އިންޑިއާ ކަނޑުގެ ސަރަހައްދާއި ސްޓްރެޓިޖިކް ޕާޓްނާޝިޕް

އިބްރާހީމްް ސަމީރު
ޑިސެމްބަރ 27, 2025

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އުރުދުން، އިތިއޯޕިއާ އަދި އޮމާނަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ މެދުއިރުމައްޗާއި، އެފްރިކާ އަދި އިންޑިއާ ކަނޑުގެ ސަރަހައްދު ގުޅުވާލުމަށް އިންޑިއާއިން ގެންގުޅޭ ސްޓްރެޓިޖިކް ސިޔާސަތުގެ ދަށުން ކުރއްވި މުހިންމު ދަތުރުފުޅެކެވެ. ދުނިޔޭގެ ވިޔަފާރި މަގުތަކަށް ބުރޫއަރަމުންދާ މި ދަނޑިވަޅުގައި، މި ސަރަހައްދުތަކަކީ އެކަތިގަނޑެއްގެ ގޮތުގައި އިންޑިއާއިން މިހާރު ދެކެއެވެ.

އިންޑިއާ އާއި އުރުދުންއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 75 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، މޯދީގެ މި ދަތުރުފުޅު ދިމާވެފައި ވަނީ ޣައްޒާ ހަނގުރާމައާއި ޔަމަން އަދި ސޫދާނުގެ ހަމަނުޖެހުންތަކާ ގުޅިގެން ސަރަހައްދީ ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. މޯދީ އާއި އުރުދުންގެ ރަސްގެފާނު އަބްދުﷲ ދެވަނަ ވަނީ އިއާދަކުރަނިވި ހަކަތަ، ފެން މެނޭޖްކުރުން، ޑިޖިޓަލް ޓްރާންސްފޯމޭޝަން އަދި ސަގާފީ ދާއިރާއިން އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފައެވެ. މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި 5 ބިލިއަން ޑޮލަރަށް އިތުރުކުރުމަށް މޯދީ ވަނީ ގޮވާލައްވާފައެވެ.

އިތިއޯޕިއާއަކީ އެފްރިކާއަށް ވަދެވެން އޮތް މުހިންމު ދޮރާއްޓެއްގެ ގޮތުގައި ފާހަގަކުރައްވައި، ރަތްކަނޑުގެ ސްޓްރެޓިޖިކް މުހިންމުކަމުގެ މައްޗަށް މޯދީ އަލިއަޅުއްވާލެއްވިއެވެ. އިންޑިއާގެ ވިޔަފާރީގެ ތެރެއިން އަހަރަކު 200 ބިލިއަން ޑޮލަރަށްވުރެ ގިނަ މުދާ އެ ސަރަހައްދުން ދަތުރުކުރެއެވެ. މި ދަތުރުފުޅުގައި އިންޑިއާ އާއި އިތިއޯޕިއާގެ ގުޅުން ’ސްޓްރެޓީޖިކް ޕާޓްނަޝިޕް‘ އަކަށް ބަދަލުކޮށްފައިވާއިރު، މިއީ ’ގްލޯބަލް ސައުތު‘ ގެ އިސް ގައުމެއްގެ ގޮތުގައި އިންޑިއާ އޮތްކަން ހާމަކޮށްދޭ ކަމެކެވެ.

އޮމާނަކީ ގަލްފް ސަރަހައްދުގައި އިންޑިއާއާ އެންމެ ގާތް ގުޅުމެއް ބާއްވާ އެއް ގައުމެވެ. މޯދީގެ ދަތުރުފުޅުގައި ކަނޑުގެ ސަލާމަތާއި އިގްތިސާދީ ގުޅުންތަކަށް ބާރުއެޅުއްވިއެވެ. މީގެ ތެރޭގައި އާ ފްރީ-ޓްރޭޑް އެއްބަސްވުމަކާއި، ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުން ހިމެނެއެވެ. ޚާއްސަކޮށް އޮމާންގެ ދުގުމް ބަނދަރު އިންޑިއާގެ ކަނޑުގެ ސިފައިންނަށް ބޭނުންކުރެވޭނެ އިންތިޒާމުތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އޮމާނަކީ އިންޑިއާގެ ’ލިންކް ވެސްޓް‘ ސިޔާސަތާއި ’މަހާސާގަރު‘ ތަސައްވުރުގެ މުހިންމު ބައިވެރިއެއް ވެސް މެއެވެ.

މި ލިޔުމާ ގުޅޭ