ބަނގްލަދޭޝްގެ ”އަޖްކަރް ޕަތްރިކާ“ ނޫހުގެ އޮޕީނިއަން އެޑިޓަރު، 71 އަހަރުގެ ބިބްހުރަންޖަން ސަރްކާރު، އޯގަސްޓް 22 ވަނަ ދުވަހު ޑަކާގެ ކޯރެއްގައި މަރުވެފައި ވަނިކޮށް ފެނިއްޖެއެވެ. އޭނާ ފެނުނީ ގެއްލުނުތާ އެއް ދުވަސް ފަހުންނެވެ.
”އެންމެ ފަހުގެ ކޮލަމް“ ގެ ގޮތުގައި ބަޔާންކޮށްފައިވާ އޭނާގެ ސުސައިޑް ނޯޓުގައި ޑރ. މުހައްމަދު ޔޫނުސްގެ ވަގުތީ ސަރުކާރަށް ފާޑު ކިޔާފައި ވެއެވެ. އަދި ޔޫނުސްގެ ސަރުކާރުން މީޑިއާއަށް ބިރުދައްކަމުންދާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. 2024 ވަނަ އަހަރުގެ މުޒާހަރާތަކާއި ބަނގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ގެ ސަރުކާރު ވައްޓާލުމާ ގުޅޭ ވާހަކަތަކާމެދު ފާޑުކިޔައި އޭނާ ލިޔުންތައް ލިޔެފައި ވެއެވެ. އަދި އޭނާ ޝާއިއުކޮށްފައިވާ މަޒުމޫނުތަކުގެ ސަބަބުން ސަރްކާރަށް ބޮޑެތި ފިއްތުންތަކާ ކުރިމަތިލާން ޖެހުނެވެ.
ސަރުކާރުގެ މީޑިއާ މެނޭޖަރުން ބުނަނީ އޭނާ ވަޒީފާއިން ވަކިކުރުމުގެ ސަބަބުންނާއި، އާންމުންގެ ފުރައްސާރއާ ކުރިމަތިލާން ޖެހުމުގެ ސަބަބުން އޭނާ ހިތާމައިގެ ތެރެއަށް ވެއްޓުނު ކަމަށެވެ. ނޫސްވެރިޔާގެ ސުސައިޑް ނޯޓު ވަނީ ވައިރަލްވެފައެވެ. އަދި އަނެއްކޮޅުން އޭނާގެ މަރާ ގުޅުވައިގެން ސަރުކާރަށް ފާޑު ކިޔ ާފަރާތްތަކުން ބުނަނީ ބަނގްލަދޭޝްގައި ނޫސްވެރިކަމުގެ މިނިވަންކަން ހަނިވަމުން ދާތީ ކަންބޮޑުވާ ކަމަށެވެ.
ފާއިތުވި މަހު ވަނީ ކޮރަޕްޝަން ގެ މައްސަލަ ރިޕޯޓުކޮށް ހާމަކުރުމުގެ ސަބަބުން އިތުރު ދެ ނޫސްވެރިން މަރާލާފައެވެ. ބައިނަލްއަޤްވާމީ މުއައްސަސާތަކުން މިކަމާ ގުޅޭގޮތުން އަޑުއުފުލާފައެއް ނުވެއެވެ. ސަރްކާރުގެ މަރަކީ ބަނގްލަދޭޝްގައި ނޫސްވެރިން އަނިޔާވެރިކަމުގެ ދަށުގައިވާކަމުގެ ހެއްކެއް ކަމަށް މީޑިއާއިން ބުނެއެވެ.
މި ހާދިސާއާ ގުޅިގެން ނޫސްވެރިންގެ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން ބަނގްލަދޭޝްގެ ސަރުކާރަށް ގޮވާލާ ފައި ވަނީ ނޫސްވެރިންގެ ރައްކާތެރިކަމަށް އިތުރު ފިޔަވަޅުތައް އެޅުމަށާއި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކުރުމަށް މަސައްކަތް ކޮށްދިނުމަށެވެ.






