މިސްކިުތުގެ ޙުރުމަތް 80 ފަހަރު ކަނޑައިފި

އިބްރާހީމްް ސަމީރު
ޖެނުއަރީ 6, 2026

ޑިސެމްބަރު މަހު އަޤްޞާ އަށް 27 ފަހަރު ވަދެގަނެ، އިބްރާހީމީ މިސްކިތުގައި 53 ފަހަރު ބަންގި ގޮވުން މަނާކުރި ކަމަށް ފަލަސްޠީނުގެ އަވްގާފް މިނިސްޓްރީން ބުނެއެވެ.
ފަލަސްޠީނުގެ އަވްގާފް އެފެއާޒްއިން ހާމަކުރި ގޮތުގައި، ނިމިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ވަޒަންވެރިން ވަނީ މަސްޖިދުލް އަޤްޞާއަށް 27 ފަހަރު ވަދެގަނެ، އެ ތަނުގެ މުޤައްދަސްކަން ނަގާލާފައެވެ. އަދި ހަމަ އެ މުއްދަތުގެ ތެރޭގައި ޚަލީލްގައި ހުންނަ އަލްޙަރަމް އަލްއިބްރާހީމީގައި 53 ފަހަރު ބަންގި ގޮވުން އިސްރާއީލު ސިފައިން މަނާކޮށްފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

އެ މިނިސްޓްރީގެ މަހު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ އަސްކަރީ ބާރުތަކުގެ ހިމާޔަތުގައި ވަޒަންވެރިން ހިންގާ މި އުދުވާންތައް ޔަހޫދީންގެ ”ޙަނުއްކާ“ ނުވަތަ އަލިގަދަ އީދާ ދިމާކޮށް ވަނީ އިތުރުވެފައެވެ. މިގޮތުން، މަސްޖިދުލްއަޤްޞާގެ ގޯތިތެރޭގައި ދީނީ އަޅުކަންތައް ފާޅުގައި އަދާކުރުމަށާއި، އުުުުުއްބައްތި ދިއްލުމަށް ވަޒަންވެރިން ވަނީ މަސައްކަތް ކޮށްފައެވެ. މި އަމަލުތައް ހިންގިއިރު، އިސްރާއީލު ފުލުހުން ވަނީ އަޤްޞާގެ ބަލަދުވެރިން ނުވަތަ ގާޑުންނަށް އެމީހުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއަޅާފައެވެ.

މީގެ އިތުރުން، މަސްޖިދުލް އަޤްޞާގެ ތެރޭގައި ޔަހޫދީންގެ ދީނީ އާދަކާދަތައް ”އާންމު ކުރުމަށް“ ރޭވުންތެރިކަމާއެކު މަސައްކަތް ކުރަމުންދާ ކަމުގެ އިންޒާރު މިނިސްޓްރީން ވަނީ ދީފައެވެ. އެގޮތުން، އަޤްޞާގެ އިރުމަތީ ފަރާތުގައިވާ ބާބުއް ރަޙްމާގެ ކައިރީގައި ޖަމާއަތް ހަދައިގެން ތަލްމޫދީ ދުއާތައް ކުރުމާއި، ދީނީ ފޭރާމުގައި ވަދެ ބިންމަތީގައި އޮށޯވެ ސަޖިދަޖެހުމާއި، އަދި ދީނީ ގޮވުންތައް ގޮވުން ފަދަ ކަންކަން ދަނީ ތަކުރާރުވަމުންނެވެ.

އިބްރާހީމީ މިސްކިތުގެ ހާލަތާ ގުޅޭގޮތުން ރިޕޯޓުގައި ބުނެފައިވަނީ، ފަލަސްޠީނުގެ މުވައްޒަފުންނާއި ނަމާދުކުރާ މީހުންނަށް މިސްކިތަށް ވަނުމަށް އިސްރާއީލުން ހުރަސްތަކެއް ކުރިމަތިކުރަމުންދާ ކަމަށެވެ. އަދި އިސްރާއީލުގެ ކޮންޓްރޯލް އޮންނަ ސަރަހައްދުގައި އަޑުގަދަ ޕާޓީތައް ބޭއްވުމާއި، މާކެޓް ސަރަހައްދުގެ ދޮރުތަކާއި އިރުމަތީ ދޮރު ތަކުރާރުކޮށް ބަންދުކުރުމުގެ އިތުރުން، ”ޒާވިޔަތުލް އަޝްރާފް“ ސަރަހައްދުގައި ސިއްރު ކޮނުންތަކެއް ކުރިއަށްގެންދާ ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މި އުދުވާންތައް ކުށްވެރިކުރަމުން ފަލަސްޠީނުގެ އަވްގާފް މިނިސްޓްރީން ވަނީ، އިސްރާއީލުން މިސްކިތްތައް ވަގުތީ ގޮތުންނާއި ތަނުގެ ގޮތުން ބައިބައިކުރުމަށް ކުރާ މަސައްކަތްތަކުން ދިފާއުވުމަށްޓަކައި، ވީހާވެސް ގިނަ ފަލަސްޠީނު ރައްޔިތުން އެ ދެ މިސްކިތަށް ޒިޔާރަތްކޮށް އެތަންތަނުގައި ވަގުތު ހޭދަކުރުމަށް ގޮވާލާފައެވެ.

މި ލިޔުމާ ގުޅޭ