އީރާނުގައި ހަރަކާތްތެރިވަމުންދާ ކުލީ ސިފައިންގެ ފައުޖުތައް ނައްތާލުމަށް އީރާނުން ނިންމައިފިއެވެ. އެގައުމުން ނިންމާފައިވަނީ އީރާނުގެ އިރުމަތީ އަޒަރުބައިޖާން، ކަރްމަން އަދި މަޒަންދަރާން ޕްރޮވިންސްތަކުގައި ހަރަކާތެރިވާ އެފަދަ ޖަމާއަތްތަކެވެ. މިއީ އެމެރިކާ އާއި އިސްރާއީލާއި، އިނގިރޭސިވިލާތާ ގުޅުން އޮންނަ ހަތިޔާރު އެޅި ފުއުޖުތަކެއް ކަމަށް އިސްލާމިކް ރިވޮލިއުޝަން ގާޑްސް ކޯޕްސް (އައިއާރްޖީސީ) އިން ވަނީ ބުނެފައެވެ.
އައިއާރްޖީސީގެ އިންޓެލިޖެންސް އޯގަނައިޒޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޖަމާއަތްތަކުން ހަރަކާތްތެރިވަނީ ހަތިޔާރު ދިނުމާއި، ޖާސޫސްކުރުމާއި، މާކެޓް ރޫޅާލުމާއި، މުދާ އެތެރެކުރުމާއި، އިގުތިސާދީ ވާހަކަތައް ފަތުރައި، މަގުމަތީގައި ހަމަނުޖެހުން ހިންގުމަށް ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ އިރުމަތީ އަޒަރުބައިޖާން ޕްރޮވިންސްގެ އިންޓެލިޖެންސް އިދާރާއިން މިދިޔަ ހަފުތާގައި ހިންގި ދެވަނަ އޮޕަރޭޝަނުގައި ރަސްކަމަށް ތާއީދުކުރާ ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން އޮންނަ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހުން ގެންދަނީ ބަޣާވާތްކުރުމުގެ ހަރަކާތްތައް ހިންގުމާއި، ނާޒުކު މުހިންމު މައުލޫމާތު އެމީހުންގެ ލީޑަރުންނަށް ފޯރުކޮށް ދެމުންނެވެ.
މަޒަންދަރާންގައި އައިއާރްޖީސީގެ ޔުނިޓުން ވަނީ ޒަޔަނިސްޓް ސަރުކާރާ ގުޅުން ހުރި 69 މީހަކު ހައްޔަރުކޮށްފަ އެވެ. އެމީހުން އަތުވަނީ ބައެއް ހަތިޔާރާއި ޓެލެކޮމިއުނިކޭޝަން އާލާތްތައް އަތުލައިގެންފައެވެ. އައިއާރްޖީސީން ވަނީ ކަރްމަން ޕްރޮވިންސްގައި ހިންގި އޮޕަރޭޝަނެއްގައި ވެސް 51 މީހަކު ހައްޔަރުކޮށްފަ އެވެ.
ހައްޔަރު ކުރި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ބޭރުގެ ލީޑަރުންނާ ސީދާ ގުޅުން އޮންނަ ބައެއް ކަމަށާއި އެ ޕްރޮވިންސްގައި ހަމަނުޖެހުން އުފައްދައި ކުލީ ސިފައިން ރެކްރޫޓް ކުރުމުގެ މަސައްކަތް ވެސް އެފަރާތުން ދިޔައީ ކުރަމުންނެވެ.
އެމެރިކާ އާއި އިޒްރޭލުގެ މަދަދު ލިބިގެން އީރާނުގައި ހަމަނުޖެހުން ހިންގާ އެތައް ސަތޭކަ ބަޔަކު އިރާނުން ވަނީ ހައްޔަރު ކޮށްފައެވެ.






