އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: ފޮޓޯ އެމްޑީޕީ

އަޅުގަނޑުމެން މިސަރުކާރު ބަލިކޮށްލާނަން: ޝާހިދު

މުހައްމަދު އަލީ
ނޮވެމްބަރ 21, 2024

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މިސަރުކާރު ބަލިކޮށްލާނޭ ކަމަށް އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ މިއަދު ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ޝާހިދު ވިދާޅުވީ ގާނޫނުއަސާސީއަށް ބޭނުން ބަދަލެއްގެނެސް މިސަރުކާރުން ބޭނުންވަނީ ރައްޔިތުން މާޔޫސް ކޮށްލަން ކަމަށެވެ. އެހެންނަމަވެސް އެއީ އެމްޑީޕީން އަޅައިނުލައި އޮންނާނޭ ކަމެއްނޫން ކަމަށް ވިދާޅުވިއެވެ. ސަރުކާރު ހަމަމަގަށް އަޅުވައި ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމަށް ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން ކުރަންޖެހުނު ކޮންމެ ކަމެއް ގާނޫނުގެ ތެރެއިން ކުރައްވާނޭ ކަމަށް ވެސް ވިދާޅުވިއެވެ.

ސަރުކާރުގެ އަމަލު މިހާރު ހުރިގޮތުން އެއްވެސް ރައްޔިތަކު މާޔޫސް ނުވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ. މިސަރުކާރުން މިހާރުވަނީ ރާއްޖެ އަނދިރީގެ ޒަމާނަކަށް ވައްޓާލާފައި ކަމަށާއި އެހެނަސް މިހާރު އޮއްސިފައިވާ އިރު އަދި އަރާނެ ކަމަށާއި ”އަޅުގަނޑުމެން މިސަރުކާރު ބަލިކޮށްލާނަން“ ކަމަށް ވެސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް އިއްޔެ ގެނައި ބަދަލުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާގެ މުށުގެ ތެރެއަށް ދައުލަތުގެ ތިން ބާރު ވެސް މިހާރުވަނީ ވަދެފައި ކަމަށް ޝާހިދު ވިދާޅުވިއެވެ. އެހެން ކަމުން މަޖިލީހުގެ ރައީސާއި، އުއްތަމަ ފަނޑިޔާރާއި ސްޕްރީމް ކޯޓުވެސް ވަނީ ރައީސްގެ ބާރުގެ ދަށުގައި ކަމަށް ޝާހިދު ވިދާޅުވިއެވެ.

މިކަމުން ދޭހަކޮށްދެނީ ނުވަތަ ރައްޔިތުންނަށް ސަރުކާރުން ދިން މެސެޖަކީ ރާއްޖޭގައި ކޮންމެ ކަމެއް ރައީސް ހިތުހުރިގޮތަކަށް ކޮންމެ ވަގުތެއްގައިވެސް ކޮށްފާނޭކަން ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

މި ބަދަލުގެ ސަބަބުން ރައްޔިތންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު ވެސް މަޖިލީހުގެ ސުޕަރމެޖޯރިޓީ ބޭނުންކޮށްގެން ބަދަލުކޮށްފާނޭ ކަމުގެ ޔަގީންކަން ވެސް ރައީސް އެވަނީ ހޯއްދަވާފައި ކަމަށް ޝާހިދު ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