ނޭޕާލުގައި ތިބި ޓިބެޓް ރެފިއުޖީންނަށް ޗައިނާގެ ފާރަވެރިވުމުގެ ނުރައްކާ

އިބްރާހީމްް ސަމީރު
ޖެނުއަރީ 19, 2026

ނޭޕާލުގައި ބޭނުންކުރަމުންދާ ޗައިނާގެ ފާރަވެރިވުމުގެ ޓެކްނޮލޮޖީގެ ސަބަބުން، އެ ގައުމުގައި ދިރިއުޅޭ ޓިބެޓުގެ ރެފިއުޖީންނަށ ނުރައްކާތަކެއް ކުރިމަތިވަމުންދާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނެފިއެވެ. މިކަމާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެ ޖަމާއަތްތަކުން ވަނީ ގޮވާލާފައެވެ.

ދިރާސާ ކުރާފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ޓިބެޓްގައި މީހުން ކޮންޓްރޯލްކުރުމަށް ބޭނުންކުރާ ފަދަ ވަސީލަތްތައް ނޭޕާލަށް އެތެރެކުރުމުގެ ސަބަބުން، އެ ސަރަހައްދުގައި ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކޮށްގެން މީހުންގެ މިނިވަންކަން ހަނިކުރުން އާންމުވުމުގެ ބިރު އެބައޮތެވެ. އެހެންކަމުން، ސަވައިލަންސް ޓެކްނޮލޮޖީ އެކްސްޕޯޓްކުރުމުގައި ހަރުދަނާ ބައިނަލްއަގުވާމީ މިންގަނޑުތަކެއް ކަނޑައެޅުމަށާއި، އިންސާނީ ހައްގުތަކަށް ކުރާނެ އަސަރުތައް ބެލުމަށް އެ ފަރާތްތަކުން ބާރުއަޅައެވެ.

ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ތަރައްގީވަމުން އަންނަ ގައުމުތަކުން ޗައިނާގެ ސިސްޓަމްތަކަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި، އިންސާނީ ހައްގުތަކަށް އިހުތިރާމްކުރާ ފަދަ އަގުހެޔޮ ޓެކްނޮލޮޖީގެ ބަދަލުތަކެއް ހުށަހަޅަންޖެހެއެވެ. އަދި މަދަނީ ޖަމާއަތްތަކުން މިފަދަ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހިންގާ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް ލިޔެކިޔުމުން ބެލެހެއްޓުން އިތުރުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ނޭޕާލުގެ ތަޖުރިބާކާރުން އިންޒާރު ދޭ ގޮތުގައި، އެ ގައުމުގައި ޑޭޓާ ރައްކާތެރިކުރުމާ ބެހޭ ހަރުދަނާ ގާނޫނުތަކާއި މިނިވަން މުއައްސަސާތަކެއް ނެތުމުގެ ސަބަބުން، ރެފިއުޖީންނާއި އެކްޓިވިސްޓުން ތިބީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. އެހެންކަމުން، ކަތަމަންޑޫ ސަރުކާރުން މިހާރު ހުރި ޗައިނާގެ އިންފްރާސްޓްރަކްޗާތައް މުރާޖައާކުރުމަށާއި، ބެއިޖިންގާއެކު ވެފައިވާ ޓެކްނޮލޮޖީ ހިއްސާކުރުމުގެ އެއްބަސްވުންތައް ހާމަކުރުމަށް ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން، އެއް ގައުމަކަށް ބަރޯސާވުމުގެ ބަދަލުގައި އެކި ގައުމުތަކާއެކު ޕާޓްނަޝިޕްތައް އުފައްދައި، ޓެކްނޮލޮޖީގެ ދާއިރާ ސިންދަފާތު ކުރުމަކީ މިވަގުތަށް މުހިންމު ކަމެއްގެ ގޮތުގައި ތަޖުރިބާކާރުން ފާހަގަކުރެއެވެ.

މި ލިޔުމާ ގުޅޭ