ތާރީޚުން ފެންނަން އޮތް ވާހަކައެކެވެ. ފާރިސްކަރައިގެ ރަސްގެފާނު ކިސްރާއަކީ ވަރަށް ދުރުވިސްނޭ އަދި އިންސާނީ ތަބީޢަތް ދެނެގަތުމުގައި ކުޅަދާނަ ބޭފުޅެކެވެ. އެއްދުވަހަކު އޭނާގެ ދަރުބާރުގައި ވަޒީރުންނާއި އަމީރުންނަށް މުޚާޠަބުކޮށް ވިދާޅުވިއެވެ.
ތިބާމެން، ޢަރަބިންނާ އާއިލީ ގޮތުން ގުޅުން ބަދަހިކޮށް، ކައިވެނީގެ ގުޅުން އުފެއްދުމަށް މަސައްކަތް ކުރަންވީ ނޫން ހެއްޔެވެ؟
ކިސްރާގެ ހުށަހެޅުމަށް ދަރުބާރުގެ ހާޒިރީން ޖަވާބު ދިނީ ނުރުހުމުގެ ބަސްތަކަކުންނެވެ. ފާރިސްކަރައިގެ މުއްސަނދިކަމާއި ބާރުވެރިކަމުގެ މަސްތުގައި ތިބި ބޮޑުން މިކަމާ ދެކޮޅު ހެއްޖެއެވެ. އެމީހުން ބުންޏެވެ!
”ޢަރަބިންނަކީ ހުސް ފަޔާ ކިރިޔާ އޮރިޔާން ނިވާ ކުރެވޭ ހާލުގައި އުޅޭ، ޖަމަލު ހުއިހައްޕާ ބަޔެކެވެ. އަޅުގަނޑުމެން ޅިޔަން ފަހަރިންގެ ގޮތުގައި ގުޅެންވީ އެވަރުގެ ބަޔަކާ ތޯއެވެ؟“
ވަޒީރުންގެ މި ބޮޑާކަމާއި ކިބުރުވެރިކަން ފެނިވަޑައިގަތުމުން، ކިސްރާ ނިންމެވީ އެމީހުންނަށް ފިލާވަޅެއް ދަސްކޮށްދެއްވާށެވެ.
ކިސްރާގެ ދަރުބާރަށް ފޮށްޓެއް ގެންނަވައިގެން އެއިން، ރަނާއި ޖަވާހިރު ޖަހާފައި ހުރި އަގުބޮޑު ފަށްޓަރުބައެއް ނެރުއްވިއެވެ. އަދި ދަރުބާރަށް އިއުލާން ކުރެއްވިއެވެ. އެ ފަށްޓަރުބައި ލިބޭނީ މައިމީހާގެ ބަނޑުން އުފަންވި ދުވަހު އޮތް ފަދައިން ހުރިހާ ހެދުމެއް ބާލައި ދައްކާ މީހަކަށެވެ.
ކިސްރާގެ މިވާހަކަ އިއުލާން ކުރެއްވުމާއެކު، ދުނިޔޭގެ މުދަލަށް ދަހިވެތިވެފައި ތިބި ފާރިސްކަރައިގެ ބޮޑުންނާއި ކިސްރާގެ ވަޒީރުން، އެއްވެސް ޖެހިލުމެއް ނެތި ހިނދުކޮޅެއްގެ ތެރޭގައި ހެދުން ބާލައި އެމީހުން ތިބި ގޮތް ސާބިތުކޮށް ދީފިއެވެ. ކޮންމެ މީހަކުވެސް ބުނަމުން ދިޔައީ އެންމެ ފުރަތަމަ އޮރިޔާންވީ އޭނާ ކަމަށެވެ. އެހެންވެ، އެ ޖަވާހިރު ޖެހި ފަށްޓަރުބައި ލިބެންވާނީ އޭނާއަށް ކަމަށެވެ.
އޭގެ ދުވަސްކޮޅެއް ފަހުން، ކިސްރާ، އޭނާގެ ދަރުބާރަށް ކަނބުރުތަޅާ ޢަރަބި މީހަކު ހާޒިރު ކުރެއްވިއެވެ.
އަދި ކުރިން ދުވަހު ހުށަހެޅުއްވި ފަދަ އަގުބޮޑު ފަށްޓަރުބައެއް މިއަދުވެސް ގެނަސް ދައްކަވައިފިއެވެ.
ކިސްރާ ވިދާޅުވިއެވެ! ”ކަނބުރު ކަލޭގެއެވެ! ކަލޭ އަހުރެންގެ ކުރިމަތީގައި ހެދުން ބާލައިފިނަމަ، ކަލެއަށް މި ފަށްޓަރު ބައި ލިބޭނެއެވެ!“
ނަމަވެސް، އެ ޢަރަބި މީހާ ވަރަށް ސާބިތުކަމާއެކު ޖަވާބު ދިނެވެ. އޭނާ ބުންޏެވެ.
”ﷲ ގަންދީ ބުނަމެވެ. މުޅި ފާރިސްކަރަ އަހަންނަށް ހިބަ ކޮށްދެއްވިއަސް، އަހަރެންގެ ބޯމަތީގައި މިއޮތް ފަގުޑިވެސް ނުބާލާނަމެވެ.“
ކިސްރާ، އޭނާގެ ހާޒިރީންނަށް ވިދާޅުވިއެވެ. ”އެހެރަ ފެންނަނީ ޢަރަބިންގެ ކިބައިގައި ހުރި އަމިއްލަ ނަފްސުގެ އިއްޒަތާއި އަބުރުވެރިކަމުގެ ނަމޫނާއެވެ.“
ޢަރަބި މީހާގެ ޖަވާބު އިވިވަޑައިގަތުމުން، ކިސްރާ އޭނާގެ ބޮޑުންނާއި ވަޒީރުންނަށް ބެއްލެވީ ނުރުހުމުގެ ލޮލަކުންނެވެ. އަދި ވިދާޅުވިއެވެ.
”ތިބާމެންގެ އަތުގައި ބާރާއި މުއްސަނދިކަން އެބައޮތެވެ. ނަމަވެސް ތިބާމެންގެ ކިބައިގައި ޢަރަބިންގެ ކިބައިން އެހެރަ ފެންނަ ޝަރަފާއި ޢިއްޒަތެއް ނެތެވެ. ފާރިސް ކަރައިގެ މީހުން އަރަބިންނާ އާއިލީ ގުޅުން ބަދަހިކުރަން އަހުރެން ހުށަހެޅީ އެ ސަބަބަށްޓަކައެވެ.“
މީހާގެ އަގު ވަޒަންކުރެވެނީ އޭނާގެ މުދަލާއި ހައިބަތަކުންނެއް ނޫނެވެ. އެމީހެއްގެ ކިބައިގައި ހުންނަ އަޚްލާޤީ ސިފަތަކުންނެވެ.






