ޖަނަވަރީ ތޭރައިން ސޯޅައަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައިވައިފިއެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެމަނިކުފާނު އެސްޓޯނިއާއަށް ކުރެއްވި ރަސްމީ މި ދަތުރު ނިންމަވާލެއްވުމަށްފަހު އެގައުމުގެ ވެރިރަށް ޓާލިން އިން ފުރާ ވަޑައިގަންނަވަނީ އުންމީދާއެކު ކަމަށެވެ.
މިދަތުރުފުޅުން ކުރިއެރުންތަކެއް ލިބިވަޑައިގެންފި ކަމަށާއި، އޭގެ ސަބަބުން ހިތްވަރެއްވެސް ލިބިވަޑައިގެންނެވި ކަމަށް ރައީސް ވިދާޅުވެފައިވެއެވެ. އެހެންކަމުން އެސްޓޯނިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފައެވެ. އެ ގައުމަށް ވަޑައިގެންނެވުމުގެ ދައުވަތު ދެއްވީތީ ރައީސް، ޑރ. އަލަރ ކާރިސް އަށްވެސް ވަނީ ޝުކުރު ދަންނަވާފައެވެ. ޚާއްސަކޮށް އެގައުމަށް ވަޑައިގެންނެވުމުން ވިދާޅުވި ހޫނުމަރުހަބާއާއި، ބެހެއްޓެވި ދީލަތި މެހުމާންދާރީއާއި، ދަތުރުފުޅުގެ ހުރިހާކަމެއް އިންތިޒާމް ކޮށްދެއްވާފައިވާ ފުރިހަކަމަށްޓަކައި ވެސް އެގައުމުގެ ރައީސަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
އެމަނިކުފާނު ވިދާޅުވެފައިވަނީ މި ދަތުރުފުޅަކީ، ޑިޖިޓަލައިޒޭޝަންއާއި، ތިމާވެށީގެ ދާއިރާއިން ދެގައުމުގެ ދެމެދުގައި އެމްއޯޔޫގައި ސޮއިކުރެވުނު ދަތުރުފުޅެއް ކަމަށެވެ. އަދި ސިޔާސީ މަޝްވަރާތަކާއި، އުފެއްދުންތެރި ބައްދަލުވުންތައް މިދަތުފުޅުގެ ތެރޭގައި ބޭއްވިފައިވާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ. މިކަންކަމުން ކަށަވަރު ކޮށްދިނީ ދެގައުމުގެ އެއްބާރުލުމުގެ އައު ޒަމާނެއްގެ ފެށުން ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
އެސްޓޯނިއާގެ އިނޮވޭޓިވް ޑިޖިޓަލް ޓްރާންސްފޯމޭޝަނަކީ ގްލޯބަލް ބެންޗްމާކެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެފަދަ ތަނަކުން ކަންތައްތަކެއް ދަސްކުރުމުގެ ފުރުސަތު ރާއްޖެއަށް ދެއްވީތީ ޝުކުރު ދަންނަވާ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ރާއްޖޭގައި ޑިޖިޓަލް ގަވަރނަންސް އިތުރުކުރުމަކީ އެމަނިކުފާނުގެ ސަރުކާރުން އިސްކަމެއް ދެއްވާ ކަމެއްކަމަސްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިދަތުރުފުޅުގައި ވެސް އެންމެ އިސްކަމެއް ދެއްވީ އެކަމަށް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.






