އަރަބިން އަރާމުގައި ތިއްބައި އިސްރާއީލުން މެދުއިރުމަތި އެއްކޮށް ހިފައިފިއެވެ. އިސްރާއީލުން އެންމެފަހުން ވަނީ އަރަބި ސަރަހައްދާއި މެދުއިރުމަތީގެ އެންމެ މުހިންމު އެންމެ ސްޓްރެޓިޖިކް ތަން ކަމަށްވާ ބާބުލްމަންދަބް އިސްރާއީލުގެ ބާރުގެ ދަށަށް ގެނަސްފައެވެ. ބާޣީ ދައުލަތް ކަމަށްވާ ސޯމާލީ ލޭންޑްއަކީ މިނިވަން ގައުމެއް ކަމަށް އިސްރާއީލުން ބަލައި ގަތުމުން އިސްރާއީލަށް 70 އަހަރުގެ ތެރޭގައި ކުރި މަސައްކަތް ވަށާ ޖަހައި ލެވި އަރަބި ސަރަހައްދުގެ ބާރު އެއްކޮށް ކޮންޓްރޯލު ކޮށްލެވުނީއެވެ.
މިކަން އިސްރާއީލަށް ހާސިލު ކުރެވުނީ އަރަބިން އެމެރިކާއަށް ބަރޯސާކޮށް އެމީހުންގެ ހިމާޔަތާއި ރައްކާތެރިކަން އމެރިކާއާއި ހަވާލު ކުރުމުންނެވެ. މިކަމުގައި އިސްރާއީލު ބަދުނާމު ކުރާކަށް ޖާގައެއް ނެތެވެ.
މެދުއިރުމަތީގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދަނީ އަރަބި ގައުމުތަކުން އެމެރިކާގެ އެހީތެރިކަމަށް ބަރޯސާވެފައި އޮތުމުގެ ސަބަބުން، މެދުއިރުމަތީގައި އިސްރާއީލުގެ ނުފޫޒު ފުޅާވުމަށް މަގުފަހިވެފައިވާ ގޮތާ މެދު އަލުން ބަހުސްކުރަން ފަށާފައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، ބައެއް އަރަބި ލީޑަރުން ސްޓްރެޓިޖިކް މިނިވަންކަމަށްވުރެ ބޮޑަށް އަމިއްލަ އަރާމާއި ލަގްޒަރީ ދިރިއުޅުމަށް އިސްކަންދިނުމުގެ ސަބަބުން، ސަރަހައްދީ ކަންކަމުގެ ބާރު ވޮޝިންޓަނަށް ދޫކޮށްލާފައި ބެއްވުމުގެ ނަތީޖާ މިއަދު މިދަނީ ފެންނަމުންނެވެ.
ތާރީޚީ ގޮތުން ބަލާއިރު، ދެވަނަ ބޮޑު ހަނގުރާމައަށްފަހު ގިނަ އަރަބި ގައުމުތަކަކުން ވަނީ އެމެރިކާއާއެކު ބަދަހި ގުޅުންތަކެއް އުފައްދާފައެވެ. މިއީ މައިގަނޑު ގޮތެއްގައި އަސްކަރީ އެހީއާއި، އިގްތިސާދީ އިންވެސްޓްމަންޓް އަދި އީރާނު ފަދަ ސަރަހައްދީ ގޮންޖެހުންތަކުން ރައްކާތެރިކަން ހޯދުމުގެ މަގްސަދުގައެވެ.
އީރާނުން އަމިއްލަ ދިފާއީ ނިޒާމުތައް ބިނާ ކުރިއިރު އަރަބިންގެ މުއްސަދި ކަމާއެކު އެމީހުން ތިބީ އެމެރިކާއަށް ބަރޯސާ ވެގެން ހިމާޔަތް ހޯދައިގެންނެވެ. ނަމަވެސް، މި ބަރޯސާވުމުގެ ސަބަބުން އަމިއްލަ ދިފާއުތައް ބިނާކުރުމަށް ހުރަސްއެޅިފައިވާ ތަން ފެނެއެވެ.
އެކްސްޕާޓަކު ވިދާޅުވި ގޮތުގައި، ”ރިޔާޟާއި އަބޫދާބީގައި ބޮޑެތި ގަނޑުވަރުތައް ބިނާ ކުރި އިރު އެ ގަނޑުވަރުތަކުގެ ތަޅުދަނޑިތައް އޮތީ އެމެރިކާއާ ޙަވާލުކޮށްފައެވެ.“
އެމެރިކާއިން މިކަމުގެ ފައިދާ ނަގައި ދިނި އިސްރާއީލަށެވެ. އިސްރާއީލުން ވަނީ އެމެރިކާއާއެކު އޮތް ގުޅުން ވަރުގަދަކޮށް، 2020 ވަނަ އަހަރުގެ އިބްރާހީމީ މުއާހަދާ މެދުވެރިކޮށް އަރަބިންނާ ގުޅުން ބަދަހިކޮށް އިސްރާއީލާ ދެކޮޅުވެރިކަން ހިނދާލާފައެވެ.
އިސްރާއީލުން މިހާރު ވަނީ ސަހުޔޫނީންގެ ނުފޫޒު ދުނިޔޭގެ އެންމެ ސްޓްރެޓެޖިކް އެފްރިކާގެ ދަޅަށް ވެސް ފުޅާ ކުރަމުންނެވެ. މިއީ އަހަރުތަކެއް ވަންދެން އަޅާނުލައި އެމެރިކާއަށް ބަރޯސާވުމުގެ ނަތީޖާއެވެ.
ޒަޔަނިސްޓުން ސޯމާލީލޭންޑް ބަލައިގަތުމާއި އެ ސަރަހައްދުގައި އަސްކަރީ މަރުކަޒުތައް ގާއިމުކުރުމަށް މިހާރު ވަނީ ފުރުސަތު ހޯދާ ފައެވެ. މިއީ ހޫޘީން ފަދަ ޖަމާއަތްތަކާ ދެކޮޅަށް އިސްރާއީލުން ކުރާ މަސައްކަތުގެ ބައެކެވެ.
އަރަބި ގައުމުތަކުގެ އަމިއްލަ ބާރުވެރިކަމަށް ވަކާލާތުކުރާ ފަރާތްތަކުން ބުނަނީ، ޗައިނާ ނުވަތަ ރަޝިޔާ ފަދަ ގައުމުތަކާއެކު ގުޅުން ބަދަހިކޮށްގެން ނޫނީ މި ބަރޯސާވުން ނިމުމަކަށް ނުގެނެވޭނެ ކަމަށެވެ.
އިސްރާއީލުގެ މި ކުރިއެރުމަކީ އެ ގައުމުގެ ހަރުކަށި ސިޔާސަތާއި ލަދުކުޑަ ފަސްޖެހުމެއް ނެތުމުގެ ނަތީޖާ ކަމަށްވެސް މުހައްލިލުން ދެކެއެވެ. މި ބަހުސްތަކުން ހާމަވަނީ ބަދަލުވަމުންދާ ދުނިޔޭގައި އަރަބި ގައުމުތަކުގެ ބާރު މެދުއިރުމައްޗަށް ގެއްލިފައިވާ ކަމެވެ.






