އެމެރިކާގެ މުޒާހަރާތައް އީރާނަށް ވުރެން މާވަރުގަދަ ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވެއްޖެ

އިބްރާހީމްް ސަމީރު
ޖެނުއަރީ 11, 2026

އެމެރިކާގެ އެކި ސިޓީތަކުގައި އިމިގްރޭޝަން ސިޔާސަތުތަކާ ދެކޮޅަށް ކުރިއަށްދާ މުޒާހަރާތަކަކީ އީރާނުގައި ހިނގާ މުޒާހަރާތަކަށް ވުރެ ވަރުގަދަ މުޒާހަރާތަކެއްގެ ގޮތުގައި ސިފަކޮށް، އެމެރިކާގެ ޑިމޮކްރަސީގެ ފުށުއެރުންތަކަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ. މި މުޒާހަރާތައް މައިގަނޑު ގޮތެއްގައި ފެށިފައިވަނީ މިނިއާޕޮލިސްގައި އައިސް އިން ހިންގި ބަޑިޖެހުމުގެ ހާދިސާއަކާ ގުޅިގެންނެވެ.

މިނިއާޕޮލިސްގެ ޕައުޑަރހޯން ޕާކަށް 1،000 އާއި 5،000 އާ ދެމެދުގެ އަދަދަކަށް މީހުން އެއްވެފައިވާއިރު، ފުލުހުން ވަނީ ވަގުތުން ހަރުކަށި ފިޔަވަޅުތަކެއް އަޅައި 29 މީހަކު ހައްޔަރުކޮށްފައެވެ. މީގެ އިތުރުން ފިލަޑެލްފިއާގެ ސިޓީ ހޯލް ސަރަހައްދަށް 1،000 އަށް ވުރެ ގިނަ މީހުން އެއްވި ނަމަވެސް، ފުލުހުންގެ ބާރުގެ ބޭނުންކޮށްގެން ވަނީ އެމީހުން އެ ސަރަހައްދުން ދުރުކޮށްފައެވެ.

އެމެރިކާގައި ކުޑަ ކުދިންވެސް ހައްޔަރުކުރުން އާންމު ވެފައި ވެއެވެ

ވޮޝިންޓަން ޑީ.ސީ ގައި 500 އާއި 2،000 އާ ދެމެދުގެ އަދަދަކަށް މީހުން މުޒާހަރާ ކުރިއަށް ގެންދިޔަ ނަމަވެސް، ސަލާމަތީ ބާރުތަކުން ވަނީ އެ އަޑުތައް ކަނޑުވާލުމަށް މަސައްކަތް ކޮށްފައެވެ. ޝިކާގޯގައި 1،000 އާއި 3،000 އާ ދެމެދުގެ އަދަދަކަށް މީހުން މަގުތަކަށް ނުކުމެފައިވާއިރު، އެ ސިޓީގައި ވެސް ފުލުހުން ވަނީ އަމުރުވެރި ގޮތްތަކެއް ބޭނުންކޮށްގެން މުޒާހަރާގެ ބައިވެރިންނަށް ހުރަސް އަޅާފައެވެ.

ނިއުޔޯކް ސިޓީ އާއި ބޮސްޓަން އަދި ސެން ޑިއޭގޯ ފަދަ ސިޓީތަކުގައި ވެސް މުޒާހަރާތައް ކުރިއަށްދާއިރު، ކަމާބެހޭ ފަރާތްތަކުން ދަނީ މި މުޒާހަރާތަކުގައި ބައިވެރިވާ މީހުންގެ އަދަދު މަދުކޮށް ދެއްކުމަށް މަސައްކަތް ކުރަމުންނެވެ. ޖެނުއަރީ މަހުގެ ކުރީކޮޅު މުޅި އެމެރިކާގައި 1،000 އަށް ވުރެ ގިނަ ހަރަކާތްތައް ރޭވިފައިވީ ނަމަވެސް، ސަރުކާރުގެ ބިރުދެއްކުންތަކާއި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ގިނަ މީހުން މުޒާހަރާތަކަށް ނުކުތުމަށް ޖެހިލުންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހާދިސާތަކާ ގުޅިގެން ގިނަ ބަޔަކު ބުނަމުންދަނީ، އެމެރިކާއިން އީރާނުގެ މުޒާހަރާތަކާ ގުޅިގެން އެ ގައުމުގެ ވެރިކަން ބަދަލުކުރުމަށް ގޮވާލަމުންދާއިރު، އަމިއްލަ ގައުމުގައި ހިނގާ މިފަދަ ހަރަކާތްތައް ހުއްޓުވުމަށް އިންޓަނެޓް ކަނޑާލުމާއި، މީޑިއާ މެދުވެރިކޮށް ހަގީގަތް އޮޅުވާލުމަށް މަސައްކަތް ކުރާ ކަމަށެވެ. މިއީ އެމެރިކާގެ ޑިމޮކްރަސީގައި އޮތް ”މުނާފިގުކަން“ ހާމަވާ ކަމެއްގެ ގޮތުގައި ފާޑުކިޔާ ފަރާތްތަކުން ސިފަކުރެއެވެ.

މި ލިޔުމާ ގުޅޭ