އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ގެއެއްގެ ނުވަނަ ބުރިން ވެއްޓުނު މައްސަލައިގެ އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހެނީ ”ބިރަކާނުލައި މަޖާކުރުން“ އެއީ ކުރަންކެހޭނޭ ކަމެއް ކަމަށް ބުނެ އެކަން ޕްރޮމޯޓުކުރި މީހުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި ފުލުހުންގެ އަހަރީދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ”މިހާރު މި ހިނގައިން އުޅޭ ހިތާމަވެރި، ވަރަށް ހިތާމަވެރި ހާދިޘާއަށް ވިސްނާލާއިރުވެސް، މިކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހޭނީ، އަޅުގަނޑު ގަބޫލުކުރާގޮތުގައި، އަދި އިންސާފަށް ލޯބިކުރާ ކޮންމެ މީހަކުވެސް ގަބޫލުކުރާނެގޮތުގައި، ބިރަކާނެތި، ބިރަކާނުލައި މަޖާކުރުމަކީ، ކޮންމެހެން ކުރަންޖެހޭނެ ކަމެއްގޮތުގައި ޕްރޮމޯޓްކުރި މީހުން މީގެ އަހަރުތަކެއް ކުރިން،“ ކަމަށެވެ.
ރައީ އެވިދާޅުވި ވާހަކައެއް މީގެ ކުރިން ދައްކާފައިވަނީ 2013 ވަނަ އަހަރު އެމްޑީޕީންނެވެ. އެފަހަރު ރިޔާސީ މެނިފެސްޓޯގައި މިވާހަކަ ހިމަނާފައިވަނީ ކުޅިވަރުގެ ސިޔާސަތުގެ ތެރޭގައެވެ. ބިރަކާ ނުލައި ކުޅިވަރު ކުޅުމަށެވެ.
އެހެންނަމަވެސް ބައެއް ރައީސް މިހާވާހަކަ މިފަހަރު މިދެއްކެވީ ސިޔާސީކޮށްގެން ސިޔާވާހަކައެއްގެ ގޮތުގައި ކަމަށް މިއާ ދެކޮޅު މީހުންދަނީ ބުނަމުންނެވެ. ”އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން، ދީނުގައި ކަނޑައެޅިފައިހުރި އިންތަކާއި، މިންތަކާއި، އުސޫލުތަކާއި، ހަމަތަކަކީ އެއީ މާ މުހިންމު ކަމެއް ނޫނޭ، މަޖާކުރާށޭ. ޒުވާންކަމުގައި ތިޔަކުދިން ބޭނުންގޮތަކަށް އުޅޭށޭ. ކިޔާފައި އެ ހިތްވަރުދިން މީހުން، މިއަދު ސިޔާސީ ބޭނުމެއްގައި ނުކުމެ، އެކުދިން މިސްޔޫސް ކުރަމުންދާ ދިޔުން، ލޯ ހުޅުވައި ބަލަންއެބަޖެހޭ. ލޯހުޅުވައި ބަލަންޖެހޭ. އެކުދިން އެ މަގުން ދިޔައީ، ސިޔާސީ އޮއިވަރެއްގައި ޖައްސައިގެން،“ އެމްޑީޕީގެ އެސިޔާސަތު ރައީސަށް މާނަކުރެވުނު ގޮތަށް ވިދާޅުވިއެވެ.
މިވާހަކަ އިތުރަށް ތަފްސީލް ކޮށްދެއްވަމުން ރައީސް ރޭ ވިދާޅުވީ މިކަންކަން މިހެންވާންޖެހުނީ އިސްލާމްދީނުގެ ހަމަތަކާއި، އުސޫލުތަކާއި، ރީތި އާދަތަކުން ބޭރަށް މި ޤައުމު ނެރެ، އެހެން މަގަކުން ގެންދަން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ސަބަބުން ކަމަށެވެ.
”އޭގައި ވިކްޓިމައިޒް ވެފައި ތިބި ޒުވާނުންތަކެއްގެ ބޭނުންކޮށްގެން، ސިޔާސީ ފައިދާނަގަން އުޅޭ އުޅުމުގެ ތެރެއަށް ދިވެހި ލޮބުވެތި ރައްޔިތުން ވެއްދުމަކީ، ކޮށްގެންވާނެ ކަމެއްނޫން. އެއަށްވުރެ އަޅުގަނޑުމެންގެ ލޯ ހުޅުވެންޖެހޭނެ. އަޅުގަނޑުމެން ވާންޖެހޭނެ، ތެދާއި ދޮގު ވަކިކުރަން އެނގޭ ބަޔަކަށް. އަޅުގަނޑުމެން ވެގެންނުވާނެ ޖޯޝުގައި ޖެހިގެން، އިމޯޝަނަލްވެގެން ބަޔަކު ދައްކާހާ ވާހަކައެއްގެ ތެރެއަށް އަޅުގަނޑުމެންގެ ސިކުނޑި ދޫކޮށްލާ ބަޔަކަށް ވެގެން ނުވާނެ،“ ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިފަދަ ކަންކަމަކީ އަމިއްލަ ސިކުނޑިން ވިސްނަންޖެހޭނެ ކަންކަންކަމަށެވެ. އެގޮތަށް ވިސްނައިގެން، އަމިއްލައަށް ކަންކަމާމެދުގައި ތެދު ދޮގު ބެލޭ ބަޔަކަށް ވާންޖެހޭނޭ ކަމަށްވެސް ވިދާޅުވިއެވެ. ”ކާކުކަން ނޭނގޭ މީހުން ފަތުރާ އެކި ކަހަލަ ދޮގު ވާހަކަތަކުގައި ޖެހި، އެ ދޮގުތަކުގެ އަޅުންގެ ގޮތުގައި އަޅުގަނޑުމެން ވެގެން ނުވާނެ،“ އެމަނިކުފާނު ވިދާޅުވިއެވެ.






