އޮސްޓްރޭލިއާއިން އިންޑިއާއަކީ ޑިފެންސް އަދި ސެކިއުރިޓީގެ އެންމެ މަތީ ބައިވެރިއެއްގެ ގޮތުގައި ކަނޑައަޅައިފި

އިބްރާހީމްް ސަމީރު
ސެޕްޓެމްބަރ 6, 2025

ބްރެޒިލްގައި ބޭއްވި ޖީ-20 ސަމިޓްގެ ހަވާސާގައ ބޭއްވި ދެވަނަ އިންޑިއާ-އޮސްޓްރޭލިއާ އަހަރީ ސަމިޓްގައި، އޮސްޓްރޭލިއާއިން ވަނީ އިންޑިއާއަކީ އެ ގައުމުގެ ”އެންމެ މަތީ ފެންވަރުގެ ޑިފެންސް އަދި ސެކިއުރިޓީ ބައިވެރިއެއް“ ގެ ގޮތުގައި ރަސްމީކޮށް ކަނޑައަޅާފައެވެ. މިއީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެން ދިއުމުގެ މުހިންމު ފިޔަވަޅެކެވެ.

އޮސްޓްރޭލިއާގެ އިސް ވެރިން ވަނީ ”އިންޑިއަން އޯޝަންގައި އިންޑިއާގެ މުހިންމު ލީޑަޝިޕް“ އަށް ތަޢުރީފުކޮށް، ”މިނިވަން، ހަމަޖެހޭ އަދި ފުދުންތެރި އިންޑޯ-ޕެސިފިކް“ އަކަށް ދެ ގައުމުން ގުޅިގެން މަސައްކަތްކުރުމުގެ އަޒުމު ފާޅުކޮށްފައެވެ. އަދި ކުރިއަށް އޮތް 10 އަހަރަށް އަމާޒުކޮށް މެރިޓައިމް ސެކިއުރިޓީ ގެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމާ ބެހޭ މަގުޗާޓެއް އެކުލަވާލުމަށް ދެ ގައުމުން ވަނީ އެއްބަސްވެފައެވެ.

މި ގުޅުން ހަރުދަނާވެގެން ދާކަން ފާހަގަކޮށްލެވޭ މުހިންމު ކަންތައްތަކުގެ ތެރޭގައި، 2014 ވަނަ އަހަރު ބާއްވަމުން ދިޔައީ އަހަރަކު 11 ޑިފެންސް ހަރަކާތެވެ. އެ އަދަދު 2024 ގައި 33 އަށް އިތުރުވެފައި ވެއެވެ. އަދި، 2023 ވަނަ އަހަރު އިންޑިއާގެ ސަބްމެރިން އައި.އެން.އެސް ވަގިރު ފުރަތަމަ ފަހަރަށް އޮސްޓްރޭލިއާއަށް ޒިޔާރަތްކުރުން ހިމެނެއެވެ.

2025 ވަނަ އަހަރުގެ އޭޕްރިލް މަހު، އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ވަނީ ޕަހަލްގާމްގައި ހިނގި ޓެރަރިސްޓް ހަމަލާ ކުށްވެރި ކުރައްވައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު ކުރެއްވި ފޯނު ކޯލެއްގައި އިންޑިއާއަށް އެއްބާރުލުން ދެއްވާކަން ފާޅުކުރައްވާފައެވެ.

ބްރަޒިލްގައި އޮތް ސަމިޓަކީ އިންޑިއަން އޯޝަންގެ ދެ މުހިންމު ބާރުގެ ގޮތުގައި ތިބި މި ދެ ގައުމުގެ ސްޓްރެޓެޖިކް ގުޅުން އިތުރަށް ބަދަހިވެގެންދާކަން ދައްކުވައިދޭ މުހިންމު ފިޔަވަޅެކެވެ. ޚާއްޞަކޮށް ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާގައި ދެ ގައުމުގެ އެއްބާރުލުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ.

މި ލިޔުމާ ގުޅޭ