ދިވެހި ލަޝްކަރުގެ އަމުރުފީތާ (ޗެއިން އޮފް ކޮމާންޑް)
ދިވެހީންގެ ލަޝްކަރަކީ ޤައުމުގެ މިނިވަންކަން ދިފާޢުކުރުމުގައި އެތައް ހަނގުރާމަތަކެއް ކޮށްފައިވާ ފަޚުރުވެރި ލަޝްކަރެކެވެ. އަދި ބާރުގެ ގޮތުން ނުބައްދަލު ބާރުތަކުގެ ކުރިމަތީގައި ވެސް ހިތްވަރާއެކު ހަނގުރާމަކޮށް ދިވެހީންގެ މިނިވަންކަން ދެމެހެއްޓި އަދި ޤައުމަށް ޓަކައި މަތިވެރި ޤުރުބާނީތަކެއް ވެފައިވާ ލަޝްކަރެކެވެ. މި ހަނގުރާމަތައް މި ލަޝްކަރުން ކޮށްފައިވަނީ ވަރަށް ހަރުދަނާ ރޭވުންތެރިކަމަކާއި އިންތިޒާމެއްގެ މަތިންނެވެ. ތަރުތީބީ ގޮތެއްގައި އެންމެމަތިން ފެށިގެން އެންމެ ދަށަށް ވެސް އަމުރުތަކުގެ ސިލްސިލާ ދައުރުވާ ފުރިހަމަ ނިޒާމެއް އޮވެގެންނެވެ. ދިވެހީންގެ ލަޝްކަރާ ބެހޭ ގޮތުން ފެންނަން ހުރި އެންމެ ކުރީގެ ލިޔުންތަކުން އެނގެނީ މިއީ ”ބޮޑު“ ލަޝްކަރެއްކަމެވެ. ކާމިޔާބު އަދި ފުރިހަމަ ލަޝްކަރެއްކަމެވެ. މީލާދީން 10 ވަނަ ޤަރުނުގައި ދުނިޔޭގައި އުޅުއްވި އަރަބި ދުނިޔޭގެ މަޝްހޫރު ތާރީޚީ އިލްމުވެރިޔާ އަދި ޖޯގުރަފީ މާހިރެއްކަމުގައިވާ އަބުލް ޙަސަން ޢަލީ އަލް މަސްޢޫދީ ސްރީލަންކާއަށް ކުރެއްވި ޒިޔާރަތެއްގައި ދިވެހިރާއްޖެއާ ބެހޭ މަޢުލޫމާތު ހޯއްދަވައި އެ ވާހަކަ އޭނާގެ ދަތުރުނާމާގައި ލިޔުއްވާފައިވެއެވެ. މީލާދީން 916 ވަނަ އަހަރު އަލް މަސްޢޫދީ ބަޔާން ކުރައްވާފައިވާ ގޮތުގައި ”މި ރަށްތަކުގެ ވަޒަންވެރިން ތަބާވަނީ އެއް ރަސްކަލަކަށެވެ. އެމީހުންގެ އަދަދު ގިނައެވެ. އަދި ހިމަނައި ނުގަނެވޭނެ ފަދަ ގިނަ ލަޝްކަރެއް، މައިދާނަށް ނެރެލުމުގެ ކުޅަދާނަކަން ދިވެހި ސިންގާސަނާއަށް ލިބިގެންވެއެވެ.“ މި ވާހަކައިން އޭރުވެސް ދިވެހިރާއްޖެއަކީ އެއް ވެރިކަމެއްގެ ދަށުގައި އޮތް މިނިވަން ޤައުމެއްކަމާއި ދިވެހީންގެ ލަޝްކަރުގެ އެންމެ މަތީ ވެރިޔަކީ އޭރު ރަސްކަމުގެ ތަޚުތުގައި އިންނެވި ރަދުންކަމާއި ލަޝްކަރުގެ މުޅި ކޮންޓްރޯލު ކީރިތި މަހާރަދުންނަށް ލިބިގެންވާކަން ދޭހަވެއެވެ.
ދިވެހި ލަޝްކަރުގެ އެންމެ އިސް ނުވަތަ އެންމެ މަތީ ވެރިޔަކީ އަބަދުވެސް ދިވެހި ދައުލަތުގެ އެންމެ މަތީ ވެރިޔާއެވެ. އެވޭލާ ޒަމާނުގައި ދިވެހިރާއްޖޭގައި އޮތް ރަސްކަމުގެ ނިޒާމުގައި އެއީ ކީރިތި މަހާދުންނެވެ. ނުވަތަ ރަނިކަމަނާއެވެ. އެއީ ދިވެހި ޤައުމާއި ދިވެހި ދައުލަތުގެ ވެސް އެންމެ މަތީ ވެރިޔާއެވެ. ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވާ، ދިވެހި ސިންގާސަނާ ފަޅުފިލުއްވާ ވެރިޔާއެވެ.
ދިވެެހި ރަސްކަން ހިންގުމުގެ އެންމެ މަތީ މަޖިލިހަކީ ކިލެގެ ބޭކަލުންގެ މަޖިލިހެވެ. ރަދުން ނުވަތަ ރަނިންނަށް ފަހު ދިވެހި ދައުލަތުގައި އެންމެ އިސްކޮށް ތިއްބަވަނީ ކިލެގެބޭކަލުންނެވެ. އެހެންކަމުން ދިވެހި ރަސްކަމުގައި މަޤާމުގެ ގޮތުން އެންމެ އިސް ބަޔަކީ ކިލެގެ ބޭކަލުންނެވެ. މި ބޭކަލުންގެ ނަމާއެކީ ލަޤަބުގެ ފަހަތަށް ”ކިލެގެފާނު“ ބޭނުންކުރެއެވެ. ކިލެގެ ބޭކަލުންގެ ތެރޭގައި ހިމެނުނީ ދޮށިމޭނާ ކިލެގެފާނު، ފާށަނާ ކިލެގެފާނު، ރަންނަބަނޑޭރި ކިލެގެފާނު، ފާމުދޭރި ކިލެގެފާނު، މާފަތް ކިލެގެފާނު، ދަހަރާ ކިލެގެފާނު، އޮޅިގިނައި ކިލެގެފާނު އަދި ކައުޅަންނާ ކިލެގެފާނެވެ. މިއިން ކޮންމެ ކިލެގެ ބޭކަލަކަށް ވެސް މަޤާމާ ގުޅޭ ޚާއްޞަ މަސްއޫލިއްޔަތުތަކެއް އޮވެއެވެ. ރަސްގެފާނަކީ ކިލެގެތަކުގެ އެންމެ އިސް ކިލެގެއެވެ. އާދެ! ރަސްކިލެގެއެވެ. އިހުގައި އަންހެން ބޭކަނބަލުންނަށް ޚާއްޞަ ކިލެގެ ކަމުގެ ތިން ލަޤަބެއް ވެސް އޮތެވެ. އެއީ ރަނިކިލެގެ އާއި، ކަނބައިދި ކިލެގެ އާއި، މާވާކިލެގެއެވެ. ކިލެގެ ބޭކަލުންނަކީ ޤައުމުގެ އަމީރުންނެވެ. ކިލެގެ ބޭކަލުންގެ އިތުރުން ރަސްރަސްކަލުންގެ ފިރިހެން ބޭފުޅުންނަކީ އަމީރުންނެވެ. އަމީރުރަސްކަމަކީ ވަލީޢަހުދުކަމެވެ.
