ނަސްލު ނައްތާލުމަށް ތާއީދު ކުރުމަކީ ޖަރުމަންވިލާތުގެ ޑީއެންއޭގެ ބައެއް ބާ؟

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 4, 2025

ދެ ބޮޑު ހަނގުރާމަ ފަށައި، ނަސްލެއް ނައްތާލުމަށް މަސައްކަތް ކުރި ޖަރުމަންވިލާތް އޮތީ 21 ވަނަ ގަރުނުގައިވެސް ތާރީޚުގެ ނުލަފާ ސަފްހާގައެވެ. ޔަހޫދީ ޒަޔަނިސްޓުން ނަސްލެއް ނައްތާލުމަށް ޖެނޮސައިޑް ހިންގަމުން ގެންދާއިރު ޖަރުމަން އޮތީ ފުލް ސަޕޯޓު ދޭ މޯޑް ގައެވެ. އަދި ފަލަސްޠީނަށް ތާއީދުކޮށް މުޒާހަރާ ކުރާ މީހުންނަށް ގޮށް މުށުގެ ބާރުން ނާޒީން ދެއްކިފަދަ ހިތްވަރަކާއެކު ދަނީ ކުރިމަތި ލަމުންނެވެ.

ޣައްޒާގައި ހިންގަމުންދާ ޔަހޫދީ ހޮލޮކޯސްޓަށް ޖަރުމަނުވިލާތުން ދެމުންދާ ފުރިހަމަ އެއްބާރުލުމާ ގުޅިގެން، އިންސާނީ ޙައްޤުތަކާއި ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިޙުތިރާމް ކުރާ ގައުމެއްގެ ގޮތުގައި ޖަރުމަން ބަލައިގަތުން އުދަގޫވާ ހިސާބަށް ވަނީ ކަންކަން ގޮސްފައެވެ.

ޖަރުމަންވިލާތަށް ވަނީ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ނަސްލު ނައްތާލުމުގެ ކުށުގައި ބައިވެރިވުމުގެ ދަޢުވާއާ ކުރިމަތިލާންޖެހިފައެވެ. އަދި ޖަރުމަންގެ އުދުވާނީ ޝަޚުސިއްޔަތު 21 ވަނަ ގަރުނުގައި ބޭޒާރު ވުމުން، އެގައުމު މިހާރު ވަނީ ޔޫރަޕިއަން ޖަމާއަތުގެ ބައިވެރިންގެ މެދުގައި ވެސް އެކަހެރިވެފައެވެ. މި ކަމާ ގުޅޭ ގޮތުން ޖަރުމަނު ފޮރިން ޕޮލިސީ އެނަލިސްޓް މާކަސް ޝްނައިޑަރ ވިދާޅުވަނީ، ޖަރުމަނުވިލާތުން އިޚުތިޔާރުކޮށްފައިޥާ ޖެނޮސައިޑަށް ހިތްވަރުދޭ މި ސިޔާސަތަކީ އެގައުމުގެ އަމިއްލަ ޚާރިޖީ ސިޔާސަތާވެސް ފުށުއަރާ ކަމެއް ކަމަށެވެ.

”ޖަރުމަނުން އުސޫލެއްގެ ގޮތުގައި ބުނެފައި ވާނީ، އުދުވާނީ ހަނގުރާމަތައް މަނާކުރަންވާނެ ކަމަށާއި، ހަނގުރާމައިގެ ކުށްތަކަށް ދަޢުވާ އުފުލަންވާނެ ކަމަށާއި، ނަސްލު ސާފުކުރުން ފަދަ ކަންކަން ޤާނޫނީ ގޮތުން މަނާކުރަންވާނެ ކަމަށް،“ ޝްނައިޑަރ ވިދާޅުވިއެވެ.

ޝްނައިޑަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޔުކްރެއިންގެ ހަނގުރާމައިގައި ޖަރުމަނުވިލާތުން ޢަމަލުކުރި ގޮތާ އަޅާބަލާއިރު، ޣައްޒާގެ މައްސަލައިގައި އެ ޤައުމުން ގެންގުޅެނީ ދެފުށްކެހެރި އުސޫލެކެވެ.  އަދި ސިޔާސަތު ވަރަށް ސާފުކޮށް ފެންނަން އޮތް ކަމަށް އޭނާ ވިދާޅުވެއެވެ.

އިޒްރޭލަށް އެހީތެރިވުމުގެ ސިޔާސަތު ކަމަށްވާ ”ސްޓާޓްސްރައިސަން“ އާއި ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ތަބާވުމަކީ މިހާރު އެއްގޮތްކުރެވޭނެ ދެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

”ޖަރުމަނު ސިޔާސީ ފަރާތްތަކުން މި ދެކަން އެއްގޮތްވާނެ ކަމަށް ބުނި ނަމަވެސް، ބޭރު ދުނިޔެއިން މިހާރު ދެކެނީ އެހެނެއް ނޫން. އަޅުގަނޑުމެން ޤަވާޢިދުތަކުގެ މައްޗަށް ބިނާވެފައިވާ ބައިނަލްއަޤްވާމީ ނިޒާމެއްގެ ވާހަކަ ދައްކާއިރު، އަދި އިންސާނީ ޙައްޤުތަކުގެ ވާހަކަ ދައްކާއިރު، އެއްވެސް މީހަކު އަޅުގަނޑުމެން ޖަރުމަން މީހުން ދެކެ އިތުބާރެއް ނުކުރޭ،“ ޝްނައިޑަރ ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