އީރާންގެ މަގްބޫލުކަން އިތުރުވެއްޖެ

އިބްރާހީމްް ސަމީރު
ޖެނުއަރީ 12, 2026

މެދުއިރުމަތީގެ ސިޔާސީ މަސްރަޙަށް އަންނަމުންދާ ބަދަލުތަކަކީ މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ މުހިންމު ކަމެކެވެ. ޚާއްޞަކޮށް، ސައުދީ އަރަބިއްޔާ އިސްވެ އޮވެ، ގަލްފުގެ ޤައުމުތަކުން އީރާނާމެދު ގެންގުޅޭ ސިޔާސަތުތަކަށް އަންނަމުންދާ ހެޔޮ ބަދަލުތަކަކީ ފާހަގަކޮށްލަންޖެހޭ ކަމެކެވެ. ކުރިން އީރާނުގެ ވެރިކަން ވެއްޓުމަށް އެދި ތިބި ތިބުން ބަދަލުވެ، މިހާރު ފެންނަނީ ގުޅުން ބަދަހިކުރުމުގެ އާ މިޞްރާބެކެވެ.

މި ބަދަލު އަންނަން މެދުވެރިވި އެއް ސަބަބަކީ، އީރާނާއި ސައުދީ އަރަބިއްޔާއަކީވެސް އެ ސަރަޙައްދުގެ އަސްލު ވަޒަންވެރިންގެ ފަރާތުން އުފެދިފައިވާ ވެރިކަންތަކަކަށް ވުމެވެ. ނިޒާމުތައް ތަފާތުވި ނަމަވެސް، ދެ ޤައުމުގެ ސަގާފަތާއި، ބިމާއި، އަދި ރައްޔިތުންނާ އޮތް ގުޅުމަކީ އެ ސަރަޙައްދުގެ ފަސްގަނޑާ ލާމެހިފައިވާ ކަންކަމެވެ. މިއީ ބޭރުގެ ނުފޫޒުތަކަށްވުރެ ބޮޑަށް، ސަރަޙައްދީ ހަމަޖެހުމަށް އިސްކަންދޭންޖެހޭ ސަބަބެކެވެ.

މި ބަދަލުތަކުގެ ފަހަތުގައިވާ އަނެއް ސަބަބަކީ އިސްރާއީލުގެ ސިޔާސަތުތަކެވެ. އިސްރާއީލަކީ ހުޅަނގުގެ ސަގާފަތާއި އިޤްތިޞާދީ މޮޑެލްތަކަށް ބުރަވާ ދައުލަތެކެވެ. ފަލަސްޠީނުގެ ބިމުގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާއި، އެ ބިމުގެ އަސްލު ވަޒަންވެރިންގެ ސަގާފަތް ފޮހެލަން ކުރާ މަސައްކަތްތަކުގެ ސަބަބުން، އަވަށްޓެރި ޢަރަބި ޤައުމުތަކަށް ވަނީ ބޮޑު ބިރުވެރިކަމެއް ކުރިމަތިވެފައެވެ.

ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާއި، ފަލަސްޠީނުގެ ދައުލަތެއް އޮތްކަމަށް އިންކާރުކުރުމަށް އިސްރާއީލުން ކުރާ މަސައްކަތްތަކުގެ ސަބަބުން، ގަލްފުގެ ޤައުމުތަކުން މިހާރު ވިސްނަނީ ސަރަޙައްދީ ބާރުތައް ގުޅިގެން މަސައްކަތް ކުރުމަށެވެ. އީރާނަކީ އެމެރިކާގެ ނުފޫޒުން ބޭރުގައި އޮތް ޤައުމަކަށް ވީނަމަވެސް، ސަރަޙައްދީ ސަލާމަތަށްޓަކައި އީރާނާއެކު އޮތް ޚިޔާލުތަފާތުވުންތައް އެއްކައިރިކުރުން މުހިންމު ކަމުގައި މިވަނީ ފެނިފައެވެ.

ޖުމްލަގޮތެއްގައި ބަލާއިރު، ސައުދީ އަރަބިއްޔާއާއި ގަލްފުގެ ޤައުމުތަކުން އީރާނާ ގުޅުން ބަދަހިކުރަން ފަށާފައިވަނީ ހަމައެކަނި ސިޔާސީ ބޭނުމަކު ނޫނެވެ. އެއީ ސަރަޙައްދުގެ އަސްލު ވަޒަންވެރިންގެ މަޞްލަޙަތު ހިމާޔަތްކުރުމަށާއި، ބޭރުގެ ނުފޫޒުތަކުން ސަރަޙައްދު ސަލާމަތްކުރުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެކެވެ. ކުރިމަގުގައި މި ގުޅުން އިތުރަށް ވަރުގަދަވެ، މެދުއިރުމަތީގެ ހަމަޖެހުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

މި ލިޔުމާ ގުޅޭ