ކިލެގެ ބޭކަލުންގެ ތެރޭގައި ތިއްބަވާ ”ޖަހާ ހަނގުބޭކަލުން“ ނަކީ ވަރަށް އިސް ބޭކަލުން ކޮޅެކެވެ. މިއީ ކިލެގެ ބޭކަލުންގެ ތެރެއިން ޚުދު މަހާރަދުން ޚާއްޞަ ކުރައްވައި ހޮއްވަވާފައި ތިއްބަވާ ވަރަށް އަރިސް ދެތިން ބޭކަލެކެވެ. މިއީ ރަދުން ކަންކަމުގައި މަޝްވަރާ ހޯއްދެވުމަށާއި ރަސްމީ ޢިއްޒަތުގައި ތަންތަނަށް ވަޑައިގަތުމުގައި ބައިވެރިވެ ލެއްވުންފަދަ ޚާއްޞަ ކަންތައްތަކަށް ތިއްބަވާ ބައެކެވެ.
ޖަހާހަނގުބޭކަލެއްގެ މަޤާމު އެންމެ ފަހުން ފުރުއްވި ބޭފުޅަކީ ސުމުއްވުލް އަމީރު ޢަލީ ކުޑަރަންނަބަނޑޭރި ކިލެގެފާނެއެވެ. ހެންވޭރުގޭ އަލްއަމީރު ޢަލީ ކުޑަރަންނަބަނޑޭރި ކިލެގެފާނަކީ 1892 ވަނަ އަހަރު ”ސިފައިން“ އުފެއްދެވިއިރު ތިއްބެވި އަށް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭކަލެކެވެ. އަދި މިއީ 1909 ވަނަ އަހަރު ޕިޝާވަރުން ޕިޗޯރީން ގެނެސްގެން ގެންނަން އުޅުނު ބަޣާވާތް ނާކާމިޔާބު ކޮށްލެއްވުމަށް ޓަކައި އޭރުގެ ރަސްގެފާނު އައްސުލްޠާން މުޙައްމަދު ޝަމުސުއްދީން (3ވަނަ) އައްޔަންކުރެއްވި ޚާއްޞަ ސިފައިންގެ ބޭކަލެއް ވެސް މެއެވެ. ސުމުއްވުލް އަމީރު ޢަލީ ކުޑަރަންނަބަނޑޭރި ކިލެގެފާނު ވަނީ ޝަމްސުއްދީން ރަދުންގެ ރަސްކަމުން ފެށިގެން ޙަސަން ނޫރައްދީން ރަދުންގެ ރަސްކަން ނިމެންދެން ބޮޑުބަނޑޭރިކަން ކުރައްވާފައެވެ.
ކިލެގެ ބޭކަލުން (އަމީރުން) ނަށްފަހު ދެން އެންމެ އިސްކޮށް ތިއްބަވަނީ ވަޒީރު ބޭކަލުންނެވެ. މި ބޭކަލުން ހިމެނިވަޑައި ގަންނަވަނީ ރަސްކަމުގެ ދެވަނަ މަޖިލީހުގައެވެ. ވަޒީރުންގެ ތެރޭގައި ”ފަންސަފުރަދާނަ“ އިން ތިއްބަވައެވެ. މިއީ އިހުގައި ރަސްކަމުގެ ކަންތައްތައް ހިންގަވަން ތިއްބަވާ ފަސް ވަޒީރުންނެވެ. ފުރަދާނަކަމަކީ ވަޒީރުކަމެވެ. ފަންސަފުރަދާނައިގެ ތެރޭގައި ތިއްބަވާ ފަސް ވަޒީރުންނަކީ ފަނޑިޔާރު، ހަނދޭގިރި (ދާޚިލީ ވަޒީރު)، ދޮށިމޭނާ (ދިފާޢީ ވަޒީރު)، ވެލާނާ (ޚާރިޖީ ވަޒީރު) އަދި ހަކުރާ (އާންމު ޚިދުމަތްތަކާ ބެހޭ ވަޒީރު) އެވެ.
