ފުލުހުންގެ ވެހިކަލެއްގައި ޖެހުނު މީހަކަށް އަނިޔާވެގެން ފަރުވާދާން ފަށައިފި

މުހައްމަދު އަލީ
ޑިސެމްބަރ 27, 2024

ފުލުހުންގެ ވެހިކަލެއްގައި ސައިކަލަކުން އައި މީހަކު ޖެހި ލިބުނު އަނިޔާތަކަށް ފަރުވާދޭންފަށައިފިއެވެ. މިހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 01:50 އެހައިކަންހާއިރު ހުޅުމާލޭ ފޭސް ދޭއްގައެވެ.

ފޭސް ދޭއްގެ ގުލްއަލާމަގުން އިރުން ހުޅަނގަށް ނިރޮޅު މަގު ހުރަސްކުރަމުންދިޔަ ފުލުހުންގެ އުޅަނދެއްގައި، ޖެހުނީ ނިރޮޅު މަގުން އުތުރުން ދެކުނަށް ބާރު ދުވެލީގައި ދުއްވާފައި އައި ސައިކަލެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އެކްސިޑެންޓުގައި ސައިކަލު ދުއްވި މީހާއަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އަނިޔާވި މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، ހާލަތު ސީރިއަސްވުމާ ގުޅިގެން މިހާރު ފަރުވާ ދެމުންދަނީ އައި.ޖީ.އެމް. ހޮސްޕިޓަލުގައެވެ. މިވަގުތު އޭނާއަށް ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުންދާކަމަށް އައި.ޖީ.އެމް. ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަނިޔާވެފައިވަނީ އުމުރުން އަށާރަ އަހަރުގެ ޒުވާނަކަށެވެ.

”މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލު ދުއްވާފައިވަނީ އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނާ ހިލާފުވެގެން އެ ގާނޫނުގެ ދަށުން 2024 ޑިސެންބަރު 21 ވަނަ ދުވަހު ލައިސަންސް ހިފަހައްޓާފައިވާ މީހެކެވެ.“  މި އެކްސިޑެންޓް ހިނގުމުގައި ފުލުހުންގެ އުޅަނދު ދުއްވި އޮފިސަރުގެ އެއްވެސް އިހުމާލެއް ވޭތޯ ތަހުގީގުގެ ތެރެއިން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މިފަދަ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ނުހަނު ކަންބޮޑުވާ އަދި ހިތާމަކުރާ ކަމެއް ކަމަށެވެ. އެފަދަ އެކްސިޑެންޓްތައް ހުއްޓުވުމަށާއި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، ގިނަ ވަސީލަތްތަކެއް ބޭނުންކޮށްގެން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އަދި މިފަދަ ނުރައްކާތެރި އެކްސިޑެންޓްތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އާޅާނެކަމުގެ ޔަގީންކަން އަރުވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

މި ލިޔުމާ ގުޅޭ