މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އައްޔަން ކުރެއްވި ޢަލީ އިޙްސާނަށް ރުހުންއޮތްތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި މިނިސްޓަރަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓުދެއްވީ އަމިއްލައަށް ފެނިގެން ކަމަށް އެމްޑީޕީ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
އެގޮތަށް ވޯޓު ދެއްވީ އެމްޑީޕީން ނިންމައިގެންތޯ ނުވަތަ އެމްޑީޕީ ޕީޖީ ގްރާޕުން ނިންމައިގެންތޯ ސުވާލު ދެންނެވުމުން މައުރޫފު ވިދާޅުވީ އެގޮތަށް ނިންމެވީ ސީދާ އަމިއްލަ ވިސްނުމުގައި އަމިއްލައަށް ކަމަށެވެ. ”އެހެން މެންބަރުންގެ ވޯޓް ދެއްވީ ސަބަބު އަޅުގަނޑަށް މުޅިއަކުން ސާފެއްނޫން،“ އޭނާ ވިދާޅުވިއެވެ.
އިޙްސާނަށް ރުހުންދޭން ފެންނަ ކަމަށް އެމްޑީޕީގެ ގިނަމެންރުން ވަނީ ވޯޓުދީފައެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ ގަލޮޅު ދެކުނުދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމްދު ނަސީމާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދެވެ. އެމްޑީޕީގެ ޕީޖީ ލިޑަރު އިބްރާހީމް ނާޒިލާއި، ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ. އެމްޑީޕީގެ މެންބަރުން އެންމެ ބޮޑަށް ފާުކިޔައިފައިވާ ވަޒީރުންގެ ތެރޭގައި އިޙްސާން ހިމެނެއެވެ. އެނެންނަމަވެސް އެމަނިކުފާނަށް ރުހުންދޭން ވޯޓު ދިނުމުން ވޯޓު ދިން އެމްޑީޕީގެ މެންބަރުންނަށް ވަރަަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ. އޭގެ ތެރެއިން ބައެއް މެންބަރުންވަނީ ފަހުން މާފަށް ވެސް އެދިފައެވެ.