ވަޒީރު ބޭކަލުންގެ ތެރޭގައި ހިމެނޭ ލަޤަބުތަކަކީ ދޮށިމޭނާ، ހަކުރާ، ވެލާނާ، ފާމުދޭރި، މާފަތް އަދި ދަހަރާއެވެ. ވަޒީރު ބޭކަލުންގެ ނަމާއެކީ ލަޤަބުގެ ފަހަތަށް އިތުރުކުރެވޭނީ އެބޭކަލެއްގެ ދަރަޖައަކާ ގުޅޭ ނަމެކެވެ. ދީދީއެއް ނަމަ މަނިކުފާނެވެ. މަނިކެއް ނަމަ ތަކުރުފާނެވެ. ފުޅެއް ނަމަ ކަލޭގެފާނެވެ.
ރަސްކަމުގެ ނިޒާމުގައި ކިލެގެ ބޭކަލުން (އަމީރުން) ނާއި ވަޒީރުން ތަފާތެވެ. އަމީރުން ބެލެވިފައި އޮތީ ޤައުމުގެ ހިއްސާދާރުންގެ ގޮތުގައެވެ. ވަޒީރުންނަކީ އަމީރުންނަށްވުރެ ދަރަޖައިގެ ގޮތުން ދަށް، ނަމަވެސް ޤައުމު ހިންގާ ބޭކަލުންނެވެ. ބައެއް ކިލެގެ ބޭކަލުން ވަޒީރުންގެ މަސްއޫލިއްޔަތު ވެސް އުފުއްލަވާފައި ވެއެވެ. ކިލެގެ ބޭކަލެއް ދުނިޔޭގައި ހުންނަވަނިކޮށް އެ މަޤާމުގެ ނަންކިޔާ ކިލެގެ ކަމަކަށް އެހެން ބޭކަލަކަށް ކޮއްޔެއް ނުލައްވައެވެ. މިސާލަކަށް ދޮށިމޭނާ ކިލެގެފާނެެއް ދުނިޔޭގައި ހުންނަވަނިކޮށް އެހެން ބޭފުޅަކަށް ދޮށިމޭނާކަމަކަށް ކޮއްޔެއް ނުލައްވައެވެ. ނަމަވެސް އުމުރުފުޅާއި ބަލި ހާލަތުގެ ގޮތުން މަޤާމުގެ ޒިންމާ އަދާކުރެއްވުމަށް ދަތިފުޅު ވެއްޖެ ނަމަ އެ ބޭފުޅެއްގެ ގާއިމުމަގާމެއްގެ ގޮތުގައި ބޭފުޅަކު ހަމަޖައްސަވައެވެ. މިގޮތުން ކުޑަދޮށިމޭނާކަން ފަދަ މަގާމުތައް ދެއްވާފައި ހުރެއެވެ.
ދިވެހި އަސްކަރިއްޔާގެ އަމުރުފީތާ (ޗެއިން އޮފް ކޮމާންޑް) ގައި އެއިރެއްގެ ރަދުން ނުވަތަ ރަނިކަމަނާގެ ދަށުން މުޅި ދިވެހި ލަޝްކަރަށް އަމުރުކުރައްވާ ބޭފުޅަކީ ދޮށިމޭނާ ކިލެގެފާނެވެ. މިއީ ކިލެގެ ބޭކަލެކެވެ. ނުވަތަ ފަންސަފުރަދާނަކަން ނުވަތަ ބޮޑު ފުރަދާނަކަން ދެއްވާފައިވާ ބޭފުޅެކެވެ. މިއީ ރަސްކަމުގެ ބޮޑުންގެ ތެރޭގައި ހިމެނިވަޑައިގަނަންވާ، އަދި ރަދުންނަށް ކަންކަމުގައި މަޝްވަރާ އަރުވާ މަޖިލިހުގައި ހިމެނިވަޑައިގަންނަވާ އިސް ވަޒީރެކެވެ.
