ވެނެޒުއޭލާގެ ގޮނޑިކޮއްކޮ މާރިއާ ކޮރީނާ މަޗާޑޯ، އޭނާއަށް ލިބިފައިވާ ނޯބެލް ސުލްހައިގެ އިނާމު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ހަދިޔާކުރައްވައިފިއެވެ. ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމެއްގައި މަޗާޑޯގެ މެޑަލް ޓްރަމްޕާ ހަވާލުކުރެއްވުމުން، ޓްރަމްޕް ވަނީ ވަރަށް ބޮޑު ހިނިތުންވުމަކާއެކު އެކަން ބަލައިގަންނަވާފައެވެ.
މަޗާޑޯއަށް ދީފައިވާ އިނާމާ މެދު ނޯބެލް ކޮމިޓީގައި ވެސް މިހާރު ވަނީ ބަހުސް އުފެދިފައެވެ.
އެ މެޑަލްއާއެކު ފޮޓޯއަށް ހުއްޓިވަޑައިގެން ހުންނަވައި ޓްރަމްޕް ވިދާޅުވީ މިއީ ”ވަރަށް ފުރިހަމަ ކަމެއް“ ކަމަށެވެ. އަދި މިއީ ދެ ފަރާތުގެ މެދުގައި އޮތް އިހުތިރާމް ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި ޓްރަމްޕް ސިފަކުރެއްވިއެވެ.
ނޯބެލް ސުލްހައިގެ އިނާމަކީ ޓްރަމްޕް ހޯއްދަވަން ވަރަށް ބޮޑަށް ބޭނުންފުޅުވެފައިވާ، އަދި އެކަމަށް އެކި ފަހަރުމަތިން ވަކާލާތު ކުރައްވާފައިވާ އެވޯޑެކެވެ.
ޓަރްމްޕްގެ އުދުވާނީ ސިޔާސަތުތަކާއެކުވެސް ޕާކިސްތާނުން ވަނީ މުނާފިގުކަން ދައްކައި ޓްްރަމްޕަށް ނޯބެލްގެ އިނާމު ހޯދައި ދޭން މަސައްކަތް ކޮށްފައެވެ. ދެން އެގޮތަށް މަސައްކަތް ކުރީ އިޒްރޭލުންނެވެ.
މަޗާޑޯ މި މެޑަލް ޓްރަމްޕާ ހަވާލުކުރެއްވުމަށްފަހު އެ މެޑަލް ވައިޓް ހައުސްގައި ބޭއްވިއިރު، ޓްރަމްޕް ވަނީ ފާޅުގައި އެކަން ބަލައިގަންނަވާފައެވެ. މިއީ ނޯބެލް ސުލްހައިގެ އިނާމު ލިބިފައިވާ ފަރާތަކުން އަމިއްލައަށް އިސްނަގައިގެން އެހެން މީހަކަށް އެ އެވޯޑު ހަދިޔާކުރި ތާރީޚީ ފުރަތަމަ ފަހަރެވެ.
ނަމަވެސް، މިފަދަ އެވޯޑެއް އެހެން މީހަކަށް ބަދަލުކުރެވިދާނެތޯ ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައި، ނޯވޭގެ ނޯބެލް އިންސްޓިޓިއުޓުން ވަނީ މިކަމާ ގުޅޭގޮތުން ބަޔާނެއް ނެރެފައެވެ. އެ އިންސްޓިޓިއުޓުން ބުނި ގޮތުގައި ނޯބެލް ސުލްހައިގެ އިނާމަކީ އެހެން މީހަކަށް ބަދަލުކުރެވޭނެ، ހިއްސާކުރެވޭނެ ނުވަތަ އަތުލެވޭނެ އެއްޗެއް ނޫނެވެ.
މަޗާޑޯ އޭނާގެ 2025 ވަނަ އަހަރުގެ ނޯބެލް އިނާމު ޓްރަމްޕަށް ދެއްވަފާނެ ކަމަށް މީގެ ކުރިން ބުނެފައިވާ ބުނުމަށް އިޝާރާތްކޮށް، ނޯބެލް އިންސްޓިޓިއުޓުން އާދީއްތަ ދުވަހު އަނެއްކާވެސް ތަކުރާރުކޮށް ބުނެފައިވަނީ މި އެވޯޑަކީ ބަދަލުކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ.






