ރާއްޖޭގެ އަދުލުގެ ނިޒާމުގެ ފުރިހަމަ މިނިވަންކަން ގާޒީންނަށް ނުލިބި މަރުގެ ހުކުމް ތަންފީޒުކުރަން ނިންމުމަކީ ހެޔޮވާނެ ކަމެއް ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ 500 ގްރާމަށް ވުރެ ގިނައިން މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ކަނޑައަޅައި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކުރީގެ މިނިސްޓަރު ޒިޔާދު ވިދާޅުވީ، މިފަދަ ނާޒުކު މައްސަލަތަކުގައި އެއިރަކު އޮންނަ ބާރަކުން ނުވަތަ ސަރުކާރަކުން މީހުން ފްރޭމްކޮށް، ނުހައްގުން މަރުގެ ހުކުމް ތަންފީޒުކުރުމަކީ ވުން ދުރުކަމެއް ނޫން ކަމަށެވެ. އަދި ސިޔާސީ ނުފޫޒު ވަދެފައިވާ މާހައުލެއްގައި މިފަދަ ބޮޑެތި އަދަބުތައް ދިނުމުގައި ބޭއިންސާފުން ކަންކަން ހިނގައިދާނެ ކަމުގެ ބިރު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.
އެހެންކަމުން މަރުގެ އަދަބު ތަންފީޒުކުރުމުގެ ކުރިން، ޝަރުއީ ދާއިރާގެ ފުރިހަމަ މިނިވަންކަން ގާޒީންގެ އަތްމައްޗަށް ދޫކޮށްލަން ޖެހޭ ކަމަށް ކުރީގެ މިނިސްޓަރު ވިދާޅުވިއެވެ. މިނިވަންކަން ކަށަވަރު ނުކުރެވި މިފަދަ ނިންމުންތައް ތަންފީޒުކުރަން ފެށުމަކީ ރައްކާތެރިކަމެއް ނޫން ކަމަށާއި، ގާޒީންނަށް ބާރު ލިބިގެން މެނުވީ މިފަދަ ކަންކަން ނިންމަން ހެޔޮނުވާނެ ކަމަށް ޒިޔާދު ވިދާޅުވިއެވެ.






