ތުރުކީ އާއި އީރާނާ ދެމެދު ދަނޑުވެރިކަމާއި ބޯޑަރު ގުޅުން އިތުރަށް ފުޅާ ކުރުމަށް އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް އީރާނުގެ އެގްރިކަލްޗ މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އޮފް އެގްރިކަލްޗަރަލް ޖިހާދު ޣުލާމްރޭޒާ ނޫރީ މިހެން ވިދާޅުވީ ދާދިފަހުން ތުރުކީއަށް ކުރެއްވި ދަތުރުފުޅާއި ކިރްގިސްތާނުގައި ބޭއްވި ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ގެ އެގްރިކަލްޗަރ މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު އެކަމުގެ މައުލޫމާތު ނޫސްވެރިންނާ ހިއްސާ ކުރައްވަމުންނެވެ.
ތުރުކީގެ އަގްރީ އަދި އިގްދީރް ޕްރޮވިންސްގެ ގަވަރުނަރުންނާ ބައްދަލު ކުރައްވައި ބޯޑަރު އަދި ޕްރޮވިންސްގެ އެއްބާރުލުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ނޫރީ ވިދާޅުވި އެވެ. އަދި ފްރީ ޓްރޭޑް ޒޯންތައް މެދުވެރިކޮށް އެކި ޕްރޮވިންސްތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް ވަރަށް އަވަހަށް ފިޔަވަޅުތަކެއް އަޅާނެ ކަމަށާއި، މިކަމުގައި ތުރުކީން އެއްބާރުލުން ދޭން ތައްޔާރަށް އޮތްކަން އޭނާ ހާމަކުރެއްވިއެވެ.
ބޯޑަރ އެކުވެރިކަން ހަރުދަނާ ކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކާބެހޭގޮތުން ނޫރީ ވިދާޅުވީ ރައީސް މަސޫދު ޕެޒެޝްކިއަން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ޕްރޮވިންސްތަކާއި އަވަށްޓެރި ގައުމުތަކާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކަމަށެވެ. އޭގެ ސަބަބުން ގުޅުން ބަދަހިވެ، ބޯޑަރ މާކެޓްތައް ފަދަ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި، ދެފަރާތުންވެސް ވަނީ ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް ވާހަކަ ދައްކަވާފައި ކަމަށެވެ. އަދި ތުރުކީން ވަނީ ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފައި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތައް ތުރުކީން ވަނީ ކުށްވެރި ކުރައްވާފައި ކަމަށް ވެސް ވިދާޅުވިއެވެ.






