އެ ޢަމަލު ވަނީ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާފައެވެ. ޙަޤީޤަތުގައި ޔޫކުރޭނުން މެދުއިރުމައްޗަށް ސިފައިން ފޮނުވުމަކީ ފާޅުކަން ބޮޑުގޮތެއްގައި ރަޝިޔާއަށް ކުރިމަތިކޮށްފައިވާ ބޮޑު ގޮންޖެހުމެކެވެ. އަދި ޝީޝާންގެ ހަނގުރާމަވެރިން އީރާނަށް އެއްބާރުލުން ދިނުމަށް ނިންމި ނިންމުމަކީ ރަޝިޔާއިން އެ ގޮންޖެހުން ގަބޫލުކުރި ކަމުގެ ހެއްކެކެވެ. އެހެންވީމާ، ދެން ކިއޭވްއާއި، މޮސްކޯގެ ހަނގުރާމަ ވެސް ކުރިއަށްދާނީ، ގަލްފުގެ ހަނަފަސް ސަހަރާތަކުގެ ތެރޭގައެވެ!

މިއީ، ފެބްރުއަރީ 28 ގައި އެމެރިކާއާއި، އިޒުރޭލުން އީރާނަށް ދިން ޒަޚަމްތަކުގެ ބަދަލު ހިފުމެވެ. މިހަނގުރާމަ އެހާ ބިރުވެރިވެފައިވަނީ ކީއްވެގެން ހެއްޔެވެ؟ ސަބަބަކީ، އެއްވެސް ޤާނޫނަކަށް ބޯނުލަނބާ، އަނިޔާވެރި އެމެރިކާއާއި، އިޒުރޭލުން، އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ބައިނަލްއަޤުވާމީ ޤާނޫނުތައް ބޮލާލައިޖެހުމެވެ. ފެބްރުއަރީ 28 ވަނަ ދުވަހު، ތެހެރާނާއި ވޮޝިންޓަނާ ދެމެދު ނުސީދާ މަޝްވަރާތައް ހިނގަމުން ދަނިކޮށް، އެމެރިކާއާއި، އިޒުރޭލުން ވަނީ ކުއްލި ކެހިވެރި ޙަމަލާއެއްދީ އީރާނުގެ ސުޕްރީމް ލީޑަރާއި، އިސް ކޮމާންޑަރުންނާއި، މިނާބުގައި 170 އަށް ވުރެ ގިނަ މަޢުޞޫމް ކިޔަވާ ކުދިން ޝަހީދުކޮށްލާފައެވެ. އެ އަނިޔާވެރި އަދި ޣައިރު ޤާނޫނީ ޙަމަލާގެ ޖަވާބުގައި، އަމިއްލަ ދިފާޢުގެ ޙައްޤުގެ ބޭނުން ހިފައި، ޖޯޝާއި، ޖަޒުބާތުން ފުރިފައިވާ ޤައުމަކުން، މިހާތަނަށް ގަލްފުގައި ހުރި އެމެރިކާއާއި، އިޒުރޭލުގެ އަސްކަރީ މަރުކަޒުތަކާއި، ވިޔަފާރީގެ މަސްލަޙަތުތަކަށް، ނުރައްކާތެރި މިސައިލާއި، އަދި ޑްރޯން ޙަމަލާތަކުގެ 86 ރާޅު ފޮނުވާލާފައިވެއެވެ. ކޮންމެއަކަސް، އެމެރިކާގެ ވައިގެ ޙަމަލާތަކުގެ ތާރީޚީ ނާކާމިޔާބީގެ ސަބަބުން، ’ބިންމަތިން ޙަމަލާ‘ ދިނުމުގެ މާޔޫސީ އިޚުތިޔާރާ މެދު ޓުރަމްޕަށް ވިސްނަން މަޖުބޫރުވީއެވެ.

ވައިގެ ޙަމަލާތައް ފޭލިވުމުން މިހާރު އެމެރިކާއިން ރާވާފައިވަނީ ބިންމަތީގެ ހަނގުރާމައެއް ފަށައި، އީރާނަށް އަރައިގަންނާށެވެ. އެކަމަކު، އެމެރިކާއަށް ނޭނގޭ ކަމަކީ، އީރާނުގެ ބިން ވެގެންދާނީ، އެމެރިކާގެ އަމްބަރާޠޫރިއްޔަތުގެ ޤަބުރުސްތާނަކަށް ކަމެވެ! ވައިގެ ޙަމަލާތަކުން އެއްވެސް ޤައުމެއް ފަތަޙަ ނުކުރެވޭނެކަން އެމެރިކާއަށް އެނގެއެވެ. އެކަމަކު އީރާނަށް ބިންމަތިން ޙަމަލާ ދިނުމަކީ ޢިރާޤު ނުވަތަ އަފްޣާނިސްތާނަށް ޙަމަލާދިނުން ފަދަ ކަމެއް ނޫންކަން، އެމެރިކާ ދަންނަން ޖެހޭނެއެވެ. އީރާނުގެ ޖުޣުރާފީއަކީ ޤުދުރަތީ ކިއްލާއެކެވެ. އީރާނުގެ ރައްޔިތުން ތިބީ ތައްޔާރަށެވެ. އަދި މިހާރު ޝީޝާނުގެ ބާރުގަދަ އަސްކަރީ ހަނގުރާމަވެރި ޖަމާޢަތްތަކުން ވަނީ، ބިންމަތީގެ ހަނގުރާމައިގައި އީރާނާއެކު، އެމެރިކާއާއި ދެކޮޅަށް ވަރުގަދަ ގެރިއްލާ ހަނގުރާމައެއް ކުރުމަށް ތެދުވެފައެވެ. އެމެރިކާއިން އީރާނަށް ޙަމަލާދިނީ އެ ޤައުމަކީ، ބަލިކަށި، އަދި އެކަނިވެރި ޤައުމެއް ކަމަށް ހީކޮށްފައެވެ. އެކަމަކު، މިއަދު އެމެރިކާގެ ސާމުރާޖިއްޔަތު ދެކެ ފޫހިވެފައިވާ ދުނިޔޭގެ ހުރިހާ ބާރުތަކުންވެސް މި ހަނގުރާމައިގައި ހުއްޓި ތިބީ އީރާނާއެކުގައެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *