އެމެރިކާގައި އަންހެނުންނަށް ކުރާ އަނިޔާއާއި ތަފާތުކުރުންތައް އިތުރުވަނީ

އިބްރާހީމްް ސަމީރު
ފެބްރުއަރީ 2, 2026

އެމެރިކާގެ އެކި ކަންކޮޅުތަކުގައި މަސައްކަތުގެ މާހައުލުގައާއި އާންމު ދިރިއުޅުމުގައި އަންހެނުންނަށް ކުރާ އަނިޔާއާއި ތަފާތުކުރުންތައް އިންތިހާއަށް އިތުރުވަމުންދާކަން ފެޑަރަލް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި މައްސަލަތަކުގެ ތެރޭގައި ޖިންސީ ފުރައްސާރައާއި، އުޖޫރައިގެ ތަފާތުކުރުންތަކާއި، މަސައްކަތުގެ މާހައުލުގައި ހިންގާ އަނިޔާވެރި އަމަލުތައް ހިމެނޭއިރު، މީގެ އެންމެ ބޮޑު ތަކުލީފެއް އުފުލަންޖެހެނީ އެ ގައުމަށް ހިޖުރަކޮށްފައިވާ އަންހެނުންނެވެ.

ޕިއު ރިސާޗުން ދައްކާގޮތުގައި މަސައްކަތްކުރާ އަންހެނުންގެ 42 އިންސައްތަ މީހުންނަށް ވަޒީފާގެ މާހައުލުގައި ޖިންސީ ތަފާތުކުރުންތަކާ ކުރިމަތިލާންޖެހެއެވެ. މީގެ ތެރެއިން ކަޅު ނަސްލުގެ އަންހެނުންގެ ހާލަތު ވަނީ މާ ބޮޑަށް ގޯސްވެފައެވެ. އެގޮތުން ކަޅު ނަސްލުގެ އަންހެނުންގެ 53 އިންސައްތަ މީހުން ތަފާތުކުރުންތައް ތަހައްމަލުކުރާއިރު، 25 އިންސައްތަ މީހުން ބުނާގޮތުގައި އެމީހުންނަށް މިފަދަ ކަންކަމާ ގަވާއިދުން ކުރިމަތިލާންޖެހެއެވެ.

އިގްތިސާދީ ގޮތުން ބަލާއިރު، ފިރިހެނަކަށް ލިބޭ ކޮންމެ ޑޮލަރަކަށް އަންހެނުންނަށް ލިބެނީ އެވްރެޖްކޮށް 82 ސެންޓެވެ. މި ފަރަގު ކަޅު ނަސްލުގެ އަންހެނުންނަށް 64 ސެންޓަށް އަދި ލެޓީނާ އަންހެނުންނަށް 54 ސެންޓަށް ކުޑަވެއެވެ. މީގެ އިތުރުން، 22 އިންސައްތަ އަންހެނުންނަށް ވަޒީފާގައި ޖިންސީ ފުރައްސާރައާ ކުރިމަތިލާންޖެހޭއިރު، 60 އިންސައްތަ އަންހެނުންނަށް އެމީހުންގެ ކެރިއަރުގައި ކޮންމެވެސް ހިސާބަކުން ނުރުހުމުގައި ޖިންސީ ގޯނާކުރުމުގެ އަމަލުތަކާ ކުރިމަތިލާންޖެހިފައިވެއެވެ.

2022 ވަނަ އަހަރު އީކުއަލް އެމްޕްލޯއިމަންޓް އޮޕޮޗޫނިޓީ ކޮމިޝަނަށް 20،000 އަށްވުރެ ގިނަ ޖިންސީ ތަފާތުކުރުމުގެ ޝަކުވާ ހުށަހަޅާފައިވެއެވެ. އަދި މަސައްކަތުގެ މާހައުލުގައި ހިނގާ އަނިޔާވެރި ހާދިސާތަކުގެ 72.5 އިންސައްތަ ހިއްސާކުރަނީ އަންހެނުންނެވެ. މިފަދަ ހާދިސާތައް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާގެ މަސައްކަތްތެރިންނެވެ.

އެމެރިކާއަށް ހިޖުރަކޮށްފައިވާ އަންހެނުންނަށް، ހާއްސަކޮށް ގަވާއިދާ ހިލާފަށް އުޅޭ މީހުންނަށް، އެންމެ ބޮޑެތި އަނިޔާތަކާ ކުރިމަތިލާންޖެހެއެވެ. ގޭތެރޭގެ މަސައްކަތްތަކުގައި އުޅޭ މީހުންގެ 76 އިންސައްތައަކީ އަންހެނުން ކަމަށްވާއިރު، ގިނަ ވަގުތު މަސައްކަތް ކުރުވުމާއި، ބަހުގެ ހަމަލާތަކާއި، ޖިންސީ އަނިޔާ އަދި މުސާރަ ނުދިނުން ފަދަ މައްސަލަތައް މި މީހުންނަށް ކުރިމަތިވެއެވެ. 2024 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ހިޖުރަވެރި އަންހެނުންނަށް ކުރާ ޖިންސީ އަނިޔާ ވަނީ ހަތް ގުނަ އިތުރުވެފައެވެ.

 

މި ލިޔުމާ ގުޅޭ