ޗައިނާއިން ތިބަޓުގައި ބިޔަ ޑޭމެއް އެޅުމާ ގުޅިގެން އަވަށްޓެރި ގައުމުތަކުގެ ކަންބޮޑުވުން

އިބްރާހީމްް ސަމީރު
ޖެނުއަރީ 2, 2026

ޗައިނާގެ ތިބަތު ސަރަހައްދުގައި އޮންނަ ޔާލުންގް ސަންގްޕޯ ކޯރުގައި ބިޔަ ހައިޑްރޯޕަވަރ ޑޭމް މަޝްރޫއެއް ފެށުމާ ގުޅިގެން، ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ފެނުގެ ރައްކާތެރިކަމާ މެދު އޮތް ބިރުވެރިކަން ބޮޑުވެއްޖެއެވެ.

2025 ވަނަ އަހަރުގެ ޖުލައި މަހު ޗައިނާގެ ބޮޑުވަޒީރު ލީ ކިއަންގް އިފްތިތާހުކޮށްދެއްވި މި މަޝްރޫއަކީ 167 ބިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެކެވެ. ފަސް ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 60 ގިގަވޮޓްގެ ކަރަންޓު އުފެއްދުމުގެ ގާބިލުކަން ލިބިގެންވާ މަޝްރޫއެކެވެ. ޗައިނާ ސަރުކާރުން މި މަޝްރޫއު ސިފަކުރަނީ ތިމާވެއްޓާ ރައްޓެހި ”ގްރީން އެނާޖީ“ އުފެއްދުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައެވެ.

ނަމަވެސް، ކޯރުގެ ތިރީގައިވާ ގައުމުތަކުން ތުހުމަތުކުރާ ގޮތުގައި މި މަޝްރޫއުގެ ސަބަބުން ބައިނަލްއަގުވާމީ ކޯރުތަކުގެ މައްޗަށް ޗައިނާއިން އޮންނަ ނުފޫޒު އިތުރަށް ވަރުގަދަވެގެންދާނެއެވެ. މި މަޝްރޫއާ ގުޅޭ ތިމާވެށީގެ އެއްވެސް ދިރާސާއެއް  ޗައިނާއިން ހާމަކޮށްފައި ނުވުމުން، އަރުވާލެވިފައިވާ ޓިބަތުގެ ސަރުކާރުން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ސަރުކާރުން ހާމަކުރި ގޮތުގައި، މި މަޝްރޫއުގެ ސަބަބުން ޓިބަތުގެ ނާޒުކު ތިމާވެއްޓަށް ގެއްލުންވެ، މިލިއަނަކަށްވުރެ ގިނަ މީހުންގެ ފެނުގެ ރައްކާތެރިކަން ގެއްލިގެންދާނެއެވެ. މިހާތަނަށް 121،000 އަށްވުރެ ގިނަ މީހުން ވަނީ މި މަޝްރޫއުގެ ސަބަބުން ގެދޮރުން ބޭރުކޮށްފައެވެ.

މިކަމާ ގުޅިގެން އިންޑިއާއާއި ބަންގްލަދޭޝްއިން ވަނީ ބޮޑު ކަންބޮޑުވުން ފާޅުކޮށްފައެވެ. ބްރަހްމަޕުތުރާ ކޯރުގެ ފެނަށް ބަރޯސާވާ ގާތްގަނޑަކަށް 300 މިލިއަން މީހުންނަށް މި މަޝްރޫއުގެ ސަބަބުން ނޭދެވޭ އަސަރުކުރާނެ ކަމަށް އިންޑިއާގެ އޮފިޝަލުން ވިދާޅުވެއެވެ.

މީގެ ކުރިން މެކޮންގް ކޯރުގައި ޗައިނާއިން އެޅި ޑޭމްތަކުގެ ސަބަބުން ފެން މަދުވި ފަދައިން، މި ޑޭމް މެދުވެރިކޮށް ޗައިނާއިން ފެން ދޫކުރާ މިންވަރު ކޮންޓްރޯލް ކޮށްފާނެ ކަމުގެ ބިރު އެ ގައުމުތަކުން ގެންގުޅެއެވެ.

ބަންގްލަދޭޝްއިން ބުނާ ގޮތުގައި، ކޯރުގެ ފެނާއެކު އަންނަ ކުނިބުނިތަކާއި ވެލި ކިސަޑު ޑޭމްގައި ތާށިވުމުގެ ސަބަބުން އެ ގައުމުގެ ދަނޑުވެރިކަމަށް ބޮޑެތި ގެއްލުންތަކެއް ލިބި، ތިމާވެށީގެ ނިޒާމު ބަދަލުވެގެންދާނެއެވެ.

މި ލިޔުމާ ގުޅޭ