އިންޑިއާގައި އުފައްދާ މުދަލުން އެމެރިކާއިން ނަގާ ޓެރިފް ނުވަތަ އިމްޕޯޓް ޑިއުޓީ 18 އިންސައްތައަށް ކުޑަކުރުމަށް ނިންމި ނިންމުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މަރުހަބާ ވިދާޅުވެއްޖެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ކުރެއްވި ފޯނު ކޯލަކަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޯދީ ވަނީ 1.4 ބިލިއަން އިންޑިއާ ރައްޔިތުންގެ ނަމުގައި ޓްރަމްޕަށް ޝުކުރު އަދާކުރައްވާފައެވެ.
ބޮޑުވަޒީރު މޯދީ ވިދާޅުވީ އިންޑިއާ އާއި އެމެރިކާގެ އިގްތިސާދީ ގުޅުން ބަދަހިވުމަކީ ދެ ގައުމަށް ވެސް ބޮޑެތި ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމެއް ކަމަށެވެ. އަދި ދުނިޔޭގެ ސުލްހަ މަސަލަސްކަމާއި ހަމަޖެހުމަށް ރައީސް ޓްރަމްޕް ކުރައްވާ މަސައްކަތްޕުޅަށް ތައުރީފު ކުރައްވަމުން، ދެ ގައުމުގެ ގުޅުން މީގެ ކުރިން ދުވަހަކުވެސް ނުދާހާ އުސްމިނަކަށް ގެންދިއުމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ’ޓްރުތް ސޯޝަލް‘ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންޑިއާގެ މުދަލުން ނަގާ ޓެރިފް 25 އިންސައްތައިން 18 އިންސައްތައަށް ދަށްކުރުމަށް ދެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ. މޯދީއަކީ އެނާގެ އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނޭ ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވަމުން ޓްރަމްޕް ވިދާޅުވީ، ދެ ބޭފުޅުންނަކީ ވެސް ކަންކަން ހާސިލުކުރާ ނަތީޖާނެރޭ ބޭފުޅުން ކަމަށެވެ.
މީގެ އިތުރުން ރައީސް ޓްރަމްޕް ވިދާޅުވީ، ރަޝިއާގެ ތެޔޮ ގަތުން ހުއްޓާލުމަށާއި އެމެރިކާއިން ހަކަތަ އިމްޕޯޓް ކުރާ މިންވަރު އިތުރުކުރުމަށް މޯދީ އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އިންޑިއާ ސަރުކާރުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި ވިޔަފާރީގެ އެއްބަސްވުމުގެ ތަފްސީލުތައް ވެސް ނިއުދިއްލީން އަދި ހާމައެއް ނުކުރެއެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވި ގޮތުގައި، އެމެރިކާގެ މުދަލުން ނަގާ ޓެރިފްތަކާއި އެ ނޫންވެސް ހުރަސްތައް ނައްތާލައި ’ޒީރޯ‘ އަށް ތިރިކުރުމަށް އިންޑިއާއިން މަސައްކަތް ކުރާނެއެވެ. އަދި އެމެރިކާގެ ހަކަތަ، ޓެކްނޮލޮޖީ، އަދި ދަނޑުވެރިކަމުގެ އުފެއްދުންތައް ގަންނަ މިންވަރު ބޮޑުތަނުން އިތުރުކުރުމަށް އިންޑިއާއިން ވައުދުވެފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިދިޔަ ޑިސެމްބަރު މަހުވެސް މި ދެ ބޭފުޅުން ވަނީ އިގްތިސާދީ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާ ކުރައްވާފައެވެ.






