ނޫސްވެރިކަމަކީ، ޒުވާނުންނަށް ފަހި މުސްތަޤުބަލެއް އޮތް ދާއިރާއަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެވެ. ޕްރެސްފްރީޑަމްޑޭގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި ރައީސް ވިދާޅުވީ އެމަނިކުފާނު އެގޮތަށް މަސައްކަތް ކުރައްވަމުން ގެންދަވާއިރު ނޫސްވެރިކަމަކީ، އެ މަސައްކަތްކޮށްގެން އަބުރުވެރި ދިރިއުޅުމެއް ބިނާކުރުމުގެ މަގު ތަނަވަސްވެފައިވާ ދާއިރާއަކަށް ހަދަންޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އާބާދީ ކުޑަވުމުގެ ސަބަބުން ދެމެހެއްޓިނިވި ގޮތެއްގައި މީޑިއާ ހިންގުމަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެކަމަށް ޙައްލެއް ހޯދައި، ދުނިޔެއަށް އަންނަމުންދާ ވިލުންތެރި ބަދަލުތަކާއެކު ފައިހަމަކުރާނޭ، މީޑިއާގެ ޢިލްމީ ޖީލެއް ބިނާކުރާނެ ފުރުސަތުތައް ތަނަވަސް ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށްވެސް ވިދާޅުވިއެވެ.
”މީޑިއާތަކަށް ދުވަހަކުވެސް ސަރުކާރަކުން ނުދޭ ސަމާލުކަން މި ސަރުކާރުން މިއަންނަނީ ދެމުންނެވެ. އެގޮތުން، މީޑިއާއަށް ކޮށްދޭނެ ކަމަށް ވީ ވަޢުދުތައް މިދަނީ ފުއްދަމުންނެވެ. ދިވެހި މީޑިއާތައް ހިންގާނެ ވަކި ތަނެއް ނުވަތަ މީޑިއާ ވިލެޖެއް ތަރައްޤީ ކުރުމަށާއި، މީޑިއާތަކުގެ މާލީ މިނިވަންކަން ކަށަވަރުކުރާނެ މަގު ފަހިކޮށްދިނުމަށް، ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް، ދެފުށް ފެންނަ ވަކިއުސޫލެއްގެ ތެރެއިން ދޭން ނިންމީވެސް ކުރިން ދެންނެވި މަގަށް ދިވެހި މީޑިއާ ތަރައްޤީކުރުމަށް ފުރުސަތު ފަހިކުރުމަށެވެ. މީޑިއާ ވިލެޖުވެސް ދާދި އަވަހަށް ހުޅުވި އެތަނުގެ ޚިދުމަތް ދިވެހި މީޑިއާތަކަށް ލިބެން ފަށާނެއެވެ.“
ރާއްޖޭގެ މީޑިއާ ބޮޑުވެ، ފުޅާވެ އެމަސައްކަތުގެ ތެރެއަށް ވަންނަ ޒުވާނުން އިތުރުވަމުންދާކަމީ އެމަނިކުފާނު ފަޚުރުވެރިވެ ވަޑައިގަންނަވާ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އާބާދީގެ ނިސްބަތުން ދިވެހިރާއްޖެއަކީ، މީޑިއަމްތައް އެންމެ ގިނަ ޤައުމު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މިއާއެކު މީޑިއާގެ މިނިވަންކަން ދެމެހެއްޓުމުގެ ފުރުސަތު ފަހިކޮށްދެއްވާނޭ ކަމަށްވެސް ވިދާޅުވިއެވެ. އަދި ނޫސްވެރިން ތަމްރީނު ކުރުމާއި، ފެމިލިއަރައިޒޭޝަން އަދި އެހެން ޤައުމުތަކުގެ ނޫސްވެރިންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ ފުރުސަތު އިތުރުކޮށްދެއްވާނޭ ކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވައިފައެވެ.






