ޑެންމާކުގެ އިންޓެލިޖެންސް ސާވިސްގެ ސައިބާ ހެކިން އެކަޑަމީއަށް އަލުން މީހުން ހޮވަން ފަށައިފި

އިބްރާހީމްް ސަމީރު
ފެބްރުއަރީ 4, 2026

ޑެންމާކުގެ ޑިފެންސް އިންޓެލިޖެންސް ސާވިސް (އެފްއީ) އިން ހިންގާ ”ޑެނިޝް ހެކިން އެކަޑަމީ“ އަށް މީހުން ހޮވުމަށް 6 އަހަރަށްފަހު އަލުން ހުޅުވާލައިފިއެވެ. މިއީ ދުނިޔޭގެ ޑިޖިޓަލް މައިދާނުގައި ވާދަވެރިކަން ބޮޑުވަމުންދާ ދަނޑިވަޅެއްގައި، ސައިބާ އޮޕަރޭޝަންތަކަށް ޑެންމާކުން ދޭ ސަމާލުކަން އިތުރުވެފައިވާކަން ހާމަކޮށްދޭ ނިންމުމެކެވެ.

ރަސްމީ ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުން، މިއަހަރުގެ އޮގަސްޓް މަހުގެ 3 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ތަމްރީނު ޕްރޮގްރާމަކީ ގާތްގަނޑަކަށް ފަސް މަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާނެ ވަރަށް ވަރުގަދަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މުގައްރަރު މިހާރު ވަނީ ޒަމާނީ ސައިބާ ސެކިއުރިޓީގެ ގޮންޖެހުންތަކާ ކުރިމަތިލެވޭނެ ފަދަ ގޮތަކަށް އަލުން ފަރުމާކޮށްފައެވެ.

އެފްއީ އިން ފާހަގަކުރި ގޮތުގައި މި އެކަޑަމީއަށް ވަނުމަށް ރަސްމީ އެކަޑެމިކް ތައުލީމަށްވުރެ ބޮޑަށް ބަލަނީ އަމަލީ ގޮތުން ބިނާކުރަނިވި ވިސްނުމާއި، ކަންކަމަށް ހޭނުމުގެ ގާބިލުކަމާއި، ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުނަރަށެވެ. މިއީ ހުޅަނގުގެ އިންޓެލިޖެންސް އިދާރާތަކުން މިހާރު އާންމުކޮށް ގެންގުޅޭ އުސޫލެކެވެ.

މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން އެ އިދާރާގެ މުވައްޒަފެއް ކަމަށްވާ ”އޮސްކާ“ ބުނީ، މީގެ ކުރިން މި އެކަޑަމީގައި ކިޔަވާފައިވާ މީހުންގެ ތެރޭގައި ސްކޫލް ނިންމި ގޮތަށް ގުޅުނު ކުދިންނާއި، ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުންގެ އިތުރުން ޒުވާނުންނާއި ދުވަސްވީ މީހުންވެސް ހިމެނޭ ކަމަށެވެ.

މި އެކަޑަމީން ދަސްވެނިވާ މީހުންގެ މައިގަނޑު މަސައްކަތަކަށް ވާނީ ޑެންމާކުގެ ގައުމީ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި އެހެން ގައުމުތަކުގެ ކޮމްޕިއުޓަރު ނެޓްވޯކްތަކަށް ވަނުމެވެ. މިއީ ޑެންމާކުގެ ފުޅާވަމުންދާ ސައިބާ ސްޓްރެޓެޖީގެ މުހިންމު ބައެކެވެ.

ހުޅަނގުގެ ގައުމުތަކުން ސައިބާ ހަމަލާތައް ދިނުމުގެ ގާބިލުކަން އިތުރުކުރަމުންދާއިރު، މިފަދަ ޕްރޮގްރާމްތަކަކީ ދިފާއީ މަސައްކަތެއްގެ ގޮތުގައި އެ ގައުމުތަކުން ސިފަކުރެއެވެ. ނަމަވެސް، ރަޝިޔާ ފަދަ ގައުމުތަކުން ވަނީ ނޭޓޯގެ މެންބަރު ގައުމުތަކުން ސައިބާ މައިދާން އަސްކަރީ މައިދާނަކަށް ހަދަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ލިޔުމާ ގުޅޭ