ނިއުޔޯކް ސިޓީގެ މޭޔަރު ޒޮހްރާން މަމްދާނީ، ކުއީންސްގައި ބޭއްވި ފަލަސްތީނަށް ތާއީދުކުރާ މުޒާހަރާއެއްގެ ތެރެއިން ހަމާސް ޖަމާއަތަށް ތާއީދުކޮށް ގޮވި ގޮވުންތައް ހުކުރު ދުވަހު ކުށްވެރިކުރައްވައިފިއެވެ. މޭޔަރު ވިދާޅުވީ ”ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކޮށް ގޮވާ ގޮވުންތަކަށް މި ސިޓީގައި ޖާގައެއް ނެތް“ ކަމަށެވެ.
މި މުޒާހަރާ ބާއްވާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ’ޔަންގް އިސްރާއީލް އޮފް ކިއު ގާޑަން ހިލްސް‘ ސިނަގޮގް ކައިރީގައެވެ. ’ޕަލެސްޓީނިއަން އެސެމްބްލީ ފޯ ލިބަރޭޝަން‘ އިން އިންތިޒާމުކުރި މި މުޒާހަރާއަކީ ގުދުސް އާއި ހުޅަނގު އައްސޭރީގެ ބިންތައް ވިއްކުމަށް ބޭއްވި އިސްރާއީލުގެ ރިއަލް އެސްޓޭޓް ހަރަކާތަކާ ދެކޮޅަށް ބޭއްވި މުޒާހަރާއެކެވެ.
އިންޓަނެޓްގައި އާންމުވި ވީޑިއޯތަކުން ފެންނަ ގޮތުގައި، މުޒާހަރާގެ ބައިވެރިން ވަނީ ”ބާރަށް ބުނޭ، ސާފުކޮށް ބުނޭ، އަހަރެމެން މިތިބީ ހަމާސްއަށް ތާއީދުކޮށް“ އަދި ”އައިޑީއެފްއަށް މަރު“ ފަދަ ޝިއާރުތައް ގޮވާފައެވެ. މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ޔަހޫދީ މަރުކަޒުތައް ވަނީ އަވަހަށް ބަންދުކޮށް، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.
ނިއުޔޯކްގެ އިސް އޮފިޝަލުން ވެސް ވަނީ މިކަން ކުށްވެރިކުރައްވާފައެވެ. ގަވަރުނަރު ކެތީ ހޯކުލް މި ގޮވުންތަކަކީ ”ނަފުރަތުން ފުރިގެންވާ، ނުރައްކާތެރި އަދި އެންޓިސެމިޓިކް“ އަމަލެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އަދި އެޓާނީ ޖެނެރަލް ލެޓީޝިއާ ޖޭމްސް ވިދާޅުވީ ހަމާސްއަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށެވެ. މީގެ އިތުރުން ކޮންގްރެސް މެންބަރު އެލެގްޒެންޑްރިއާ އޮކާސިއޯ-ކޯޓޭޒް ވެސް ވަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މޭޔަރު މަމްދާނީ ފުރަތަމަ ދެއްވި ބަޔާނުގައި ބަހުގެ ބޭނުންކުރެއްވީ ކޮންމެވެސް ވަރަކަށް މަޑުމައިތިރިކޮށެވެ. ނަމަވެސް، އޭނާގެ ބަޔާނުގައި ސާފުކަމެއް ނެތް ކަމަށް ބުނެ އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން، ފަހުން ވަނީ ސޯޝަލް މީޑިއާގައި ވަރުގަދަ ބަޔާނެއް ނެރުއްވާފައެވެ. އޭނާ ވަނީ އެއްވެސް ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމަކީ ނިއުޔޯކްގައި ބަލައިގަނެވޭނެ ކަމެއް ނޫންކަން ތަކުރާރުކުރައްވާފައެވެ. އަދި ހަމާސަކީ ޓެރަރިސްޓްޖަމައަތެއްކަމަށްވިދޅުވިއެވެ
މި ހާދިސާއަކީ ޖެނުއަރީ 1 ގައި މަގާމާ ހަވާލުވެވަޑައިގަތް މޭޔަރު މަމްދާނީއަށް ކުރިމަތިވި އާންމު ސަލާމަތާއި މުޖުތަމައުގެ ގުޅުންތަކާ ގުޅޭ ފުރަތަމަ ބޮޑު އިމްތިހާނެވެ. މީގެ ކުރިން ފަލަސްތީނުގެ ހައްގުތަކަށް ވަކާލާތުކުރައްވާ މަމްދާނީ، ހަމާސްގެ ނަން ސީދާ ވިދާޅުވުމަށް ފަސްޖެހިވަޑައިގެންނެވި ނަމަވެސް، މިފަހަރުގެ ބަޔާނަކީ އެ ސިޔާސަތަށް އައި ބަދަލެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.






