ބޭރުގެ ނުފޫޒުން ހިންގާ މުޒާހަރާތަކާ ގުޅިގެން 26 އަހަރުގެ ޒުވާނަކަށް މަރުގެ އަދަބު

އިބްރާހީމްް ސަމީރު
ޖެނުއަރީ 13, 2026

އީރާނުގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން، އުމުރުން 26 އަހަރުގެ އިރްފާން ސުލްތާނީގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް އެ ގައުމުން ތަންފީޒުކޮށްފިއެވެ. މިއީ ގައުމުގެ ހަމަޖެހުން ނަގާލުމަށް ބޭރުގެ ބާރުތަކުން ފަންޑުކޮށްގެން ހިންގާ ހަރަކާތްތަކެއް ކަމަށް ތެހެރާނުން ސިފަކުރާ މުޒާހަރާތަކާ ގުޅިގެން މަރުގެ އަދަބު ދިން ފުރަތަމަ ފަރާތް ކަމަށް ރަސްމީ އިދާރާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

އީރާނުގެ ދައުލަތުގެ މީޑިއާ އާއި ސަލާމަތީ ބާރުތަކުން ބުނާ ގޮތުގައި،  މި މުޒާހަރާތަކަކީ އެމެރިކާ އާއި އިސްރާއީލުގެ ނެޓްވޯކްތަކުން ރާވައިގެން ހިންގާ ކަންތައްތަކެކެވެ. ސަރުކާރާ ދެކޮޅު ގްރޫޕްތަކަށް ފައިސާ އާއި، އޮންލައިންކޮށް ކަންކަން ވިލަރެސްކުރުމުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އީރާނުން ތުހުމަތު ކުރެއެވެ. އީރާނު ސަރުކާރުން ވަކާލާތު ކުރަނީ މިއީ ސިޔާސީ ހިޔާލުތަފާތުވުމެއް ނޫން ކަމަށާއި، މިއީ ”އީރާނުގެ ސަލާމަތާއި ސިޔާދަތާ ދެކޮޅަށް“ ހިންގާ ކެމްޕޭނެއް ކަމަށެވެ.

ސުލްތާނީގެ މައްޗަށް ކުށް ސާބިތުވީ މުޒާހަރާތަކުގެ ތެރޭގައި ހިންގި އަނިޔާވެރި އަމަލުތަކެއްގައި ބައިވެރިވި ކަމަށް ސާބިތުވެ ރިވޮލިއުޝަނަރީ ކޯޓަކުންނެވެ.  އަދި އޭނާއަށް މިނިވަން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިފަވެއެވެ.

ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން މި އަމަލު ކުށްވެރިކުރަމުން ބުނެފައިވަނީ، ސުލްތާނީގެ މައްސަލައަކީ އިތުރު މުޒާހަރާތައް ހުއްޓުވުމަށްޓަކައި ބިރުދެއްކުމުގެ ގޮތުން އަވަސް އަރުވާލައިގެން ކުރިއަށް ގެންދިޔަ މައްސަލައެއް ކަމަށެވެ.

ސުލްތާނީ ދަންޖައްސައި މަރުގެ އަދަބު ދިން ޚަބަރާއެކު، އީރާނުގެ އެކި ސިޓީތަކުގައި އަލުން މުޒާހަރާތައް ވަނީ ފެށިފައެވެ. އެކްޓިވިސްޓުން ބުނާ ގޮތުގައި މިއީ ސިޔާސީ މަގްސަދެއްގައި ދީފައިވާ އަދަބެކެވެ. ނަމަވެސް، އީރާނުގެ އޮފިޝަލުން ތަކުރާރުކޮށް ވިދާޅުވަނީ ދައުލަތުން ފިޔަވަޅު އަޅަމުންދަނީ ބޭރުގެ ބާރުތަކުގެ އެހީގައި ގައުމުގައި ހަމަނުޖެހުން ހިންގާ ”ބަޣާވާތްތެރިންނާ“ ދެކޮޅަށް ކަމަށެވެ.

 

މި ލިޔުމާ ގުޅޭ