ރޯޑުޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ) ކުރީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލި މަނިކާއި، އެކުންފުނީގެ، ކުރީގެ ސީއެފްއޯ ޔާސިރު ހަސަން ދިރިއުޅޭތަން ފުލުހުން ރޭ ދަންވަރު ބަލައި ފާސްކޮށްފިއެވެ. ކޯޓު އަމުރެއް ހޯދައިގެން އެތަންތަނަށް ވަދެ ބަލައި ފާސްކުރުމަށް ފަހު ފުލުހުން ވަނީ ބައެއް ސާމާނު ގެންގޮސްފައެވެ. އޭގެ ތެރޭގައި އެދެބޭފުޅުން ގެންގުޅޭ އިލެކްޓްރޯނިކް ސާމާނު ހިމެނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އާރުޑީސީއަކީ ކުރީސަރުކާރުގައި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ކުންފުންޏެކެވެ. އެހެންނަމަވެސް އޭރުގެ އެމްޑީ ގެންދިޔައީ އެ ތުހުމަތުތައް ދިފާއުކުރައްވައި ދޮގު ކުރައްވަމުންނެވެ. އެ ކުންފުންޏަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް ބަލަން ފެށިތާ އަހަރެއްވެފައިވަނިކޮށް ކުއްލިއަކަށް ފުލުހުން ގޮސް ފާސްކުރުމުން އެތައް ބައެއްގެ ފާޑުކިޔުން ފުލުހުންނަށް ވަނީ އަމާޒުވެފައެވެ. ފުލުހުން އެގޮތަށް ކަންތައް ކުރައްވަނީ މިހާރުގެ ސަރުކާރަށް ކުރެވޭ ތުހުމަތުތައް އެހެން ދިމާއަކަށް އަނބުރާލުމުގެ ބޭނުމުގައި ކަމަށް ފާޑުކިޔާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އާރުޑީސީގެ މިހާރުގެ މެނޭޖުމެންޓުން ބުނެފައިވަނީ އެކުންފުންޏާ ހަވާލުވިއިރު ދަރަނި 837 މިލިއަނަށް އަރާފައިވާ ކަމަށެވެ. އަދި އެއްވެސް ސްލިޕެއް އެއްޗެއްނެތި އެކިފަރާތްތަކަށް 161 މިިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ވެސް މިހާރުގެ މެނޭޖުމެންޓުން ބުނެފައިވެއެވެ.
މިހާރުގެ ސަރުކާރުން އާރުޑީސީގެ ކުރީގެ ވެރިންގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތު ކުރަން ފެށުމުން ކުރީގެ އެމްޑީ މޫސާ އަލިމަނިކު ވަނީ އަވަހަށް މައްސަލަ ބަލަންވީ ކަމަށެވެ. މަޖިލީހަށް ގެންގޮސްގެން ސުވާލު ކޮށްފިއްޔާ ވެސް ޖަވާބު ދާރީވާން ތައްޔާރަށް ހުންނެވި ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. ތަހުގީގީ ކޮންމެ އިދާރާއަކަށް ވެސް ޖަވާބުދާރީވާން ތައްޔާރަށް ހުންނެވި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.






