ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

ސަރުކާރުން ޔޫކްރައިނަށް ތާއިދު ކުރަން ޖެހޭ ސަބަބެއް ނުވިސްނޭ: އަމީރު

މުހައްމަދު އަލީ
ޖެނުއަރީ 16, 2025

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޔޫކްރޭނަށް ތާއިދު ކުރަންޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމީރު މިހެން ވިދާޅުވީ ރަޝީއާއި ޔޫކްރޭންއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި ޔޫކުރައިނަށް ތާއިދު ކުރައްވާކަން ރައީސް މުއިއްޒު ހާމަ ކުރެއްވުމުންނެވެ.

”މިހާރު އިރުމަތީ ޔޫރަޕްގެ ގައުމަކަށް ގޮސް، ޔޫކްރެއިން އަށް ތާއިދުކުރާ ވާހަކަ މި ދައްކަނީ. މީގެ ސަބަބުން ރާއްޖެއަށް ލިބޭނެ ފައިދާއެއް ނުވިސްނޭ. މި ދިޔަ އަހަރު ރާއްޖެއަށް 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިޔާއިން. 225،000 ފަތުރުވެރިން. މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ރަޝިޔާގެ 13،000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި“ އަމީރު ވިދާޅުވެފައިވެއެވެ.

އަމީރު ވިދާޅުވީ ސަރުކާރުގެ މި އަމަލުގެ ސަބަބުން ރަޝިޔާއިން ރާއްޖެއަށް އެއްވެސް ފިޔަވަޅެއް އަޅައިފިނަމަ އޭގެ ގެއްލުން ރާއްޖޭގެ އިގްތިސާދަށް ކުރާނޭ ކަމަށެވެ. މީގެ އިތުރުން ޔޫކްރޭނަކީ އިޒްރޭލުން ފަލަސްތީންގައި ހިންގަމުންދާ ގަތުލްއާއްމުގައި އިޒްރޭލަށް ސަޕޯޓްކުރާ ބަޔެއް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އަމީރު ވިދާޅުވީ، ވެރިމީހާ އެންމެ ބޮޑަށް ވިސްނަންވާންވާނީ ގައުމުގެ މަސްލަހަތާ މެދުގައި ކަމަށެވެ. ”ނާގާބިލު ވެރިއެއްގެ ވިސްނުންތެރިކަމެއްނެތް އަމަލުތަކުގެ ސަބަބުން މުޅި ގައުމަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެކަން ކޮންމެ ދުވަހަކު މި ދަނީ ހާމަވަމުން،“ އަމީރު ވިދާޅުވެފައިވެއެވެ.

ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ، އިސްލާމީ އުއްމަތުގެ އިސް ލީޑަރަކީ ތުރުކީގެ ރައީސްކަމަށް ވިދާޅުވެ ސައުދީ އަރަބިއާ އާއި ސަރުކާރުން ޖެހިގަތީ ކަމަށް އަމީރު ވިދާޅުވިއެވެ. ދެން އިންޑިއާ އާއި ޖެހިގަނެ، އެގައުމުގެ އިސްވެރިންނާ ބޭއަދަބީކޮށް ދިމާކުރިކަން ވެސް އޭނާ ފާހަގަ ކުރައްވާފައިވެއެވެ. ”އޭގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑެތި ގެއްލުންތައް ކުރިމަތިކުރުވި. އިގްތިސާދަށް އެތައް ސަތޭކަ މިލިއަން ޑޮލަރުގެ ގެއްލުން ލިބުނު،“ އަމީރު ވިދާޅުވިއެވެ.

 

 

މި ލިޔުމާ ގުޅޭ