އިނގިރޭސިވިލާތުގެ 40 ބިލިއަން ފައުންޑްގެ ތައުލީމީ މަރުކަޒަކަށް އިންޑިއާ

އިބްރާހީމްް ސަމީރު
ޖެނުއަރީ 22, 2026

އިނގިރޭސިވިލާތުގެ ތައުލީމީ އެކްސްޕޯޓް 2030 ވަނަ އަހަރުގެ ނިޔަލަށް އަހަރަކު 40 ބިލިއަން ފައުންޑަށް އިތުރުކުރުމަށް އެކުލަވާލި އައު އިންޓަނޭޝަނަލް އެޑިއުކޭޝަން ސްޓްރެޓެޖީގެ އެންމެ މުހިންމު އެއް ގައުމަކަށް އިންޑިއާ ހަމަޖައްސައިފިއެވެ. އިކޮނޮމިކް ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިއީ އިނގިރޭސިވިލާތުގެ ބައިނަލްއަގުވާމީ ތައުލީމީ ސިޔާސަތަށް އައި ބޮޑު ބަދަލެކެވެ.

މި އައު ވިސްނުމުގެ ދަށުން އިންޑިއާގެ އިތުރުން އިންޑޮނޭޝިއާ، ނައިޖީރިއާ، ސައުދީ އަރަބިއްޔާ އަދި ވިއެޓްނާމަކީ މައިގަނޑު ފޯކަސް މާކެޓްތަކުގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

މި ސިޔާސަތުގެ ދަށުން، އިނގިރޭސިވިލާތަށް ކިޔަވަން ދާ ބޭރު ދަރިވަރުންގެ އަދަދު އިތުރުކުރުމުގެ ބަދަލުގައި، އިސްކަންދެނީ އިނގިރޭސިވިލާތުގެ ތައުލީމު ބޭރު ގައުމުތަކުގައި ފުޅާކުރުމަށެވެ. މީގެ ތެރޭގައި ބޭރު ގައުމުތަކުގައި އިނގިރޭސި ޔުނިވާސިޓީތަކުގެ ކެމްޕަސްތައް ހުޅުވުމާއި، ޑިޖިޓަލް ލާނިން އަދި ހުނަރު ތަރައްގީކުރުމުގެ ދާއިރާ ހިމެނެއެވެ.

އިންޑިއާއަކީ މި ކުރިއެރުމުގެ މައިގަނޑު ބައިވެރިއެއްގެ ގޮތުގައި ފާހަގަކުރަމުން، ޔުނިވާސިޓީ އޮފް ސައުތުހެމްޕްޓަނުން އިންޑިއާގެ ގުރުގްރާމްގައި ހުޅުވި ކެމްޕަސް ވަނީ ކާމިޔާބު މިސާލެއްގެ ގޮތުގައި ދައްކާފައެވެ.

މިއީ އިންޑިއާގެ އައު ޔޫޖީސީ ގަވާއިދުގެ ދަށުން އެ ގައުމުގައި ގާއިމުކުރި ބޭރުގެ ފުރަތަމަ ޔުނިވާސިޓީ ކެމްޕަހެވެ. މީގެ އިތުރުން، 2025 ވަނަ އަހަރު އިނގިރޭސިވިލާތުގެ އިތުރު ނުވަ ޔުނިވާސިޓީއެއްގެ ކެމްޕަސް އިންޑިއާގައި ހުޅުވުމަށް ވަނީ އިއުލާންކޮށްފައެވެ.

އިނގިރޭސިވިލާތުގެ އެޑިއުކޭޝަން ސެކްރެޓަރީ ބްރިޖެޓް ފިލިޕްސަން ވިދާޅުވީ، މިވިސްނުމުގެ ސަބަބުން ތައުލީމީ މުއައްސަސާތަކަށް ލިބޭ އާމްދަނީ އިތުރުވެ، ބައިނަލްއަގުވާމީ ގުޅުންތައް ވަރުގަދަވާނެ ކަމަށެވެ. އަދި މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މިލިއަނުން ބައެއް ދަރިވަރުންނަށް، އެކުދިންގެ އަމިއްލަ ގައުމުގައި ތިބެގެން އިނގިރޭސިވިލާތުގެ ފެންވަރު ރަނގަޅު ތައުލީމު ހާސިލުކުރުމަށް ލިބޭ ފުރުސަތެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި ’އެޑިއުކޭޝަން ސެކްޓަރ އެކްޝަން ގްރޫޕް‘ އެއް އެކުލަވާލައި، ވިޔަފާރީގެ ހުރަސްތައް ނައްތާލުމަށާއި އިންޑިއާ ފަދަ ބޮޑެތި މާކެޓްތަކުގައި ތައުލީމީ ދާއިރާ ފުޅާކުރުމަށް މަސައްކަތް ކުރާނެއެވެ. މީގެ ސަބަބުން އިނގިރޭސިވިލާތުގެ ’ސޮފްޓް ޕަވަރ‘ ނުވަތަ ނުފޫޒު ދުނިޔޭގެ ފެންވަރުގައި އިތުރުވެގެންދާނެ ކަމަށް އެ ގައުމުގެ އޮފިޝަލުން ގަބޫލުކުރެއެވެ.

މި ލިޔުމާ ގުޅޭ