އިސްލާމްދީނާއި ކޮންފޫޝިޒަމްއާ ގުޅުވާލުމަށް ގޮވާލައިފި

އިބްރާހީމްް ސަމީރު
ނޮވެމްބަރ 5, 2024

ޗައިނާގެ ޖިއަންގްސޫ އިސްލާމިކް އެސޯސިއޭޝަނާއި ރިސާޗް ސެންޓަރ ފޯ ސްޓްރެންތްނިންގ ދަ ކޮންޝަންސް އޮފް ދަ ޗައިނީސް ނޭޝަންސް ކޮމިއުނިޓީން ނަންޖިންގގައި އިސްލާމްދީނާއި ކޮންފުޝިޒަމް އެއްކޮށްލުމަށް ފޯކަސްކޮށްގެން ކޮންފަރެންސެއް ބާއްވައިފިއެވެ. މި ކޮންފަރެންސް އޮތީ އޮކްޓޯބަރު 17-18 ގައެވެ. މިއީ އިސްލާމް ދީން ޗައިނާ ވަންތަ ގޮތަކަށް ޕްރޮމޯޓުކޮށް، ޗައިނާގެ ކުންފުޝިޒަމް ފަލްސަފާއާއި ދީނާ ގުޅުވާލުމަށް ހިންގާ ހަރަކާތުގެ ބައެކެވެ. މި ހަރަކާތުގައި އިސްކޮށް އުޅެނީ ޖިންލިންގް ސްކޫލްއިންނެވެ.

މި ސްކޫލަކީ، މިންގް ދަރިކޮޅުން ޗައިނާގެ ވެރިކަން ކުރި ދުވަސްވަރުގެ ފަހު ދުވަސްކޮޅު އުފެދުނު ސްކޫލެކެވެ. އޭގެ މަގްސަދަކީ، ކޮންފުޝިޒަމް އާއި އިސްލާމީ ފިކުރު އެއްކޮށްލުމަށް މަސައްކަތް ކުރުމެވެ. ނަމަވެސް އެ މަސައްކަތަކީ މުސްލިމުން ބަލައިގަތް މަސައްކަތެއް ނޫނެވެ. މިއަދު ޗައިނާގެ ކޮމިއުނިސްޓް ޕާޓީ އިން ދެކެނީ މި ފަލްސަފާއަކީ ދީނީ ޖަމާއަތްތައް ދައުލަތާ ގުޅުވައިދޭ ވަސީލަތެއްގެ ގޮތުގަ އެވެ.

ޖިއަންގްސޫގައި ބާއްވާފައި އޮތް ކޮންފަރެންސްގައި ޗައިނާ އިސްލާމިކް އެސޯސިއޭޝަންގެ ރައީސް ޔަންގް ފޭމިންގް ވަނީ ޗައިނާގެ ޒަމާނީ އަގުތައް ދައްކުވައިދޭ ގޮތަށް އިސްލާމީ އުނގަންނައިދިނުންތައް އެއާ އެއްގޮތަށް ބައްޓަންކޮށްލުމަށް ގޮވާލައި، ނަސްލީ އަދި ދީނީ މަސައްކަތްތަކާ ބެހޭ ގޮތުން ޝީ ޖިންޕިންގެ ސިޔާސަތުތަކާ އެ ފަލްސަފާ އެއްގޮތްވާ ކަމަށް ފާހަގަކުރައްވާފަ އެވެ.

އޭނާ ވަނީ ޗައިނާގެ ފަލްސަފާއާ ގުޅުވައިގެން އިސްލާމީ ފޮތްތަކާއި އިސްލާމީ ފަލްސަފާ ދިރާސާކޮށް ޝާއިއު ކުރުމަށް ގޮވާލައްވާފައެވެ.

ޖިއަންގްސޫގެ އެތްނިކް އެންޑް ރިލީޖިއަސް އެފެއާޒް ކޮމިޝަންގެ ޑެޕިއުޓީ ޑިރެކްޓަރު ކިން ހޫއާ ވަނީ އިސްލާމީ މުޖުތަމައުގެ ތެރޭގައި ކޮންފުޝިޒަމްގެ ފިކުރު ބިންވަޅު ނެގުމަށް ގޮވާލައްވާފަ އެވެ.

މި ކޮންފަރެންސްގައި މަސައްކަތް ކޮށްފައި ވަނީ ދައުލަތުގެ ކޮންޓްރޯލް އޮންނަ ގޮތަށް ކޮންފުޝިޒމް ފިކުރާއި އިސްލާމީ ސަގާފަތާ އެއްކޮށްލައިގެން، ޗައިނާގެ ސަރުކާރާ އެއް ވިސްނުމެއްގައި މުސްލިމުން މަސައްކަތް ކުރާ ކަން ކަށަވަރު ކުރުމަށެވެ.

މި ލިޔުމާ ގުޅޭ