އީރާނަކީ އަމިއްލަ އުފެއްދުންތެރި ގައުމެކެވެ. ނަމަވެސް އެމެރިކާ ނުވަތަ އިޒްރޭލަށް ސަޕޯޓު ކުރާ ޔޫއޭއީފަދަ މުދަލަށް ބޫތުކައިފައިވާ ތަނެއް ނޫނެވެ. އަދި އެމެރިކާގެ 40 އަހަރުގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ދުނިޔެއާ އެކަހެރިކޮށްފައިވާ ގައުމެކެވެ. އެމަކަކުވެސް އީރާނަކީ އެހެން ގައުމުތަކާ ޚިލާފަށް އާންމު މީހާއަށް ބޭނުންވާ ހުރިހައި އެއްޗެއް އަގުހެޔޮކޮށް ލިބޭ ގައުމެކެވެ. ހުޅަނގުގެ ރައުސުމާލީ ވިސްނުން އާންމުންނަށް ވިސްނައި ދެނީ އެތަކެތި އީރާނަށް ލިބޭނީ އީރާނުން ހުޅަނގަށް ކުރުނީސް ކުރުމުން ކަމަށެވެ. އެމެރިކާއަށް ކުރު ނީސްކުރުމަކީ އަރަބިންނަށް އޯކޭ ކަމަކަށް ވިއަސް އީރާނު މީހުންނަށް އޯކޭ ކަމެއް ނޫނެވެ.
ދުނިޔޭގެ ނިސްބަތުން ބަލާއިރު އީރާނަކީ ދިރިއުޅުމުގެ ޚަރަދުތައް އެންމެ ކުޑަ އެއް ގައުމުއެވެ. އިގްތިސާދީ ހާލަތާއި ގުޅިގެން އެ ގައުމުގެ ބައެއް ސަރަހައްދުތަކުގައި މުޒާހަރާތަކެއް ކުރިއަށްދިޔަ ނަމަވެސް، އަސާސީ ޚިދުމަތްތަކާއި މުދަލުގެ އަގުތައް ހުރީ ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު އިންތިހާއަށް ހެޔޮކޮށެވެ.
އީރާނުގެ ބާޒާރުގައި ތަކެތީގެ އަގު ހުރިގޮތަށް ބަލާއިރު، އެންމެ ފާހަގަކޮށްލެވެނީ ޕެޓްރޯލްގެ އަގެވެ. އީރާނުގައި ޕެޓްރޯލް ލިޓަރެއްގެ އަގު ފެން ލިޓަރަކަށްވުރެ ވެސް ހެޔޮކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން ކަރަންޓާއި ގޭހުގެ ޚިދުމަތަކީ ވެސް އާދަޔާ ހިލާފަށް އަގުހެޔޮ ޚިދުމަތްތަކެކެވެ. އެގޮތުން އާންމު ގޭބިސީއެއްގެ މަހު ކަރަންޓު ބިލަށް އެވްރެޖްކޮށް ހޭދަވަނީ އެންމެ 1 ނުވަތަ 2 ޑޮލަރެވެ.
ސިއްހީ ދާއިރާއަށް ބަލާއިރު، އީރާނުގައި ބޭސްފަރުވާގެ ޚިދުމަތްތައް ދެނީ ގާތްގަނޑަކަށް ހިލޭ ކަމަށް ބުނެވިދާނެއެވެ. ބޭހުގެ އަގުތައް ހުރީ ބާޒާރުގައި ތަރުކާރީ ލިބޭ އަގުތަކުގައެވެ. ސިއްޙީ މެޝިނަރީ އީރާނުން އަމިއްލައަށް އުފައްދައެވެ.
ތައުލީމީ ދާއިރާގައި ވެސް ގްރޭޑް 1 އަކުން ފެށިގެން ޔުނިވަރސިޓީއާ ޕީއެޗްޑީއާ ހަމައަށް ކިޔަވައިދެނީ މުޅިން ހިލޭކަން ފާހަގަކުރެވެއެވެ. އީރާނަކީ ސައިންސާއި ޓެކްނޮލޮޖީގެ ރޮނގުން ވެސް ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ގައުމެކެވެ.
ގެދޮރު ކުއްޔަށް ދިނުމުގެ އަގުތަކަށް ބަލާއިރު، އަވަށްޓެރި އަވަށްޓެރި ގައުމުތަކާ އަޅާބަލާއިރު އީރާނުގެ ކުލިތައް ހުރީ އެކަށީގެންވާ ހެޔޮ މިންވަރެއްގައެވެ. ގައުމުގެ އެތެރޭގައި އުފައްދާ އަދި ހައްދާ ހުރިހާ ތަކެއްޗެއްގެ އަގުތައް ހުރީ އާންމުންނަށް އަތްފޯރާ ފަށުގައެވެ. ނަމަވެސް، ބޭރުން އެތެރެކުރާ މުދަލުގެ އަގުތަކުގައި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރެވެއެވެ.
އީރާނުގެ ރައްޔިތުންގެ މެދުގައި މުދާ ގަތުމުގެ ގާބިލުކަން ކުޑަވަމުންދާ ކަމުގެ ޝަކުވާތަކާ އެކު ބައެއް މުޒާހަރާތައް ކުރިއަށްދިޔަ ނަމަވެސް، އަސާސީ ގިނަ ޚިދުމަތްތަކެއް އެ ގައުމުގައި ހުރީ ދުނިޔޭގެ އެހެން ގައުމުތަކަށް ނަމޫނާއަކަށް ވާހާ އަގުހެޔޮކޮށެވެ.






