މިއަދުގެ ސަހުޔޫނީ ފިކުރުގެ މުސްލިމު ވެރިންނާ ޚިލާފަށް އިހުގެ މުސްލިމު ވެރިންނަކީ މުސްލިމުންގެ އަބުރަށް ޣީރަތްތެރި ބަޔެކެވެ. އިސްލާމީ ތާރީޚަކީ މުސްލިމުންގެ ޢިއްޒަތާއި ކަރާމާތް ރައްކާތެރިކުރުމުގެ ރީތި ނަމޫނާތަކުން ފުރިގެންވާ ތާރީޚެކެވެ. މީގެ ތެރެއިންވެސް، އައްބާސީ ޚަލީފާ މުޢުތަސިމް ބިﷲ ގެ ދުވަސްވަރު ހިނގައިދިޔަ ’ޢައްމޫރިއްޔާ‘ ފަތަޙަކުރުމުގެ ހާދިސާއަކީ މުސްލިމް އަންހެނެއްގެ ގޮވާލުމަކަށް އިޖާބަދިނުމުގެ އެންމެ ވަރުގަދަ އެއް މިސާލެވެ.
ރޫމީންގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދެއްގައި މުސްލިމް އަންހެނަކަށް ރޫމީ ސިފައިންގެ މީހަކު ގޯނާކޮށް، އޭނާގެ ޢިއްޒަތަށް އަރައިގަތެވެ. އެ ވަގުތު އެ ކަނބުލޭގެ އީމާންތެރިކަމާއެކު ވަރަށް ބާރަށް ހަޅޭއްލަވައި ގަނެ، ’ވާ މުޢުތަސިމާހް‘ (އޭ މުޢުތަސިމޭވެ!) އޭ ކިޔައި ގޮވާލިއެވެ. މި އަޑު އިވުމުން ރޫމީން އެކަމަށް މަލާމާތްކޮށް ބުންޏެވެ. ”މުޢުތަސިމް އޭނާގެ ކަޅު އަސްތަކުގައި ކަލޭ ސަލާމަތްކުރަން އަންނަންދެން މަޑުކުރާށެވެ.“
މި ހިތާމަވެރި ޚަބަރު މުސްލިމް ދަތުރުވެރިއެއްގެ ފަރާތުން ޚަލީފާ މުޢުތަސިމް ބިﷲ އަށް ލިބިވަޑައިގަތެވެ. ޚަބަރު ލިބުމާއެކު، ކޯފާވެ ވަޑައިގެން ޚަލީފާ މަޖިލީހުން ތެދުވެވަޑައިގަތެވެ. އަދި މުސްލިމް އަންހެނެއްގެ ޙައްޤުގައި މުޅި ރޫމީންގެ ދައުލަތް ހިތާމަކުރާނެ ފަދަ ވަރުގަދަ ރައްދެއް ދެއްވުމަށް ﷲ ގަންދީ ހުވާކުރެއްވިއެވެ.
ޚަލީފާ، ވަގުތުން 90 ހާސް ހަނގުރާމަވެރިންގެ މައްޗަށް އެކުލެވޭ ބިޔަ ލަޝްކަރެއް ތައްޔާރުކުރެއްވިއެވެ. މި ލަޝްކަރު ރޫމީންގެ ބިމަށް ދިޔައީ ބާރުގަދަ ތޫފާނެއް ފަދައިންނެވެ. ރޫމީންގެ ކިއްލާއަކަށްފަހު ކިލާލެއް ފަތަޙަކުރައްވަމުން ގޮސް، އެންމެ ފަހުން ރޫމީންގެ އެންމެ ވަރުގަދަ އެއް ސިޓީ ކަމުގައިވާ ޢައްމޫރިއްޔާއާ ހަމައަށް ފޯރިއެވެ.
ޢައްމޫރިއްޔާ ފަތަޙަކުރެއްވުމަށްފަހު، އެ އަންހެންކަނބަލޭގެއަށް ގޯނާކުރި ސިފައިންގެ މީހާ ހޯއްދަވައި ޚަލީފާގެ ކުރިމައްޗަށް ގެނެވުނެވެ. ޚަލީފާ އަންހެން ކަނބުލޭގެވެސް ހާޒިރު ކުރެއްވިއެވެ. އަދި އޭނާއަށް ވިދާޅުވިއެވެ.
”އޭ ﷲ ގެ އަޅާއެވެ! ތިމަން މަނިކުފާނު މިހުރީ ކަމަނާގެ ގޮވާލުމަށް އިޖާބަދީގެންނެވެ.“ އަދި އެ ސިފައިންގެ މީހާ އެ ކަނބަލޭގެއާ ޙަވާލުކުރައްވައި އޭނާއަށް ބޭނުން އަދަބެއް ދިނުމުގެ އިޚުތިޔާރު އަންހެން މީހާއަށް ދެއްވިއެވެ.
އެއާއެކު، އެ އަންހެންކަނބުލޭގެ ދެއްކެވީ މުސްލިމުންގެ މަތިވެރި އަޚްލާޤެވެ. އޭނާ ބުންޏެވެ!
”ﷲ ގެ ވަޖުހުފުޅަށްޓަކައި އަހުރެން ތިބާއަށް މާފުކޮށްފީމެވެ!“
ޚަލީފާ މުޢުތަސިމް މި މަންޒަރު ބައްލަވަން ހުންނަވައި ވިދާޅުވިއެވެ.
”މިއަދަށްފަހު މުސްލިމެއްގެ ޙުރުމަތަށް އަރައިގަންނަ ކޮންމެ މީހަކަށް ހަލާކު ހުއްޓެވެ. އެހެރަ ފެންނަނީ އިސްލާމީ އަޚުލާޤެވެ.“
މިއަދު ކޮންމެ ދުވަހަކުވެސް މުސްލިމުން މަރައި އެމީހުންގެ އަބުރަށް އަރައި ގަނެވޭއިރު މުސްލިމު ވެރިން ތިބެނީ ޓީވީ ބަލާށެވެ.






