އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހޮރުމުޒު ކަނޑުއޮޅި ހުޅުވަން އެންމެފަހުގެ މުހުލަތު އީރާނަށްދީ އިންޒާރު ކޮށްފައެވެ. އެ މުހުލަތު ހަމަވާނީ މާދަމާއެވެ. އެ މުހުލަތުގެ ކުރީން އެކަނޑުއޮޅު ނުހުޅުވައިފި ކަމަށްވާނަމަ އީރާނުގެ އެތެރޭގެ އިންފްރާސްޓްރަކްޗަ އާއި ބްރިޖްތަކާއި ޕަވަރ ޕްލާންޓްތަކަށް ހަމަލާދީ މުޅި އީރާނު ”ނަރަކަ“އަކަށް ހާދާލާނޭ ކަމަށް ބުނެ އޭނާ ވަނީ އީރާނަށް ބިރުދައްކައިފައެވެ.
ޓްރަމްޕުގެ މިއިންޒާރާއެކު އީރާނުން ބުނެފައިވަނީ އެ ގައުމުގެ އިންފްރާސްޓްރަކްޗަރ އަށް ހަމަލާ ދީފިނަމަ ބަދަލު ހިތިގޮތަކަށް ހިފާނެ ކަމުގެ ޔާގީންކަން އަރުވާ ކަމަށެވެ.
އދ. އަށް އީރާނުން ކަނޑައަޅާފައިވާ ވަފުދުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އީރާނުގައި އާންމުން ދިރިހުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ހަލާކުކޮށްލާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް އަނެއްކާވެސް ފާޅުގައި ދެމުންގެންދާ ކަމަށެވެ.
”މިފަދަ އަނިޔާވެރި ހަނގުރާމައިގެ ޖަރީމާތައް ހުއްޓުވުމަކީ ބައިނަލްއަގުވާމީ މުޖުތަމައަށާއި ހުރިހާ ގައުމެއްގެ ގާނޫނީ ޒިންމާއެއް. އެމީހުންނާމެދު މިހާރުން މިހާރަށް ފިޔަވަޅު އަޅަންޖެހޭ. މާދަމާއަށް ވަރަށް ލަސްވެއްޖެ،“ އެ ބަޔާނުގައި ބުނެފައިވެ އެވެ.
އީރާނުގެ ރައީސް އޮފީހުގެ ޑެޕިއުޓީ ފޯ ކޮމިއުނިކޭޝަންސް ސައްޔިދު މެހްދީ ތަބަތަބާއީ ވިދާޅުވީ އެ ކަނޑުއޮޅި އަލުން ހުޅުވާނީ ހަނގުރާމައިގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދިނުމުން ކަމަށެވެ.
ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން އިސްވެ އީރާނަށް ހަމަލާ ދިން ފަހުން އީރާނުން ވަނީ ހޮރުމުޒު ކަނޑުއޮޅި އެމީހުންގެ ބާރުގެ ދަށަށް ގެނެސް ދަތުރުފަތުރު ކުރުން ހުއްޓުވައިފައެވެ. އީރާނުން ހުއްދަދޭ ބަޔަކަށް މެނުވީ އެކަނޑުއޮޅި ހުރަސް ނުކުރެވެއެވެ. އެތަން ބަންދުކޮށްފައި އޮތުމުގެ ސަބަބުން ދުނިޔޭގެ ތެލުގެ ސަޕްލައިއަށް ވަނީ ވަރަށްބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. އެހެން ކަމުން އެކަނޑުއޮޅު ހުޅުވުމަށް މީގެކުރިން ވެސް ޓްރަމްޕުވަނީ އީރާނަށް މުހުލަތު ދީފައެވެ. އެއިން އެއްވެސް ފަހަރަކު އީރާނުން އެއަށް އަމަލުކޮށްފައިނުވެއެވެ. ބަދަލުގައި އީރާނުން ދަނީ އެމެރިކާއަށް ގޮންޖަހަމުންނެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް ފޮކްސް ނިއުސް އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އީރާނުން އެމެރިކާއާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެއާއެކު ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ގަބޫލު ކުރާކަމަށް ޓްރަމްޕް ވަނީ ބުނެފައެވެ.