ދޮށިމޭނާ ކިލެގެފާނުގެ ދަށުން ލަޝްކަރުގައި ދެން އިސްކޮށް ތިއްބަވަނީ އިސް ތިންވަރުގެ ވެރިންނެވެ. ނުވަތަ ވަރުތަކުގެ ކޮމާންޑަރުންނެވެ. މީގެ ތެރެއިން ދޮށިމޭނާވަރުގެ އިސް ބޭކަލަކަށް ހުންނަވާނީ ދޮށިމޭނާ ކިލެގެފާނެވެ. ހަކުރާވަރުގައި ހަކުރާ ކިލެގެއެވެ. ވެލާނާވަރުގައި ވެލާނާ ކިލެގެއެވެ. އެއަށްފަހު ދެން ތިއްބަވަނީ ފަސްތިންވަރުގެ ވެރިންނެވެ. ފަސްތިންވަރުގައި ފާމުދޭރިވަރުގައި ފާމުދޭރިކިލެގެއެވެ. މާފަތްވަރުގައި މާފަތް ކިލެގެއެވެ. ދަހަރާވަރުގައި ދަހަރާ ކިލެގެއެވެ. ހަވަރުގެ ވެރިންގެ ތެރޭގައި ކިލެގެ ބޭކަލެއް ނޫން ބޭކަލެއް ހުންނެވި ނަމަ އެ ބޭކަލަކީ ވެސް ވަޒީރެކެވެ. މިފަދަ ވަޒީރުންނަށް ”ފުރަދާނަ“ އިން އަދި ”ބޮޑު މުސްކުޅިން“ ނުވަތަ ”މުޤައްދިމް ބޭކަލުން“ ނޭ ވެސް ކިޔައެވެ.
ސިޔާސީގޮތުން އިސް މަޤާމުތަކުގައި އެކި ވަރުގެ ބޭބޭފުޅުން ތިއްބެވިޔަސް ދިވެހި އަސްކަރިއްޔާގެ އަމުރުފީތާ (ޗެއިން އޮފް ކޮމާންޑް) ގެ ތެރޭގައި އެ ހުރިހާ ބޭބޭފުޅުން ހިމެނިވަޑައެއް ނުގަންނަވައެވެ. ދިވެހި އަސްކަރިއްޔާގެ އަމުރުފީތާގެ އެންމެ ބޭފުޅަކީ ކީރިތި މަހާރަދުންނެވެ. އެއަށްފަހު ދޮށިމޭނާކިލެގެފާނެވެ. ދެބައިލަޝްކަރު އޮތް ޒަމާނުގައި އެއަށްފަހު ދެން ތިއްބަވަނީ އިސްތިންވަރުގެ ވެރިންނެވެ. ދެން ފަސް ތިންވަރުގެ ވެރިންނެވެ. ވަރުހަނގުންނާއި އަސްކަރުންނާއި އައްތާރަފަނިން އޮތް ޒަމާނުގައި އެންމެ އިސްކޮށް ތިއްބަވަނީ ވަރުހަނގުންގެ ވެރިންނެވެ. އެއަށްފަހު އަސްކަރުންގެ ވެރިންނެވެ. ދެން އައްތާރަފަނިންގެ ވެރިންނެވެ.
ހަވަރު ބައިކުރެވިފައިވާ ތިން ބައި ކަމުގައިވާ ވަރުހަނގުންނާއި އަސްކަރުންނާއި އައްތާރަފަނިން އުވި، ހަވަރުގެ ގޮތުގައި އޮތްއިރު ދޮށިމޭނާކިލެފާނުގެ ދަށުގައި ލަޝްކަރުގެ އަމުރުފީތާގައި ތިއްބަވަނީ ހަވަރުގެ ވެރިންނެވެ. އެއަށްފަހު ލަޝްކަރުގެ ކޮށިތަކުގެ ވެރިން ނުވަތަ އެދުރުބޭކަލުންނެވެ.






