ހަނގުރާމައިން ލިބުނު ގެއްލުމުގެ ބަދަލު ދޭންޖެހޭނެ: އިރާން

އަހުމަދު މުހައްމަދު
އޭޕްރިލް 18, 2026

އެމެރިކާ އާއި އިޒްރޭލުން އިސްވެ އީރާނަށް ހަމަލާދީ އެގައުމަށްދީފައިވާ ގެއްލުމުގެ ބަދަލު އެގައުމުތަކުން ދޭންޖެހޭނޭ ކަމަށް އީރާނުގެ ޖުޑިޝަރީ ޗީފް ޣުލާމް ހުސައިން މުހްސެނީ-އެޖެއީ ވިދާޅުވެއްޖެއެވެ. އަދި އެ ދެގައުމު ވަނީ އިރާނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާތައް ހިންގާފައި ކަމަށާއި އެހެން ކަމުން އެ ދެ ސަރުކާރު ގާނޫނީ ގޮތުން ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މުހްސެނީ މިހެން ވިދާޅުވީ އީރާނުގެ ވެރިރަށް ތެހެރާނުގައި މިހާރު ކުރިއަށްދާ ހައި ކައުންސިލް އޮފް ދަ ޖުޑިޝަރީގެ އިސްވެރިންނާއި ޕްރޮވިންޝަލް ޖުޑިޝަރީ އިސްވެރިންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

އޭނާ ވިދާޅުވީ އެމެރިކާ އާއި އިޒްރޭލު ސަރުކާރުން މި ހަނގުރާމަ ފަށައި އީރާނަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށެވެ. އެ ޙަމަލާތަކުގައި ގަސްދުގައި ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަމަށާއި، އޭގެ ތެރޭގައި ޢާންމު ރައްޔިތުންނާއި ކުޑަކުދިން މެރުމާއި، ހޮސްޕިޓަލްތަކާއި، ސްކޫލްތަކާއި، ޔުނިވަރސިޓީތަކާއި، މީހުން ދިރިއުޅޭ ސަރަޙައްދުތައް ފަދަ ރައްކާތެރި ތަންތަނަށް ޙަމަލާދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

1949 ވަނަ އަހަރުގެ ޖެނީވާ ކޮންވެންޝަންގެ މާއްދާތަކާއި އެ މުއާހަދާގެ އިތުރު ޕްރޮޓޮކޯލްތަކާ ވެސް އެދެގައުމުން ޚިލާފުވެފައިވާ ކަމަށް އިރާނުން އޭނާ ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ބައިނަލްއަޤްވާމީ ޤާނޫނީ އަދި ޝަރުޢީ އިދާރާތަކުގެ ކުރިމަތީގައި އީރާނުގެ ޤާނޫނީ ޙައްޤުތައް ކަށަވަރު ކުރުމަށް އެޓަރނީ ޖެނެރަލަށާއި، ޖުޑިޝަރީގެ އިންޓަރނޭޝަނަލް އެފެއަރޒް އޮފީހަށާއި، އިންސާނީ ޙައްޤުތަކާބެހޭ މައި މަރުކަޒަށް އީރާނުގެ ރައީސް ވަނީ އިރުޝާދު ދެއްވާފައި ކަމަށް ވެސް ވިދާޅުވިއެވެ.

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ހިންގާފައިވާ ޖަރީމާތަކާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ހިނގަމުންދާ ޤާނޫނީ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު މި ބައްދަލުކުރެއްވުމުގައި ވަނީ އެގައުމުގެ ނާއިބު ރައީސާ ޙިއްޞާ ކުރައްވާފައެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *