އަހަރު ނިމިގެންދިޔައިރު، ޕާކިސްތާނުގެ ސަރުކާރާއި ސިފައިންނާ ދެމެދު އޮތް ގުޅުން ވަރުގަދަވެ، ގައުމުގެ ހިންގުމުގެ ނިޒާމުގެ ތެރޭގައި ސިފައިންގެ ނުފޫޒު ކުރިއަށްވުރެ ބޮޑަށް ފުޅާވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ސިފައިންނާ ދެމެދު އޮތް ގުޅުން ހަމަޖެހުމަކަށް އައިސްފައިވަނީ، މުއައްސަސާގެ ގޮތުން ސިފައިންނަށް ބޮޑެތި ބާރުތަކެއް ލިބިގެންދިޔަ ދަނޑިވަޅެއްގައެވެ.
ނޮވެމްބަރު 2025 ގައި ފާސްކުރި ގާނޫނުއަސާސީގެ 27 ވަނަ އިސްލާހާއެކު، ޕާކިސްތާނުގެ ވެރިކަމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. މި އިސްލާހުގެ ދަށުން ފެޑަރަލް ކޮންސްޓިޓިއުޝަނަލް ކޯޓެއް އުފައްދައި، ސުޕްރީމް ކޯޓުގެ އިހުތިސާސް ވަނީ ހަނިކޮށްފައެވެ. އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ ’ޗީފް އޮފް ޑިފެންސް ފޯސަސް‘ ގެ މަގާމު އުފައްދައި، އެ މަގާމު ސިފައިންގެ ވެރިޔާއަށް ދިނުމެވެ. މިއީ ގައުމުގެ ހިންގުމުގައި ސިފައިންގެ ދައުރު ގާނޫނީ ގޮތުން ރަސްމީކޮށް ކަށަވަރުކޮށްދިން ނިންމުމެކެވެ.
މަރްޔަމް ނަވާޒްގެ ލީޑަޝިޕްގެ ދަށުން ޕަންޖާބު ޕްރޮވިންސްގައި ގިނަގުނަ ތަރައްގީގެ މަޝްރޫއުތަކެއް ވަނީ ހިންގާފައެވެ. މީގެ ތެރޭގައި ’ޕަންޖާބު ދަސްތަކް‘ ޕްރޮގްރާމާއި 189 އަށްވުރެ ގިނަ ތަރައްގީގެ މަޝްރޫއު ހިމެނެއެވެ. މީގެ އިތުރުން، ހަރުކަށި ފިކުރުގެ ތަހްރީކޭ ލައްބައިކް ޕާކިސްތާން (ޓީ.އެލް.ޕީ) އާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅައި، އެ ޖަމާއަތުގެ މުދާ ހިފަހައްޓައި މިސްކިތްތައް ވަނީ ބަންދުކޮށްފައެވެ. އަދި 20 އަހަރަށްފަހު ’ބަސަންތު‘ ކައިޓް ފެސްޓިވަލް ބޭއްވުމާއި ކްރިސްމަސް ފާހަގަކުރުން ފަދަ ހަރަކާތްތަކުން ދައްކުވައިދެނީ ހަރުކަށި ފިކުރާ ދެކޮޅަށް ސަރުކާރުން ގެންގުޅޭ ސިޔާސަތެވެ.
މެއި 2025 ގައި އިންޑިއާއާއެކު ހިނގި ކުރު ކުރިމަތިލުންތަކާ ގުޅިގެން ސިފައންނަށް އޮތް އާންމުންގެ ތާއީދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ހަމައެއާއެކު، ސިފައިންގެ އެތެރޭގެ އަދަބީ ނިޒާމު ވަރުގަދަކުރުމުގެ ގޮތުން، އައި.އެސް.އައި ގެ ކުރީގެ ވެރިޔާ ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ފާއިޒް ހަމީދު، ދައުލަތުގެ ސިއްރުތަކާ ޚިލާފުވުމުގެ ކުށުގައި 14 އަހަރަށް ޖަލަށްލުމަށް އަސްކަރީ ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އިމްރާން ޚާންގެ ޕީ.ޓީ.އައި އިން ދައުލަތުގެ މުއައްސަސާތަކަށް ދެމުންގެންދާ ހަމަލާތައް ވަރުގަދަކުރި ނަމަވެސް، އެ ޕާޓީއަށް މަގުމަތީގެ ބާރު ދެއްކުމުގައާއި ބައިނަލްއަގުވާމީ ތާއީދު ހޯދުމުގައި ވަނީ ނާކާމިޔާބުވެފައެވެ. ދައުލަތުން ޕީ.ޓީ.އައި ސިފަކުރަނީ ގައުމު ހަލަބޮލިކުރަން އުޅޭ ބައެއްގެ ގޮތުގައެވެ.






