ބްރެމްޕްޓަންގެ ފައްޅިއަށް ދިން ހަމަލާ ކުށްވެރިކޮށްފި

އިބްރާހީމްް ސަމީރު
ނޮވެމްބަރ 5, 2024

ކެނެޑާގައި، ބްރެމްޕްޓަންގެ ހިންދޫންގެ ފައްޅިއަކަށް ސިކުންގެ ޓެރަރިސްޓުން ދިން އަނިޔާވެރި ހަމަލާއާ ގުޅިގެން އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ކެނެޑާގައި އިތުރުވަމުންދާ ސިކުންގެ ހަރުކަށިކަން ދެއްކުމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޮޓާވާގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ވަނީ ހިންދީންނަށް ހަމަލަ ދިން ހާދިސާއަކީ ”އިންޑިއާ ދަރިކޮޅުގެ މީހުން ހާސްކުރުވަނިވި ހާދިސާއެއް“ ކަމަށް ބުނެފަ އެވެ.

ސިކުންގެ މީހުން ހިންދޫންނަށް މި ހަމަލާ ދީފައިވަނީ އިންޑިއާ އާއި ކެނެޑާއާ ދެމެދު އުފެދިފައިވާ ޑިޕްލޮމެޓިކް ކޯޅުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. އިންޑިއާއާއި ކެނެޑާގެ ހަމަނުޖެހުން އުފެދުނީ ޚާލިސްތާނީ ޓެރަރިސްޓް ހަރުދީޕް ސިންގް ނިޖާރު މަރާލުމުގައި އިންޑިއާ ބައިވެރިވާ ކަމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ތުހުމަތު ކުރެއްވުމުންނެވެ.

އިންޑިއާއިން ބުނީ މި ހަމަނުޖެހުންތަކުގެ ޒިންމާ ނަގަން ޖެހޭނީ ޚާލިސްތާނީ ހަރުކަށި ފިކުރުގެ މީހުން ކަމަށެވެ.

ކެނެޑާގެ ޕާލަމެންޓްގެ މެމްބަރު ޗަންދްރާ އާރިޔާ އާއި އިންޑިއާ ދަރިކޮޅުގެ ކެނެޑާ ލީޑަރުން ވަނީ މި ކަން ކުށްވެރިކޮށް ސިކުންގެ ހައްދުފަހަނައަޅާފައިވާ މީހުންނަށް ތުހުމަތުކޮށްފައެވެ.

ކެނެޑާގެ ސަލާމަތީ ހާލަތު ގޯސްވަމުންދާތީ އިންޑިއާ ހައިކޮމިޝަނުން ވަނީ އިންޑިއާ ދަރިކޮޅުގެ މީހުން ސަލާމަތީ ފިޔަވަޅުތައް އިތުރު ކޮށްގެން ތިބުމަށް އެދިފައެވެ.

މި ލިޔުމާ ގުޅޭ