ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، ރައީސުލްޖުމްހޫރިއްޔާ ދިވެހި ނޫސްވެރީންނަށް އުފާވެރި ޚަބަރެއް ދެއްވައިފައިފިއެވެ.
މިއަދާ ގުޅިގެން އެމަނިކުފާނު ދެއްވި ޚިޠާބުގައި ވިދާޅުވެފައިވަނީ ދިވެހި ނޫސްވެރިންނަށް ހުރިހާ ގޮތަކުން ފަހި ރައްކާތެރި މާހައުލެއް ތަނަވަސްކޮށްފައި ބޭއްވުމަކީ، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ހިފަހައްޓަމުން އަންނަ އެންމެ މަތީ އެއް މަޞްލަޙަތު ކަމަށެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ”ދިވެހި ނޫސްވެރިންނަށް ޤާނޫނު އަސާސީއިން ކަށަވަރު ކޮށްދީފައިވާ އެންމެހައި ޙައްޤުތައް އޭގެ އެންމެ މަތީ ދަރަޖައިގައި ކަށަވަރު ކޮށްދޭނެ ކަމުގެ ޔަޤީންކަން މިއަދުވެސް އަރުވަމެވެ.“
”ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަމުންދާއިރު، އަޅުގަނޑުމެން އެންމެން ވަރަށް ފުންކޮށް ވިސްނައި ފިކުރުކުރަންޖެހޭ ކަންތައްތައް ވަރަށް ގިނައެވެ. މިވަގުތަކީ، ނޫސްވެރިކަމާއި، ޓެކްނޮލޮޖީއާއި، މަދަނީ ޙައްޤުތަކާއި އިންސާނީ ޙައްޤުތަކާ ދެމެދު އޮންނަ ވަކިވަކި ގުޅުންތައް ގުޅުވާނެ ނިޒާމުތަކާމެދު ދުނިޔޭގައި ފުޅާކޮށް ބަހުސްކުރަމުން އަންނަ ވަގުތެކެވެ. އަދި ނޫސްވެރިންނާއި، ޑިޖިޓަލް ޙައްޤުތައް ހިމާޔަތްކުރާ ފަރާތްތަކާއި، ޓެކްނޮލޮޖިސްޓުންނާއި، ޕޮލިސީ ހަދާ ފަރާތްތަކާއި، ރެގިއުލޭޓަރުންނާއި، މަދަނީ ޖަމްޢިއްޔާތަކާއި، ޢިލްމީ ދާއިރާތަކާއި، ދިރާސާވެރިންނާއި، ޒުވާނުން ލީޑަރުން އަދި ކޮންޓެންޓް ކްރިއޭޓަރުންގެ މެދުގައި އޮތް ޚިޔާލުތަފާތުވުންތަކަށް އާ ހައްލުތައް ހޯދުމަށް ބަހުސްކުރަމުން އަންނަ ވަގުތެކެވެ. ނޫސްވެރިކަމުގެ މުސްތަޤުބަލަށް ފަހި އިންފޮމޭޝަން އިކޯސިސްޓަމްތައް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތްތައް ސަރުކާރުން މިދަނީ ކުރަމުންނެވެ. މޯލްޑިވްސް 2.0 ގެ ތަޞައްވުރު ޙަޤީޤަތަކަށްވެގެންދާއިރު، ހުރިހާގޮތަކުންވެސް ދިވެހި ނޫސްވެރިންނަށް މިއަދަށްވުރެ ފަހި މާހައުލެއް ތަނަވެސްވެގެން ދާނެއެވެ.“






