އެމެރިކާގައި އިންސާނީ ހައްގުތަކުގެ ހާލަތު އީރާނަށް ވުރެން ނުރައްކާ ކަމަށް ދައްކައެވެ.
ކާރުގައި ތިއްބައި މީހުންގެ ގަޔަށް ބަޑި ޖަހަައި މެރުމާއި އަންހެނުން މުޒާހަރާ ކުރަނިކޮށް ޖާނު ވަރުހުރި ފިރިހެން އައިސް ލެފި ގަނެ ބައްދައިގެން ފިއްތާލައިގެން އަންހެނުން ހައްޔަރު ކުރުމަކީ ޓްރަމްޕްގެ ޑިމޮކްެރެސީގައި މިހާރު އާންމު އޯކޭ ކަމެކެވެ.
އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް އައިސް އިން ހިންގާ އޮޕަރޭޝަންތައް ވަރުގަދަކޮށް، ގިނަ އަދަދެއްގެ ބަޔަކު ހިފާހައްޔަރު ކުރަމުންދާތީ، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަން ފަށައިފިއެވެ. މި ފަރާތްތަކުން ބުނާ ގޮތުގައި އެމެރިކާ މިހާރު ގޮސްފައިވަނީ އެ ގައުމުގެ ތާރީޚުގައިވެސް ސިއްރު ފުލުހުންގެ ބާރުތައް އެންމެ ނުލަފާކޮށް އަނިޔާވެރިކޮށް ބޭނުންކުރާ އެއް ދުވަސްވަރަށެވެ.

މި އޮޕަރޭޝަންތަކުގައި އާންމު ތަންތަނުގައި ތިއްބާ ގިނަ އަދަދެއްގެ މީހުން ހިފާހައްޔަރުކޮށް، ބާރުގެ ބޭނުންކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ ތެރޭގައި އެމެރިކާގެ ރައްޔިތުންވެސް ހިމެނޭހެން އެއްވެސް ދައުވާއަކާ ނުލައި މީހުން ހައްޔަރުކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.
އެގޮތުން ނިއުޔޯކްގެ ކެނަލް ސްޓްރީޓުން އެމެރިކާ 4 ރައްޔިތަކު 24 ގަޑިއިރަށްވުރެ ގިނަ އިރު ހައްޔަރުކޮށްފައި ބެހެއްޓުމާ ގުޅިގެން، ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުން ވަނީ މިއީ ”ގާނޫނާ ހިލާފު ބިރުވެރިކަމެއް“ ގެ ގޮތުގައި ސިފަކުރައްވާފައެވެ.

ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރައީސް ޑޮނަލްޑް ޓްރަމްޕްގެ މިހާރުގެ ދައުރު ފެށުނީއްސުރެ މިހާތަނަށް 579,000 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.
މިހާރު ދުވާލަކު އެވްރެޖްކޮށް 1,100 މީހުން ހައްޔަރުކުރާއިރު، މިއީ މީގެ ކުރިން ދުވާލަކު 821 މީހުން ހައްޔަރުކުރި އަދަދަށްވުރެ ބޮޑު އިތުރުވުމެކެވެ.
ޔޫޓާ ސްޓޭޓުގައި އެކަނިވެސް 2025 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން 3,040 މީހުން ހައްޔަރުކޮށްފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެކެވެ. މީގެ ތެރެއިން 17 އިންސައްތަ މީހުންނަކީ އެއްވެސް ކުށުގެ ރެކޯޑެއް އޮތް ބައެއް ނޫނެވެ. މުޅި އެމެރިކާއަށް ބަލާއިރު، ހައްޔަރުކުރާ މީހުންގެ ތިންބައިކުޅަ އެއްބަޔަކީ އެއްވެސް ޖިނާއީ ކުށެއް ސާބިތުވެފައިވާ ބައެއް ނޫނެވެ.
ޖެނުއަރީ 2026 އާ ހަމައަށް 68,990 މީހުން އައިސްގެ ބަންދުގައި އެބަތިއްބެވެ. މިއީ މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ މަތީ އަދަދެވެ.
މީގެ ތެރެއިން 73.6 އިންސައްތަ މީހުންނަކީ އެއްވެސް ޖިނާއީ ކުށެއްގެ ރެކޯޑެއް ނެތް މީހުން ކަމަށްވުމުން، އިންސާފުވެރިކަމާ މެދު އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން އަންނަނީ ބޮޑެތި ސުވާލުތައް އުފައްދަމުންނެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި މިފަދަ ”އިހުތިޔާރުެއް ނެތް“ ހައްޔަރުކުރުންތަކުގެ ސަބަބުން އިންސާނީ އަސާސީ ހައްގުތަކަށް ވަނީ ނުރައްކާވެފައެވެ.






