ޓްރަމްޕަށް ތަހުނިޔާ، އެކީގައި މަސައްކަތް ކުރަން ބޭނުން: ޑރ. މުއިއްޒު

މުހައްމަދު އަލީ
ޖެނުއަރީ 20, 2025

ދުނިޔޭގެ ހަމަޖެހުމާއި ސަލާމަތަށްޓަކައި އެމެރިކާގެ އައު ރައީސް، ޑޮނަލްޑް ޓްރަމްޕާއެކު ބައިނަލްއަޤްވާމީ މައިދާނުގައި މަސައްކަތް ކުރައްވަން ބޭނުންފުޅުވާކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިކަން ހާމަކުރެއްވީ ޓްރަޕް އެމެރިކާގެ ރައީސްކަމާ ހަވާލުވެ ވަޑައިހެންނެވުމުން އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވެ ފޮނުއްވި މެސެޖުގައެވެ.

އެ މެސެޖުގައި، ރައީސް ވިދާޅުވެފައިވަނީ އިންޑިއާ ކަނޑުގެ ކުދި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން ސަރަޙައްދީ ސުލްހަ މަސަލަސްކަމާއި ފާގަތިކަން ކުރިއެރުވުމަށްޓަކައި، ރާއްޖެއާއި އެމެރިކަގެ ސިޔާސީ ގުޅުމުގެ ތެރެއިން ކުރެވޭ މަސައްކަތްތަކާމެދު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

އެމެރިކާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު މި އަހަރު ފުރޭނޭ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ. މިއީ ދެ ޤައުމުގެ މެދުގައި އޮތް ގާތް ހަރުދަނާ ގުޅުން ރަމްޒުކޮށްދޭ ކާމިޔާބީއެއް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

އެ ގޮތުން ވިޔަފާރިއާއި އިގުތިސާދާއި، ސަލާމަތީ ގުޅުންތައް ކުރިއެރުވުމަށް ދެ ޤައުމުން ކުރާ މަސައްކަތްތައް ބަލައިގަންނަ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ. އޭގެ އިތުރުން  ބައިނަލްއަޤްވާމީ މަސްރަޙުގައި ޑިމޮކްރެޓިކް ހަމަތަކާއި ޤާނޫނުގެ ވެރިކަން ދެމެހެއްޓުމާއި، އިންސާނީ ހައްޤުތައް ހިމާޔަތްކުރުމުގެ މަގުގައި ހުރި ގޮންޖެހުންތަކަށް ހައްލުހޯދުމަށް ކުރާ މަސައްކަތްތައްވެސް ރާއްޖެއިން ބަލައިގަންނަކަމަށް ވިދާޅުވެފައިވެއެވެ.

މި މެސެޖުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވަނީ އެމެރިކާގެ ރައީސްގެ މަސްއޫލިއްޔަތު އުފުއްލެވުމުގައި ޓްރަމްޕަށް ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މި ލިޔުމާ ގުޅޭ