މިފަހު ޒަމާނުގެ އެންމެ އިޚުލާޞްތެރި، މޮޅު ދަންނަބޭކަލެއް ކަމަށް ފާހަގަ ކުރެވޭ މޮރިޓޭނިޔާގެ ޝެއިޚު ޑރ. އަޙުމަދު ޙަސަން އައްދަދޫ އަކީ ޙަދީސް ޢިމްލާއި ތަފްސީރު އިލްމުގެ ރޮނގުން އެންމެ އަރައި ހުންނެވި ޝަޚުޞިއްޔަތެވެ. އޭނާ ހަދީސް ވިދާޅުވާއިރު ރާވީންގެ ސިލްސިލާގައި ޝާހު ވަލިއްޔުﷲ ރާވީއެއްގެ ގޮތުގައި ފާހަގަ ކުރައްވައެވެ.
ޝާހު ވަލިއްޔުﷲއަކީ އިންޑިއާގައި އިސްލާމްދީން އަލުން ދިރުއްވި އިލްމުވެރިއެކެވެ. ދިއްލީގެ ބޭފުޅެކެވެ. އޭނާ މަޝްހޫރުވެ ވަޑައިގެންފައި ވަނީ ދިއްލީގެ ޙަދީސް އިލްމުވެރިޔާ، މުޙައްދިސް ދެހްލެވީ ގެ ނަމުންނެވެ.
އިމާމް ޝާހު ވަލިއްޔުالله ބިން ޢަބްދުލްރަޙީމް އައްދެހުލަވީ އުފަންވެ ވަޑައިގަތީ، މީލާދީ ސަނަތުން 1703 ހިޖުރީ ސަނަތުން 1114 ވަނަ އަހަރު އެވެ. މުޣަލް ރަސްގެފާނު އައުރަނގަޒޭބު ޝަހީދުވެ ވަޑައިގަތީ ޝާހް ވަލިޔުﷲގެ އުމުރުފުޅުން 4 އަހަރު ގައެވެ.
ދިއްލީއަށް އިލްމުވެރި އާއިލާއަކަށް އުފަންވެ، ވަޑައިގެން އިބްތިދާއީ ތައުލީމު ހާސިލް ކުރެއްވީ ބައްޕަ ޝައިޚް އަބްދުލްރަހީމްގެ އަރިހުންނެވެ. އެއަށްފަހު ހިޖާޒު ކަރައަށް ދަތުރުކުރައްވައި، މަސްޖިދުލްޙަރާމްއާއި މަސްޖިދުއްނަބަވީގެ ޢިލްމުވެރިންގެ އަރިހުން އިލްމު އުނގެނިވަޑައިގަތެވެ.
އިންޑިއާއަށް އެނބުރި ވަޑައިގަތުމާއެކު، އިސްލާހީ މަސައްކަތެއް ފެށްޓެވިއެވެ.
އެއިރު މޮޣަލް ރަސްކަމުންގެ ފަހުކޮޅު މުސްލިމުންގެ މެދުގައި އިސްލާމީ ރޫހު ބަލިކަށިވެ، ޝިރުކާއި ބިދުޢައިގެ ގޮތްތަކެއް އަށަގެންފައި ވެއެވެ.
އޭނާގެ ޙަޔާތް ޚާއްޞަކުރެއްވީ އިސްލާމީ ޢަޤީދާ ދިރުއްވުމަށާއި ބިދުޢަތަކާއި ޚުރާފާތްތަކާއި މަޒުހަބީ ފިކުރުތަކާ ދެކޮޅަށް މަސައްކަތްކުރެއްވުމަށެވެ. އަދި އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތަކުގެ މައްޗަށް ބިނާކޮށް ދީނީ ތައުލީމު ދެއްވުމަށް މަސައްކަތް ކުރެއްވިއެވެ. އަދި، ތަޞައްވުފުގެ އިލްމުވެސް ތައާރަފް ކޮށްދެއްވިއެވެ. އޭގެރ އިތުރުން އިންޑިއާގެ ގިނަ މީހުން ގަބޫލުކުރާ ޙަނަފީ މަޛްހަބުގެ އުޞޫލުތައް އެއްގޮތްކުރެއް ވުމަށްވެސް މަސައްކަތް ކުރެއްވިއެވެ.
