ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮރެއާގެ ވަގުތީ ރައީސަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.
މިއީ މުއާން އިންޓަރނޭޝަނަލް އެއަރޕޯޓަށް ކޮރެއާގެ މަތިންދާބޯޓެއް ވެއްޓި ހިނގާދިޔަ ހިތާމަވެރި ހާދިސާއާ ގުޅިގެން އެގައުމުގެ ވަގުތީ ރައީސް ޗޮއި ސަންގ-މޮކްއަށް ފޮނުއްވި މެސެޖެކެވެ.
މި މެސެޖުގައި ރައީސް ވިދާޅުވެފައިވަނީ ހިތާމަވެރި މި ހާދިސާގެ ސަބަބުން އެތައް ބަޔަކު މަރުވި ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި ފުންހިތާމައާ އެކުގައި ކަމުގައެވެ.
މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި ކޮރެއާ ސަރުކާރަށާއި ރައްޔިތުންނަށް، ޚާއްސަގޮތެއްގައި މި ހާދިސާގެ ސަބަބުން އަސަރުކުރި ފަރާތްތަކަށް ވަރަށް އިޚްލާސްތެރިކަމާއެކު ރައީސް ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.
މި ހާދިސާގެ ސަބަބުން ދިމާވި ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތަކުން ކާމިޔާބު ލިބުމަށް އެދިވަޑައިގެން، އެކަމުން އަރައިގަތުމުގެ ހިއްވަރާއި ސާބިތުކަމަށް ވެސް ރައީސް ވަނީ އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.






