އީރާނުގެ އަސްކަރިއްޔާގެ ޗީފް ކޮމާންޑަރު މޭޖަރ ޖެނެރަލް އާމިރު ހާތަމީ ވިދާޅުވީ، އެމެރިކާއާއި އިޒްރޭލު (ދުޝަމަނުން) ގެ ބާރުގެ ދަށަށް އީރާނު ގެންދަން ކުރާ މަސައްކަތް ދުވަހަކުވެސް ހަގީގަތަކަށް ނުވާނޭ ކަމަށެވެ.
އޭނާ މިހެން ވިދާޅުވީ އީރާނުގެ އިސް މަސްއޫލުވެރިން ސުލްހައިގެ ވާހަކަތަކުގައި އަވަދިނެތި އުޅުނުއިރު އެމެރިކާއިން ހަމަލާދީ ފައްތާލި މަނަވަރު ”އައިރިސް ޑެނާ“ އިން ސަލަމާތްވި ”ޑެނާ ފްލީޓްގެ 32 ބަޠަލުންނަށް“ މަރުހަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އައިރިސް ޑެނާ އަށް އެމެރިކާ އިން ހަމަލާ ދިނީ ހަތިޔާރާ ނުލައި އިންޑިއާގައި ބޭއްވި މަލްޓިނޭޝަނަލް ނޭވަލް އެކްސަސައިޒަށް ފަހު އެނބުރި ގައުމަށް ދިޔަ މަގުމަތީގަ އެވެ. މި ހަމަލާގައި ނޭވީގެ އެތައް ސަތޭކަ ސިފައިން ވަނީ ޝަހީދުވެފަ އެވެ.
އާމިރު ހާތަމީ ވިދާޅުވީ ހަނގުރާމައިގެ ދުވަސްވަރު ސަރުކާރުން ކަންކަން އިންތިޒާމުކޮށް ބެލެހެއްޓި ރަނގަޅުކަމުން ސަރުކާރަށް ތަޢުރީފު ކުރައްވައިފައެވެ. ކޮމާންޑަރު ވިދާޅުވީ މިފަދަ ހަނގުރާމައެއް ކުރިމަތިވާ ކޮންމެ ޤައުމަކަށްވެސް ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނޭ ކަމަށާއި އެހެނަސް ސަރުކާރުގެ މަސްއޫލުވެރިންގެ ހިތްވަރުގަދަ މަސައްކަތުން އީރާނަށް އެއްވެސް މައްސަލައެއް ކުރިމަތި ނުވި ކަމަށް ކޮމާންޑަރު ވިދާޅުވި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު ފަށައިފައިވާ ހިސޯރު ކުރުމުގެ އުދުވާނާ ބެހޭގޮތުން ކޮމާންޑަރު ވިދާޅުވީ އެއީ ކަނޑުފޭރުމުގެ އަމަލެއް ކަމަށެވެ. ޓްރަމްޕުގެ ބޭނުމަކީ އީރާނު ކަކޫ މައްޗަށް ތިރި ކޮށްލުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނަށް ދިން ހަމަލާގައި ވަނީ އޭރުގެ އިސްލާމިކް ރިވޮލިއުޝަންގެ ލީޑަރު އާޔަތުالله ސައްޔިދު އަލީ ޚާމަނާއީ ޝަހީދު ކޮށްލައިފައެވެ. އޭގެ ސަބަބުން އީރާނުންވަނީ އެމެރިކާ އާއި އިޒްރޭލާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެއް ފަށައިފައެވެ. މި އޮޕަރޭޝަނުގައި އީރާނުގެ އަސްކަރިއްޔާއިން ވަނީ އެ ސަރަހައްދުގައިހުރި އެމެރިކާ އާއި އިސްރާއީލުގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީ ބޮޑެތި ގެއްލުންތައް ދީފައެވެ.






