ރަޝިޔާގެ ސަފަރްދްލޯވްސްކް ރީޖަނަލް ކެންސަރު ސެންޓަރުގެ ކެންސަރު ބައްޔަށް ޚާއްޞަ ޑޮކްޓަރުން، އުމުރުން 50 އަހަރުގެ ފިރިހެނެއްގެ ބަނޑުން 60 ކިލޯއަށްވުރެ ބަރު ޓިއުމަރެއް ނަގައި، ކާމިޔާބު އޮޕަރޭޝަނެއް ކޮށްފިއެވެ.
ރަޝިޔާގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މީހާގެ ބަނޑު ބޮޑުވަމުން އަންނަތާ ގާތްގަނޑަކަށް 20 އަހަރު ވެފައިވާ ކަމަށެވެ. ނަމަވެސް، ފުރާނައަށް ނުރައްކާވެދާނެ ފަދަ ކަމެއް އުޅޭކަމުގެ އެއްވެސް ޝައްކެއް އެ މުއްދަތުގެ ތެރޭގައި އޭނާއަށް ކުރެވިފައެއް ނުވެއެވެ.
މި ޓިއުމަރުގެ ބޮޑުމިނުގެ ސަބަބުން ބަލިމީހާގެ ހަށިގަނޑުގެ މުހިންމު ލޭނާރުތަކަށާއި، ގޮހޮރާއި، މަސާނާގެ އިތުރުން ބަނޑުގެ އެހެނިހެން ގުނަވަންތަކަށް ފިއްތުންތަކެއް ކުރިމަތިވެފައިވާ ކަމަށް ޑޮކްޓަރުން ފާހަގަކުރެއްވިއެވެ. ގާތްގަނޑަކަށް މުޅި ބަނޑުތެރެ އޮތީ މި ޓިއުމަރުން ފުރިފައެވެ.
އަށް ގަޑިއިރަށް ދެމިގެންދިޔަ މި ނުރައްކާތެރި އޮޕަރޭޝަނާ ގުޅޭގޮތުން ޑޮކްޓަރުން ބުނީ، ފާއިތުވި 30 އަހަރުގެ ޚިދުމަތުގައިވެސް މިފަދަ ބޮޑު ޓިއުމަރެއް ފެނިފައިނުވާ ކަމަށެވެ. މިއީ ”ލިޕޯސާކޯމާ“ ނަމަކަށް ކިޔާ ކެންސަރުގެ ބާވަތެކެވެ. މި ބާވަތުގެ ޓިއުމަރުތަކަކީ ފެށޭއިރު ވަރަށް ލަހުން ބޮޑުވާ، އަދި އެއްވެސް އަލާމާތެއް ނުފެންނަ އެއްޗެކެވެ. ނަމަވެސް މިއީ ވަކިވަރަކަށް ބޮޑުވުމުން އިންތިހާއަށް ނުރައްކާތެރިވާ އެއްޗެއްކަމަށް ޑޮކްޓަރުން ބުނެއެވެ.
މިކަމާ ގުޅޭގޮތުން ބަލިމީހާ ބުނީ، އޭނާގެ ބަނޑު ބޮޑުވާން ފެށީ އުމުރުން 33 އަހަރުގައި ކަމަށެވެ. ”އުމުރުން 50 އަހަރުވަންދެން މާބޮޑު އުނދަގުލެއް ނުވާ ކަމަށާއި. ވަރަށް ފަސޭހައިން ހަރަކާތްތެރިވެ އުޅެވުނު، ކަމަށެވެ. އެކަމަކު 50 އަހަރު ފުރުނުފަހުން އުނދަގޫތަކެއްވާން ފެށުމުން ޑޮކްޓަރަށް ދެއްކީއެވެ.






