އެމެރިކާގެ ވިސާ ހޯދުމަށް ދަރިވަރުންގެ ސޯޝަލް މީޑިއާ ހިސްޓްރީ ހުށަހަޅަން މަޖުބޫރުކޮށްފި

އިބްރާހީމްް ސަމީރު
ޖެނުއަރީ 2, 2026

އެމެރިކާގެ ޔުނިވަރސިޓީތަކުން ތަޢުލީމު ހާސިލުކުރުމަށް އެދޭ ޗައިނާގެ ދަރިވަރުންނަށް ވިސާ ދޫކުރުމުގެ އުސޫލުތައް އެމެރިކާ ސަރުކާރުން ވަރަށް ބޮޑަށް ހަރުކަށިކޮށްފިއެވެ.

މި ނިންމުމާ އެކު، މެއިންލޭންޑް ޗައިނާ، ހޮންގކޮންގް އަދި މަކާއޯ އިން އެމެރިކާއަށް ދާން ބޭނުންވާ އެފް1، ޖޭ1 އަދި އެމް1 ގިންތީގެ ވިސާއަށް އެދޭ ހުރިހާ ދަރިވަރުން، ފާއިތުވި ފަސް އަހަރު ދުވަހުގެ ސޯޝަލް މީޑިއާ ހިސްޓްރީ ހުށަހަޅަން ޖެހޭނެއެވެ. އެމެރިކާގެ ކޮންސިއުލަރ އޮފިސަރުން މި މަޢުލޫމާތުތައް ބޭނުންކުރާނީ އެ ދަރިވަރުންގެ ސިޔާސީ ގުޅުންތަކާއި، ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްތޯ ބެލުމަށެވެ.

މި ފިޔަވަޅަކީ ޗައިނާގެ ދަރިވަރުން އެމެރިކާގެ ޔުނިވަރސިޓީތަކަށް ވަނުން މަދުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެޅި ފިޔަވަޅެކެވެ. މީގެ މައިގަނޑު ސަބަބަކީ އިންޓަލެކްޗުއަލް ޕްރޮޕަޓީ ނުވަތަ ފިކުރީ މުދާ ވަގަށް ނެގުމުގެ ބިރު އޮތުމާއި، ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ”މިލިޓަރީ-ސިވިލް ފިއުޝަން“ ސްޓްރެޓެޖީގެ ދަށުން އެމެރިކާގެ ޓެކްނޮލޮޖީ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކުރެވޭ ތުހުމަތުތަކެވެ.

މި ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ފެންނަން އޮތް އެއް މުއައްސަސާއަކީ ޕާޑިއު ޔުނިވަރސިޓީއެވެ. އެ ޔުނިވަރސިޓީން ވަނީ ޗައިނާގެ 100 އަށްވުރެ ގިނަ ގްރެޖުއޭޓް ދަރިވަރުންނަށް ދީފައިވާ އެޑްމިޝަން މިހާރު ބާތިލުކޮށްފައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މީގެ ދިހަ އަހަރު ކުރިން އެ ޔުނިވަރސިޓީއަށް ޗައިނާގެ 718 ދަރިވަރުން އަލަށް ވަން ނަމަވެސް، 2024 ވަނަ އަހަރު އެ އަދަދު ވަނީ އެންމެ 14 އަށް ދަށަށް ގޮސްފައެވެ.

ސްޓެންފޯޑް، ކާނެގީ މެލަން، އިލިނޮއި، މޭރީލޭންޑް އަދި ޔޫ.އެސް.ސީ ފަދަ އެމެރިކާގެ ނުފޫޒުގަދަ ޔުނިވަރސިޓީތަކުން ވެސް ވަނީ ސައިންސާއި ޓެކްނޮލޮޖީ ސްޓެމް ފަދަ ނާޒުކު ދާއިރާތަކުން ޗައިނާ ދަރިވަރުންނަށް ފުރުސަތު ދިނުން ހަނިކޮށްފައެވެ. އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކުން އިންޒާރު ދޭ ގޮތުގައި، ޗައިނާގެ ދަރިވަރުންނާއި ރިސާޗަރުން ދަނީ އެމެރިކާގެ ޓެކްނޮލޮޖީ ”ނޮން-ޓްރެޑިޝަނަލް ކަލެކްޓަރުން“ ގެ ގޮތުގައި ނަގަމުންނެވެ. މިފަދަ ކަންތަކުގެ ސަބަބުން އެމެރިކާގެ އިގްތިސާދަށް އަހަރަކު 600 ބިލިއަން ޑޮލަރުގެ ގެއްލުންވާ ކަމަށް އަންދާޒާކުރެވެއެވެ.

މި މައްސަލައިގައި އެމެރިކާގެ ކޮންގްރެސްއިން ދަނީ ޗައިނާގެ ރައްޔިތުން ފެޑެރަލް ފަންޑު ލިބޭ ސްޓެމް ރިސާޗްތަކުގައި ބައިވެރިވުން މަނާކުރާ ގާނޫނެއް ފާސްކުރުމަށް މަޝްވަރާ ކުރަމުންނެވެ. އެމެރިކާގެ ޔުނިވަރސިޓީތަކުން ބިރުގަންނަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ނުކޮށްފިނަމަ، ސަރުކާރުން ލިބޭ މާލީ އެހީތައް މެދުކެނޑިދާނެތީއެވެ.

މި ލިޔުމާ ގުޅޭ