ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ވަގަށްނަގައި މަގާމުން ދުރުކުރުމާ ގުޅިގެން، އެ ގައުމުގެ ތެޔޮ ސިނާއަތް އަލުން ބިނާކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ބޮޑެތި ތެޔޮ ކުންފުނިތަކަށް ގޮވާލައްވައިފިއެވެ. ވައިޓް ހައުސްގައި ޖެނުއަރީ 9 ވަނަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި ޓްރަމްޕް ވަނީ ވެނެޒުއެލާގެ އިންފްރާސްޓްރަކްޗާ ބިނާކުރުމަށާއި އުފެއްދުންތެރިކަން އިތުރުކުރުމަށް މަދުވެގެން 100 ބިލިއަން ޑޮލަރު އިންވެސްޓްކުރުމަށް ބާރުއަޅުއްވާފައެވެ.
މި ބައްދަލުވުމުގައި ރައީސް ޓްރަމްޕް ވަނީ އިންވެސްޓްކުރާ ކުންފުނިތަކަށް ފުރިހަމަ ރައްކާތެރިކަމާއި ސަލާމަތީ ކަށަވަރުކަން ދޭނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. ނަމަވެސް، އެމެރިކާގެ އެންމެ ބޮޑެތި ތެޔޮ ކުންފުނިތަކުން މިކަމަށް ދީފައިވަނީ ވަރަށް ފަރުވާތެރި އަދި ޝައްކުން ފުރިގެންވާ އިޖާބައެކެވެ.
އެގްޒޯން މޮބިލް ގެ ސީއީއޯ ޑަރެން ވުޑްސް ވިދާޅުވީ، ވެނެޒުއެލާގެ ގާނޫނީ ނިޒާމަށާއި، ވިޔަފާރީގެ އޮނިގަނޑަށާއި، އިންވެސްޓްމަންޓްތަކަށް ލިބޭ ރައްކާތެރިކަމަށް ބޮޑެތި ބަދަލުތަކެއް ނުގެނެސް، އެ ގައުމަކީ މިވަގުތު ”އިންވެސްޓް ނުކުރެވޭނެ“ ތަނެއްގެ ގޮތުގައި އޮތް ގައުމެއް ކަމަށެވެ. އަދި އެ ކުންފުނިން އަލުން މަސައްކަތް ފެށުމުގެ ކުރިން ދެމެހެއްޓެނިވި އިސްލާހުތަކެއް ބޭނުންވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ކޮނޮކޯ ފިލިޕްސް) ގެ ސީއީއޯ ރަޔަން ލާންސް ވެސް ވަނީ ވެނެޒުއެލާގެ ހަކަތައިގެ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ސިޔާސީ ނުތަނަވަސްކަމާއި، މާޒީގައި ކުންފުނިތަކުގެ މުދާ އަތުލާފައިވާ މައްސަލަތަކުގެ ސަބަބުން، އާ ފެށުމަކުން ފެށުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ނަމަވެސް، ވަގުތުން ބޮޑު އިންވެސްޓްމަންޓެއް ކުރުމަށް އެ ކުންފުނިން އެއްވެސް ވައުދެއް ނުވެއެވެ.
ޝެވްރޮން ފަދަ ބައެއް ކުންފުނިތަކުން މިހާރުވެސް އެ ގައުމުގައި ހިންގާ އޮޕަރޭޝަންތަކުގެ އެހީގައި އުފެއްދުންތެރިކަން އަވަހަށް އިތުރުކުރެވިދާނެ ކަމަށް ބުނި ނަމަވެސް، މި ބައްދަލުވުމުން އެއްވެސް ބޮޑު ކުންފުންޏަކުން އިންވެސްޓްކުރާނެ ކަމުގެ ޔަގީންކަމެއް ދީފައެއް ނުވެއެވެ.
ޔެޔޮ އުފައްދާ ކުންފުނިތަކުން ބުނީ ވެނެޒުއެލާގެ ތެޔޮނެގުމަކީ ހޭދަބޮޑު އަދި ފެންވަރު ދަށް ތެލެއް ކަމުން ފައިދާ އެއް ނެރެވެން ވިއްސަކަށ އަހަރު ނަގާނެ ކަމަށެވެ.
މި ދާއިރާގެ ދިރާސާވެރިން ފާހަގަކުރާ ގޮތުގައި، ވެނެޒުއެލާގެ ތެލުގެ ބާވަތާއި، ހަލާކުވެފައިވާ އިންފްރާސްޓްރަކްޗާގެ އިތުރުން، ދުނިޔޭގެ ބާޒާރު ސާފު ހަކަތައަށް ބަދަލުވަމުންދާ ދިއުމަކީ އިންވެސްޓަރުން ފަސްޖެހޭ މައިގަނޑު ސަބަބުތަކެވެ.






