އާރްއެސްއެފް އާއި ޔޫއޭއީއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އައިސީސީން ތައްޔާރުވަނީ

އިބްރާހީމްް ސަމީރު
ޖެނުއަރީ 21, 2026

ސޫދާންގެ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) އާއި އެ ޖަމާއަތަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ތުހުމަތު ކުރެވޭ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އާ ދެކޮޅަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން ފިޔަވަޅު އެޅުމަށް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މި ފިޔަވަޅުތައް އަޅަން ނިންމާފައިވަނީ ހިސާރުކޮށްފައިވާ އަލް ފާޝިރު ސިޓީގައި ހިންގާފައިވާ ލާއިންސާނީ އަމަލުތަކުގެ ގިނަ ހެކިތަކެއް ލިބުމާ ގުޅިގެންނެވެ.

އައިސީސީގެ ތަހުގީގު ކުރާ ފަރާތްތަކުން އެއްކޮށްފައިވާ ހެކިތަކުން ދައްކާ ގޮތުގައި، އުތުރު ދާރްފޫރުގެ ވެރިރަށް އަލް ފާޝިރަށް ދިން ހަމަލާތަކުގައި ނަސްލު ނައްތާލުމުގެ އަމަލުތަކާއި، ގިނަ ބަޔަކު ރޭޕްކުރުމާއި، ބަނޑަށް ޖެއްސުމުގެ އުކުޅުތައް ބޭނުންކުރުން ފަދަ އިންސާނީ ހައްގުތަކާ ހިލާފު ބޮޑެތި ޖަރީމާތައް އާރްއެސްއެފް އިން ވަނީ ހިންގާފައެވެ. ކޯޓުން މިހާރު ދަނީ ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ހިލާފު ކުށްތަކުގެ ދައުވާ އުފުލޭނެ ގޮތްތައް ބަލަމުންނެވެ.

އާރްއެސްއެފް އަށް ހަތިޔާރާއި ލޮޖިސްޓިކް އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ކުރެވޭ ތުހުމަތުތައް ޔޫއޭއީން ތަކުރާރުކޮށް ދޮގުކުރެއެވެ. ނަމަވެސް، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކާއި އދ. ގެ މާހިރުން ބުނާ ގޮތުގައި، ދާރްފޫރުގައި އެ މިލިޝިއާގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ބޭރުގެ އެހީތެރިކަން ލިބޭ ކަމުގެ ”އިތުބާރު ހުރި ނިޝާންތަކެއް“ ފެންނަން އެބަހުއްޓެވެ.

އަލް ފާޝިރަކީ އާރްއެސްއެފްގެ ކޮންޓްރޯލްގެ ދަށަށް ނުގޮސް ދާރްފޫރުގައި އޮތް އެންމެ ފަހު ބޮޑު ސިޓީއެވެ. އިންސާނީ އެހީ ފޯރުކޮށްދޭ އިދާރާތަކުން ބުނާ ގޮތުގައި އެ ސިޓީގައި ހިންގަމުންދާ ކަންކަމަކީ ”ލާއިންސާނީ ޖަރީމާތަކުގެ ނަމޫނާ މިސާލެއް“ ކަމަށާއި، އެތައް ބަޔަކު ގެދޮރު ދޫކޮށް ދިއުމާއި، އަމާޒުކޮށްގެން މީހުން މެރުމާއި، ނިޒާމީ ގޮތެއްގައި ހިންގާ ޖިންސީ އަނިޔާތައް އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ.

އައިސީސީން މި މައްސަލައިގައި ކުރިއަށް ގޮސްފިނަމަ، މިއީ 2023 ވަނަ އަހަރުގެ އޭޕްރިލް މަހު ސޫދާންގައި ހަނގުރާމަ ފެށުނު ފަހުން ބައިނަލްއަގުވާމީ ގާނޫނީ ދާއިރާއިން އެޅޭނެ އެންމެ މުހިންމު ފިޔަވަޅަށް ވާނެއެވެ. މިއީ ސޫދާން ހަނގުރާމައިގައި ކުށްކޮށްފައިވާ ފަރާތްތަކަށް އަދަބު ނުދެވި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރާ މަސައްކަތުގެ ބޮޑު ކުރިއެރުމެކެވެ.

މި ލިޔުމާ ގުޅޭ