ކްރިސްޓިއަނަކު ޓީވީ ރިމޯޓާ ހެދި އަންހެނުން މަރާލައި ދަރިފުޅަށް ބަޑިން ހަމަލާދީފި

އިބްރާހީމްް ސަމީރު
ޑިސެމްބަރ 27, 2025

އެމެރިކާގެ ފްލޮރިޑާގެ ޕޯލްކް ކައުންޓީގައި ޓީވީން ބަލާނެ ޗެނަލަކާ މެދު ހިނގި ދެބަސްވުމެއްގެ ތެރެއިން ފިރިހެނަކު އޭނާގެ އަންހެނުން މަރާލައި، 13 އަހަރުގެ އަންހެން ދަރިފުޅަށް ބަޑިން ހަމަލާދީ ސީރިއަސް ޒަހަމްތަކެއް ދީފިއެވެ. މި ހާދިސާ ހިނގާފައިވަނީ އެންއެފްއެލް ފުޓްބޯޅަ މެޗެއް ބެލުމަށް ރިމޯޓު ހޯދަން އުޅުމުގައެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި އުމުރުން 47 އަހަރުގެ ޖޭސަން ކެނީ އޭނާގެ އަންހެނުން ކްރިސްޓަލް ކެނީ މަރާލީ، ސެން ފްރެންސިސްކޯ 49އާސް އަދި އިންޑިއަނަޕޮލިސް ކޯލްޓްސް ބައްދަލުކުރި މެޗު ބަލަން ބޭނުންވެގެން އުޅުމުގެ ތެރޭގައެވެ. ޝެރިފް ގްރޭޑީ ވިދާޅުވި ގޮތުގައި މަސްތުގެ ހާލަތުގައި ހުރި ޖޭސަންއާ ދެމެދު ހިނގި ޒުވާބު ބޮޑުވެ، ކްރިސްޓަލް ވަނީ އޭނާގެ 12 އަހަރުގެ ފިރިހެން ދަރިފުޅު ގާތު ފުލުހުންނަށް ގުޅުމަށް އެދިފައެވެ.

އެ ކުއްޖާ އެހީއަށް އެދި އަވަށްޓެރި ގެއަކަށް ދިޔަ ވަގުތު ބަޑީގެ އަޑު އިވިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ފުލުހުން އެ ގެއަށް ދިޔައިރު ކްރިސްޓަލް އޮތީ މަރުވެފައެވެ. އަދި 13 އަހަރުގެ އަންހެން ދަރިފުޅުގެ މޫނަށާއި ކޮނޑަށް ބަޑިން ހަމަލާދީފައި ހުއްޓާ ފެނުނެވެ. ޒަހަމްވި އަންހެން ކުއްޖާ ތަހުގީގަށް ކިޔައިދިން ގޮތުގައި ”އަހަރެން އޭނާގެ ގާތުގައި ބަޑި ނުޖެހުމަށް އާދޭސްކުރިން، އެކަމަކު އޭނާ ބަޑިޖެހި“ އެވެ. އެ ކުއްޖާގެ ހާލު ސީރިއަސް ނަމަވެސް މިހާރު އޮތީ ސްޓޭބަލްކޮށެވެ.

މި ހާދިސާއަށްފަހު ޖޭސަން ވަނީ ފިލައިގެން ގޮސް ނިއުޔޯކުގައި ހުރި އޭނާގެ އަންހެން ކޮއްކޮއަށް ގުޅައި، ވަރަށް ގޯސް ކަމެއް ކުރެވިއްޖެ ކަމަށާއި ދެން ދުވަހަކުވެސް ވާހަކަ ނުދެއްކޭނެ ކަމަށް ބުނެފައެވެ. ފުލުހުން އޭނާ ހޯދަމުން ދަނިކޮށް ފެނުނީ އޭނާގެ ބައްޕަގެ ގޭގެ ގުދަނެއްގެ ތެރޭގައި އަމިއްލައަށް މަރުވެފައި އޮއްވައެވެ.

ފުލުހުން އެ ގެ ބަލައި ފާސްކުރިއިރު، ކްރިސްޓަލް އޭނާގެ ފިރިމީހާއަށް ލިޔެފައިވާ ނޯޓެއް ފެނިފައިވެއެވެ. އެ ނޯޓުގައި އޭނާ ބޭނުންކުރާ މަސްތުވާތަކެއްޗާއި ބޯ ރެޑްބުލްގެ ބުއިންތަކުގެ ސަބަބުން އާއިލާ ރޫޅެމުންދާ ކަމަށާއި، އެކަމަށް އެހީތެރިކަން ހޯދުމަށް އާދޭސްކޮށްފައިވެއެވެ.

މި ލިޔުމާ ގުޅޭ