ޝާހް ވަލިޔުﷲ ވަނީ ކީރިތި ޤުރުއާނު ފާރިސީ ބަހަށް ތަރުޖަމާކޮށް ދެއްވާފައެވެ. އެއިރު ފާރިސީ ބަހަކީ ދިއްލީގައި ޢިލްމީ ދާއިރާގައި ބޭނުން ކުރެވުނު ބަހެވެ.
ޝާހު ވަލިޔުﷲގެ ފާރިސީ ތަރުޖަމާ ފަހުން އުރުދޫ ބަހަށް ތަރުޖަމާ ކޮށްދެއްވީ އޭނާގެ ދަރިކަލުން، ޝާހް ރަފީޢުއްދީން އެވެ.
ޝާހު ވަލިޔުﷲގެ އެންމެ ފާހަގަކޮށްލެވޭ ލިޔުންތަކުގެ ތެރޭގައި އިސްލާމީ ފިޤުހުގެ އުޞޫލުތަކަށް ލިޔުއްވާފައިވާ ފޮތްބައި ޙުއްޖަތުالله އަލްބަލިޣާ ހިމެނެއެވެ.
އޭގެ އިތުރުން މުވައްތާ އިމާމް މާލިކްގެ ޝަރަޙަ ފާރިސާ ބަހުން ލިޔުއްވިއެވެ.
އަދި ޙަދީސް ޢިލްމުގައި އަލްޢިރްޝާދު އިލާ މުޙިއްމަތުލް އިސްނާދުގެ ނަމުން ޙަދީޘާ ބެހޭ ފޮތެއް ލިޔުއްވިއެވެ. އިންޑިއާ ބައްރުގައި ސަލާމާއި ސަލަވާތްލެއްވި ކީރިތި ރަސޫލާގެ ސުންނަތް ފެތުރުމުގައި ވަރަށް ބޮޑު ޙިއްޞާއެއް އަދާ ކުރެއްވިއެވެ.
ޝާހް ވަލިއްޔުﷲ އުފެއްދެވީ ޢިލްމީ މަދަރްސާއެކެވެ. އޭނާގެ 4 ބޭފުޅުންނަކީވެސް ފާހަގަކޮށްލެވޭ އިލްމުވެރި ބޭފުޅުންނެވެ. އެއީ، ޝާހް އަބްދުލް އަޒީޒް، ޝާހް ރަފީއުއްދީން، ޝާހު އަބްދުލް ޤާދިރު، އަދި ޝާހް އަބްދުލްޣަނީ އެވެ.
ޝާހް ވަލީއުالله އަކީ އިންޑިއާ ބައްރުގައި އިސްލާމް ދީނު ދިރުއްވައި ޒަމާނީ އިސްލާހީ ހަރަކާތެއް ބިނާކުރއްވި ޢިލްމުވެރިއެކެވެ. އޭނާގެ ޢިލްމީ އިސްލާޙީ ނުފޫޒު މިއަދާ ހަމައަށްވެސް ދުނިޔޭގައި ޙަދީސް ޢިލްމާއި އިސްލާމީ ފިކުރުގައި ގުގުމަމުން ދެއެވެ. އިސްލާމްދީނަށާއި މުސްލިމުންނަށް ކޮށްދެއްވި ޚިދުމަތުގެ ހެޔޮ ޖަޒާ ދެއްވައި އޭނާއަށް ހެޔޮ ރަޙްމަތް ލައްވައި، ގިނަގުނަ ޘަވާބު ދެއްވާށި! އާމީން






