ޔަހޫދީންގެ ހަރުކަށި ޖަމުއިއްޔާ "ބޭތާރު" އުވާލުން: ނަފުރަތާއި އަނިޔާވެރިކަމަށް ލިބުނު ނިމުމެއް

އިބްރާހީމްް ސަމީރު
ޖެނުއަރީ 16, 2026

ބޭތާރު އަކީ ޒަޔަނިސްޓު ފިކުރު ކުރިއަރުވައި، ފަލަސްތީނުގެ ރައްޔިތުންނާއި މުސްލިމުންނާ ދެކޮޅަށް ހަރުކަށި އަމަލުތައް ހިންގުމަށް މަޝްހޫރު ޔަހޫދީންގެ ޖަމުއިއްޔާއެކެވެ. ނަމަވެސް، ފާއިތުވި މަސްތަކުގައި މި ޖަމުއިއްޔާއިން ހިންގަމުންދިޔަ ޣައިރުޤާނީ އަދި ނަފުރަތުން ފުރިގެންވާ ޢަމަލުތަކުގެ ސަބަބުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ ޖަމުއިއްޔާއަށް ވަނީ ބޮޑެތި ޤާނޫނީ ހުރަސްތަކަކާ ކުރިމަތިލާން ޖެހިފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން، އެތައް އަހަރެއް ވަންދެން ހިންގަމުން އައި މި ހަރުކަށި ޖަމުއިއްޔާ މިހާރު ވަނީ އުވާލުމުގެ މަގުމަތީގައެވެ.

މިގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ނިއުޔޯކްގައި އެ ޖަމުއިއްޔާ އުވާލުމަށް ނިއުޔޯކު ސަރުކާރުން ނިންމި ނިންމުމެވެ. ނިއުޔޯކްގެ އެޓަރނީ ޖެނެރަލް ލެޓިޝިއާ ޖޭމްސްއާއެކު ވެވުނު ޤާނޫނީ އެއްބަސްވުމެއްގެ ދަށުން، ”ބޭތާރު ޔޫއެސް“ އިން ވަނީ ނިއުޔޯކްގައި ހިންގާ އެންމެހާ ޙަރަކާތްތައް ހުއްޓާލައި، އެ ސްޓޭޓްގައި އެ ޖަމުއިއްޔާއަށް ދީފައިވާ ’ނޮޓް-ފޯ-ޕްރޮފިޓް‘ ދަރަޖަ އުވާލުމަށް އެއްބަސްވެފައެވެ.

މި ފިޔަވަޅު އަޅަން ޖެހުނީ، އެ ޖަމުއިއްޔާއިން ޢަރަބިންނާއި، މުސްލިމުންނާއި އަދި އެހެނިހެން ނަސްލުތަކަށް އަމާޒުކޮށް، ރޭވުންތެރިކަމާއެކު ހިންގަމުންދިޔަ ފުރައްސާރަކުރުމާއި އަނިޔާވެރި އަމަލުތައް ތަޙުޤީޤަށް ސާބިތުވުމާ ގުޅިގެންނެވެ. މި އެއްބަސްވުމުގެ ދަށުން، މުޒާހަރާކުރާ މީހުންނަށް ބިރުދެއްކުމާއި އަނިޔާވެރިކަމަށް ހިތްވަރުދިނުން އެ ޖަމުއިއްޔާއަށް ވަނީ މަނާކޮށްފައެވެ.

އަދި މި އެއްބަސްވުމާ ޚިލާފުވެއްޖެނަމަ، 50,000 އެމެރިކާ ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން ޖެހޭނެއެވެ.
ހަމައެއާއެކު، ސޯޝަލް މީޑިއާގެ މައިދާނުގައި ވެސް ބޭތާރު ޖަމުއިއްޔާއަށް ވަނީ ބޮޑެތި ނާކާމިޔާބީތަކެއް ކުރިމަތިވެފައެވެ.

2024 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން 2025 ވަނަ އަހަރާ ހަމައަށް، މެޓާ (ފޭސްބުކް އަދި އިންސްޓަގްރާމް) އިން ވަނީ މި ޖަމުއިއްޔާގެ އެކައުންޓްތައް ބޭން ކޮށްފައެވެ. މި ފިޔަވަޅު އެޅީ ފަލަސްތީނަށް ތާއީދުކުރާ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށާއި ދަރިވަރުންނަށް އަމާޒުކޮށް، އެ ޖަމުއިއްޔާއިން ދެމުންދިޔަ މަރުގެ އިންޒާރުތަކާ ގުޅިގެންނެވެ. ޚާއްޞަކޮށް، އިސްރާއީލަށް ފާޑުކިޔާ މީހުންނަށް ޖިސްމާނީ އަނިޔާދިނުމަށް ގޮވާލައި ހިންގި ”ޕޭޖަރ ކެމްޕޭން“ ފަދަ ނުރައްކާތެރި ޙަރަކާތްތަކުގެ ސަބަބުން، އެ ޖަމުއިއްޔާގެ އަސްލު ސޫރަ ދުނިޔެއަށް ހާމަވެގެންދިޔައެވެ.

މީގެ އިތުރުން، އެ ޖަމުއިއްޔާގެ އެތެރޭގެ ހިންގުމަށް ވެސް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ. 2025 ވަނަ އަހަރުގެ މެއި މަހު، ބޭތާރު ޔޫއެސްގެ ލީޑަރު ރޮން ޓޮރޯސިއަން، ވޯލްޑް ޒަޔަނިސްޓް ކޮންގްރެސްގެ އިންތިޚާބުގައި ބައިވެރިވުން ވަނީ މަނާކޮށްފައެވެ. މިގޮތަށް ނިންމީ އޭނާގެ ބަސްމަގު ހަރުކަށިވެފައި، ފަލަސްޔީނު މީހުންނާއި މުސްލިމުންނާ ދެކޮޅަށް ނަފުރަތުން ފުރިގެންވުމުގެ ސަބަބުންނެވެ. އަދި އެހެން ޔަހޫދީ އެކްޓިވިސްޓުންނަށާއި އިލްމީ ބޭފުޅުންނަށް ބިރުދެއްކުމާއި، ބްލެކްމެއިލް ކުރުމުގެ ތުހުމަތުތައް އޭނާގެ މައްޗަށް ވަނީ ކުރެވިފައެވެ.

މެއިން ސްޓްރީމް މީޑިއާއިން މި ޔަހޫދީ ޖަމުއިއްޔަގެ ވާހަކަ ގެނަސްދީފައި ނުވެއެވެ. ބޭތާރު ޖަމުއިއްޔާއަށް ކުރިމަތިވަމުންދާ މި ޤާނޫނީ އަދި އިޖުތިމާޢީ ފިޔަވަޅުތަކަކީ، ޔަހޫދީ ޒަޔަނިސްޓުން ފަތުރާ ނަފުރަތަށް އޮތް ފުރުޞަތު ހަނިވަމުންދާކަމުގެ ހެތްކެކެވެ. ޔަހޫދޫންގެ މި ޖަމުއިއްޔާ އުވާލުމަކީ އިންސާފަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.

 

މި ލިޔުމާ ގުޅޭ